ބާޒިލްގެ ދެލޮލަށް ބަލަހައްޓައިގެން މެލެކް ހުރީ އެސްފިޔަ ޖަހާލަންވެސް ބޭނުންނުވެފައެވެ. އެހާ ހިނދުކޮޅެއްގެ ތެރޭގައިވެސް ލޯ ކުރިމަތިން އިތުރަށް ބާޒިލް ގެއްލިދާނެހެން ހީވާތީއެވެ. ދެމަފިރިންގެ ދުލުގައިވެސް ލަފްޒެއް ނެތެވެ. އެގޮތުގައި ހިނދުކޮޅެއް ވެއަތުވެގެން ދިޔައެވެ. ދެމަފިރިންނަށް ވެސް ސިހުން ލިބުނީ މެލެކްގެ ހެދުމުގައި ލޫލު ހިފައިގަތުމުންނެވެ. ސިހިފައި މެލެކް ލޫލުއަށް ބަލައިލިއެވެ. އޭނާ ލޫލު އުރާލަން އުޅުމުން އެކަން ހުއްޓުވީ ބާޒިލް އެވެ.

ބާޒިލް ލޫލު އުރާލިއެވެ. ގޮވައިގެން ގޮސް އެނދުގައި ބޭންދުމަށްފަހު ފޯނުން ބޭބީ ލަވައެއް އަޅުވާލާފައި ލޫލު އަތަށް ދިނެވެ. ދެން އަނެއްކާވެސް އެނާ އައިސް ހުއްޓުނީ މެލެކް ކުރިމަތީގައެވެ. ބާޒިލް ނޫން އެހެން ދިމާލަށް ބެލުން މެލެކް ހަރާންކޮށްގެން ހުރި ކަހަލައެވެ. ނުވަތަ އަދިވެސް އޭނާގެ ހިތް ނުފުރެނީއެވެ. ކަޅިޖަހާލަންވެސް ބޭނުމެއް ނުވެއެވެ. މެލެކްގެ ދެލޯ ފުރިގެން އައެވެ. ބާޒިލް އާ މެދު ކަންތައް ކުރެވުނު އިހާނެތި ގޮތްތައް އޭނާގެ ދެލޮލުން ކަރުނަ އޮށްސާލަން މަޖުބޫރު ކުރިއެވެ. މެލެކްގެ ދެލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި ފޮހެލަން ބާޒިލް އަތް ހިއްލާލިއެވެ. އެހެންނަމަވެސް އާހް... މެލެކްގެ ހުއްދަ އެކަމަށް ނޯންނާނޭ ހީވުމުން އެ އަތް އޭނާ ތިރިކޮށްލިއެވެ.

"ބާ ޒި ލް...." މިފަހަރު މެލެކްގެ އަޑު އައީ ކުރިއަށް ވުރެ ބާރަށެވެ.

އެހިނދު ބާޒިލްގެ ތުންފަތް ދެފަރާތަށް ދެމިގެން ދިޔައެވެ. ދެ އުކުޅުގައި އަތް ވިދެލިގޮތަށް އޭނާ އެނބުރުނީ އަނެއް ފަރާތަށެވެ. މެލެކް އާ ދުރަށް ހިނގަމުން ގޮސް އޭނާ އެނދުގައި އިށީނެވެ. ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ. ބާޒިލްގެ ކޮންމެ ހަރަކާތަށް ބަލަން މެލެކް ހުއްޓެވެ. ކުއްލިއަކަށް ބާޒިލްއަށް ވީގޮތެއް ދެނެގަންނަން މެލެކް އަށް ނޭނގުނެވެ. އެހެން ހިނދުކޮޅަކު އިނދެފައި ބާޒިލް ތެދުވިއެވެ. އަނެއްކާވެސް އޭނާ އައިސް މެލެކް ކުރިމަތީގައި ހުއްޓުނެވެ. މިފަހަރު ކުރިން ފާހަގަނުވާ ކަމެއް މެލެކްއަށް ފާހަގަވިއެވެ. ބާޒިލްގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު މެލެކްއަށް ފެނުނެވެ.

"އަދި އެއްފަހަރު ކުޑަތަންކޮޅެއް ބާރަށް އަހަރެންގެ ނަމުން ގޮވާލަދެވިދާނެތަ؟" ބާޒިލް އެދުނެވެ.

ކަރުނައިގެ ތެރެއިން މެލެކްގެ ތުންފަތަށް އެހިނދު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"ބާޒިލް... "މިފަހަރު ބާޒިލްގެ ހިތާ ކުޅެލާ ފަދަ އަސަރުހުރި ގޮތަކަށެވެ. ބާޒިލް ދެލޯމަރާލިއެވެ. މެލެކްގެ ދުލުން އޭނާއަށް ގޮވާލާނެ އިރަކަށް އޭނާ އެތައް އިންތިޒާރެއްކޮށްފިއެވެ. މެލެކްގެ އަޑު އަހާލާހިތުން އޭނާ ހުރީ މޮޔަވާ ހާލުގައެވެ. އޭނާގެ މޫނަށް ބަލައިލާ މެލެކް ހަދިޔާކޮށްލި ފަނޑު ހިނިތުންވުން އޭނާގެ ނަފްސަށް ހަމަޖެހުން ގެނެސްދީފިއެވެ.

"ތެންކިޔު..." ބާޒިލް ބުންޏެވެ.

"ކިހިނެއްތަ"؟ ބާޒިލް އަހާލިއެވެ.

ޖަޒުބާތުގައި ޖެހުނުވަރުން މެލެކްގެ ހާލު އޭނާއަށް އަހާލެވުނީވެސް މާލަހުންނެވެ. އެހެންނަމަވެސް ރަނގަޅުތާއެވެ. ބަރަކާތްތެރި ވަގުތުކޮޅެކެވެ. ދެމަފިރިންގެ ކެނޑެމުންދާ ހަޔާތުގެ ވާފަށުގައި އިތުރު ގޮށެއް ޖަހައި ވަރުގަދަވެގެން ދާނެ ކަމަށް އޭނާ އުންމީދުކުރާ ވަގުތުކޮޅެވެ. މަންޒަރު އޭނާގެ ލޮލަށް ފެނުނީ ނުހަނު ސާފުކޮށެވެ. މެލެކްގެ ރުހުން ލިބުނުކަމުގެ އިހުސާސް ކުރުވައިފިއެވެ.

"ރަނގަޅު" މެލެކް ބުންޏެވެ.

އެއްފިޔަވަޅު މެލެކް އާ ގާތަށް ބާޒިލް ޖެހިލިއެވެ. މެލެކްގެ ގައިގައި ފިރުމާލާހިތުން އޭނާގެ ހިތް ތެޅިފޮޅެނީއެވެ. އޭނާ ބޭނުންވަނީ މިހުރިހާ ދުވަހަށ ްވާވަރަށް މެލެކްގެ ގައިގައި ބައްދާލާށެވެ. އެންމެ ހިނދުކޮޅަކުން އޭނާގެ ހިތް ފުރާލާށެވެ.

"ތި.... ކަރުނަތައް...." ބާޒިލް އިޝާރާތްކޮށްލީ މެލެކްގެ ލޮލުން ރޮނގެއްހެން ފައިބައިގެން ދިޔަ ކަރުނަތަކެވެ. ކޯތާފަތުގައި މެލެކް އަތްޖައްސާލިއެވެ. ކަރުނަތިކި އިނގިލިން ފޮހެލަމުން މެލެކް ހިނިތުންވެލިއެވެ.

"މެލީގެ ދެލޮލުން ކަރުނަ ފެންނަހާ ހިނދެއްގައި އަހަންނަށް ލިބެންވާ ހަމަޖެހުން ނުލިބޭނެ. ޕްލިޒް ނުރޮއްޗެ" ބާޒިލް ބުންޏެވެ.

ބާޒިލްގެ ކޮންމެ ޖުމްލައާއެކު މެލެކްއަށް ޖަޒުބާތީވެވެމުން ދިޔައެވެ. އޭނާގެ ހިތް ޝަކުވާކުރަމުން ދިޔައެވެ. ބާޒިލްގެ ދުލުން ބޭރުވާ ކޮންމެ ލަފްޒަކުން ހިތްހަމަޖެހުން ލިބެމުން ދިޔައެވެ. އެހެންނަމަވެސް އިހުސާސް ވަނީ އަދިވެސް ދުރުކަމެވެ. ކީއްވެގެން ހެއްޔެވެ؟ ބާޒިލް އަތުގެ ބީހުން އިހުސާސް ނުވާތީ ހެއްޔެވެ؟ ކުރީގެ ބާޒިލް އޭ މީހަކު ނުވެސްބުނާނެއެވެ. ބާޒިލްއަށް ދުރުގައި ހުރެވޭ ހެއްޔެވެ؟ ކައިރިއަށް ނާންނަނީ ކީއްވެގެން ހެއްޔެވެ؟ އަތުގައި ހިފާނުލަނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެންގެ ހާލު އަހާނުލާނަންތަ؟ އަދިވެސް އެހާ ރުޅިއާދޭތަ" ބާޒިލް އަހާލިއެވެ.

ބާޒިލް އެހެން ބުނުމުން މެލެކް ދެރަވެއްޖެއެވެ. އޭނާ ބާޒިލްދެކެ ރުޅިއައީ ކޮންއިރަކު ހެއްޔެވެ؟ ބާޒިލްދެކެ ލޯބިވާ މިންވަރު އޭނާ ދަންނަ ގާތް އެއްވެސް އިންސާނަކަށް އޮޅިފައެއް ނުވާނެއެވެ. ހަނދާން ނައްތާލަން އެތައް މަސައްކަތްކޮށް ހަނދާނުން ފިލުވާނުލެވުނު ހަމައެކަނި އިންސާނަކީ އެއީ އެވެ. ދިރިއުޅުމުގައި އެތަކެއް ހިތްދަތިކަމަކާ ތަކުލީފުތަކެއް ލިބުނު އިރުވެސް ހިތް އެމީހަކަށްޓަކައި ބަދަލުނުވި ހަމައެކަނި އިންސާނާއެވެ.

"ބާޒިލް... ކިހިނެއްތަ؟" ދެތުންފަތް ކުޑަކޮށް ފޭކޮށްލުމަށްފަހު މެލެކް އަހާލިއެވެ.

"މެލީ އާ ލޫލު ފެނުމާއެކު ހުރިހާ ކަމެއް ރަނގަޅުވެއްޖެ. އެންމެ ކަމެއް ފިޔަވާ. އަހަންނަށް ހުއްދައެއް ދެވިދާނެތަ؟"

ބާޒިލް ބޭނުންވާ ހުއްދައަކީ ކޮބައިކަން މެލެކްއަށް އެނގެއެވެ. ބާޒިލް ކުއްލިއަކަށް ސިހުނީ އޭނާގެ އަތްތިލައިގައި މެލެކްގެ ފިނި އަތްތިލަ ޖެހުމުންނެވެ.

"އިތުރަށް އަހަރެން ނުތަޅުވާ" މެލެކް ބުންޏެވެ.

ބާޒިލްއަށް ހިނިތުންވެވުނެވެ. މެލެކްގެ އެދައުވަތު އޭނާގެ ލޮލާ ބޮލުން ގަބޫލުކުރިއެވެ. އޭނާ ހީކުރީ އެފަދަ ވަގުތުކޮޅަކަށްޓަކައި އިތުރަށް އޭނާ އިންތިޒާރުކުރަން ޖެހޭނެ ކަމަށެވެ. މެލެކްގެ ދެއަތްތިލައިގައި ބާރަށް އޭނާ ހިފަހައްޓާލިއެވެ. ދެއަތްތިލައަށް ފިތާލުމަށްފަހު ގެނެސް އޭނާގެ ތުންފަތުގައި ޖެއްސިއެވެ. އެއަށްފަހު ދެއަތްތިލަ ގެނެސް ޖައްސާލީ އޭނާގެ މޭގައެވެ.

"މިހާ ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭ" ބާޒިލް މެލެކް އާ ހަތަރުކަޅި ހަމަކޮށްލިއެވެ.

ބާޒިލްގެ ދެލޯ ކައިރިން ފޭދިފައިވާ ކަރުނަތައް ފެނުމުން މެލެކް ހިމޭންވިއެވެ. އެ ދެލޮލުގައި ކޮންމެސް ވަރެއްގެ ރަތްކަމެއް ވިއެވެ. އަދިވެސް ބާޒިލް ހިތްހަމަނުޖެހެނީ ހެއްޔެވެ؟ ނުވަތަ އުފާވެރިކަމުގެ ކަރުނައަށް އަދިވެސް ނިމުމެއް ނާންނަނީ ހެއްޔެވެ؟

"މެލީގެ ތި އަޑުއަހާލާހިތުން އަހަރެން އުޅުނުވަރު. އިންތިޒާރުކުރި މިންވަރު. މެލީ އަހަންނަށް ހިތްހެޔޮކޮށްފަ ވާހަކަދައްކާތޯ އަހަރެން ދުއާ ކުރި މިންވަރު. ހާދަ ދުވަހެއް ފަހުންނޭ މެލީ އަހަންނާ އަނގައިން ތިބުނީ. އަދި އެއްފަހަރު ހަމަ އެންމެފަހަރަކު އަހަންނަށް ގޮވާލަދީފާނަންތަ؟"

މިފަހަރު ބާޒިލްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ބާޒިލްގެ އިނގިލިތަކުން އެކަރުނަތައް ފޮހެލިއެވެ.

"ބާޒިލް..." މަޑުމަޑުން މެލެކް ގޮވާލިއެވެ.

ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ މެލެކް ބަލަން ހުއްޓައެވެ. އެ ހިނިތުންވުން ފުޅާވަމުން ދިޔައެވެ.

"އައިމް ސޮރީ" މެލެކް ބުންޏެވެ

ބާޒިލް ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

"ނޫން... އައިމް ސޮރީ... " ބާޒިލް ބުންޏެވެ.

ކަރުނައިގެތެރެއިން މެލެކްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"މެލީ އަހަންނަށް ދިން އަދަބުގައިވެސް އަހަންނަށް ދެމިނުހުރެވުނު. ލޯބިވާވަވރުން. މެލީގެ ނުރުހުންވާކަން އެނގި ހުރެވެސް އަބަދު ގުޅެނީ. އަބަދު ޓެކްސްޓް ކުރެވެނީ. އެންމެފަހުން މެލީ ހޯދަން މިތަނަށްވެސް އާދެވުނީ" ބާޒިލް ބުންޏެވެ.

"މިތަނުގަ އަހަރެންގެ ދަރިއަކު އޮތްކަން އެނގުނީމަ އިތުރަށް ކެތްނުވީ. މެލެކްގެ ބަނޑުގައި ބާޒިލް އަތްޖައްސާލިއެވެ.

"އަހަންނަށް މައާފްކުރާނަންތަ؟"

މެލެކް ބޯޖަހާލިއެވެ. އޭނާ ބާޒިލް އާ ގާތަށް ޖެހިލިއެވެ. ބާޒިލްގެ ކަނދުރާގައި ދެއަތް އަޅުވާލުމަށްފަހު ބާޒިލްގެ ދެލޮލުގައި ބޮސްދިނެވެ. މޭގައި ބޯއަޅާލިއެވެ. މެލެކްގެ ހަށިގަނޑުގައި ބާޒިލް ދެއަތުން ވަށާލިއެވެ. ޝުކުރުއަދާކުރަމުން މެލެކްގެ މޫނުގައި ބޮސްދިނެވެ.

"އަހަންނަށް ދެން އެހެން ނަހަދައްޗޭ. އެކަހަލަ އަދަބަކަށް ވުރެ ބޮޑަށް އަހަންނަށް ރުހެވޭނީ މަރުވާން.. " ބާޒިލް ބުންޏެވެ.

"އަހަރެން ކިޔައިދޭން ބޭނުން" މެލެކް ބުންޏެވެ.

"މެލީ ކިޔާބަލަ. އަހަރެން އަޑުއަހާނަން. މެލީ ކިތަންމެ ވާހަކައެއް ދެއްކިޔަސް ހެޔޮ. ތިއަޑު ނީވި އެތައް ދުވަހެއް ފާއިތުވެގެން ހިނގައްޖެ"

މެލެކް ހީލަމުން ބާޒިލްއަށް ބަލައިލިއެވެ. ބާޒިލް ހިފަހައްޓާލީ މެލެކްގެ މޫނުގެ ދެފަރާތުގައެވެ. ކުޑަކޮށް މޫނު އުފުލާލުމަށްފަހު އޭނާ އާ ގާތްކޮށްލިއެވެ. އެކަކު އަނެކަކުގެ ނޭވާ އިހުސާސުވާހާ ގާތަށް ދެވުމުން ބާޒިލްގެ ތުންފަތުގައި މެލެކް އިނގލިން ހިފަހައްޓާލިއެވެ.

"މިވަގުތަކު ނޫން. ލޫލު އިނީ ބަލަން" މެލެކް ބުންޏެވެ.

ބާޒިލް ފަހަތަށް އެނބުރި ބަލައިލިއެވެ. އިށީނދެގެން އިން ލޫލުގެ ދެފައިގެ ދެމެދުގައި ފޯނު އޮތަސް އެކުއްޖާގެ ނަޒަރު ހުރީ މައިންބަފައިންނަށް ހުއްޓިފައެވެ. ބާޒިލްއަށް ހެވުނެވެ. ކުއްލިއަކަށް މެލެކް އާ ދުރަށް ޖެހިލުމަށްފަހު ލޫލުގެ ޝައުގުވެރިކަން އަތުލުމަށް ދެއަތުން ހަރަކާތެއްކޮށްލިއެވެ. އެހިނދު ލޫލު ހީލިއެވެ. ކުއްލިއަކަށް ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. މެލެކް ދޮރާ ދިމާލަށް ހިނގައިގަތެވެ. ބާޒިލް އެނދުގައި އިށީނުމަށްފަހު ލޫލުގެ އުނގުގައި ބޯ އަޅާލިއެވެ.

"އަސުރަށް ގޮވައިފި. ދަރިފުޅުމެން ނަމާދުކޮށްގެން އާދޭ ސައިބޯން" ދޮރު ކައިރީގައި ހުރި ތަބައްސުމް ބުންޏެވެ.

އަނގައިން ނުބުނި ކަމުގައި ވިޔަސް މެލެކްގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުމާއި މޫނުމަތީގައިވާ އުޖާލާކަން ތަބައްސުމްއަށް ހުރިހާ އެއްޗެއް އަންގައިދިނެވެ. އޭނާ އެއް އަތް އުފުލައިލުމަށްފަހު މެލެކްގެ މޫނުގައި ފިރމާލިއެވެ.

"ދަރިފުޅު ތިއީ ތިހެން ހިނިތުންވެފައި ހުންނަންވީ ކުއްޖެކޭ" ތަބައްސުމް ބުންޏެވެ.

"ތެންކިޔު މަންމާ... އަޅުގަނޑަށް ރަނގަޅު ގޮތް ވިސްނައިދިނުމުގައި މަންމަ ދެމިހުރީތީ" ތަބައްސުމް އަތުގައި މެލެކް ހިފަހައްޓާލިއެވެ.

"ގެނޭ މަންމަ އަތަށް ލޫލު. ބައްޕަ އެކުއްޖާ އެބަހޯދާ" ތަބައްސުމް ބުންޏެވެ.

ލޫލު އުރާލައިގެން ހިނގައިގަތުމަށްފަހު ތަބައްސުމް ދެލޮލުން ނީރާލި ކަރުނަތައް ދެތިންފަހަރު އެސްފިޔަ ޖަހާލާފައި ހިންދާލިއެވެ. އޭނާ ހެއްދެވިފަރާތަށް އެތައް ފަހަރަކު ހަމްދުކުރިއެވެ. ހިތަށް ފަސޭހަވެގެން ހިނގައްޖެއެވެ.

****

ތަބައްސުމް ނަމާދަށް އެރީ ލޫލު ކުޅެން ބައިންދާފައެވެ. މިސްކިތުން އައްޒާމް އައިސް ވަނީ އޭނާ ނަމާދުކޮށް ނިމިގެން ޒިކުރުތައް ކިޔަން އެނދުގައި އިންދައެވެ. އައްޒާމް އައުމުން އަވަހަށް ސައިބޯން ހިނގާށޭ ބުންޏެވެ.

"އިހަށްމަޑުކޮށްބަލަ. އެކުދިން ނިކުތީމައެއްނު ދާނީ"

އައްޒާމް އެނދުގައި އިށީނދެފައި ލޫލު އާ ސަމާސަކޮށްލިއެވެ.

"މެލީ ހުރީ ހަމަޖެހިފަތަ؟ ހީވޭތަ ދެކުދިން ދެބަސްވިހެން" އައްޒާމް އަހާލިއެވެ.

"މެލީ ހުރީ ވަރަށް ހިތްހަމަޖެހިފަ. ﷲ އަހަރެމެންގެ ދުއާ އިޖާބަ ކުރައްވައިފި" ތަބައްސުމް ބުންޏެވެ.

"އަލްހަމްދުލިއްލާހް. ވަރަށް އުފާވެއްޖެ. ތާބާ އަށް ނުފެނުނަސް ބާޒިލް އުޅުނުގޮތް އަހަރެން ދުށިން. އަހަރެން ހާދަ ހިތްވަރެއް ދިނީމޭ އެސޮރަށް" އައްޒާމް ބުންޏެވެ.

"ހީވޭ ވަރަށް އަވަހަށް ރަށަށް ފުރޭނެހެން" ތަބައްސުމް ބުންޏެވެ

"މާދަމާ ނޫން އަނެއްދުވަހު މައިލީންގެ ދެފަރިންނާ ރައްޔާނު އަންނާނެ މިކޮޅަށް. ހުރިހާ ކުދީން އެއްކޮށްގެން އަހަރެން ވާހަކައެއް ދައްކަން ބޭނުން."

"އުފަލަކަށްފަހު ހިތްދަތިކަމެއް ދޯ މުޅިންވެސް މިއަންނަނީ. ކީއްކުރާނީ. މިއީ ގުދުރަތުގެ ގާނޫނު" ތަބައްސުމް ބުންޏެވެ.

"ތާބއެއްނު އަހަންނަށް ވިސްނައިދެނީ. މައިލީން އަހަރެމެންނާ އުމުރަށް ވަކިވަނީއެއް ނޫނެއްނު. އެކުއްޖާ ކިހާ ގުރާބާނެއްވެއްޖެ. އޭނައަށް ފުރސަތުދޭން އެބަޖެހޭ އަހަދުﷲ ގެ އާއިލާއަށް ހިދުމަތް ކުރަންވެސް. އަހަރެމެން މައިލީން އާ ކުރިމަތިލާންޖެހޭނީ ވަރަށް ހިތްހަމަޖެހިގެން ހުރެ. އަހަރެން މިކޮޅަށް އައިރުވެސް ހުރީ ވަރަށް ދެރަވެފަ" އައްޒާމް ބުންޏެވެ.

****

އޮށޯވެގެން އޮތް ބާޒިލްގެ އަތްމަތީގައި ބޯ އަޅައިގެން މެލެކް އޮތެވެ. ލޫލުއަށް ނިދިފައި އޮތީ ބާޒިލްގެ ހާމައަށް އޮތް މޭމަތީގައެވެ. ފޯނުން މެލެކް ދައްކަމުން ދިޔަ ފޮޓޮއަކަށް ބަލަހައްޓައިގެން ބާޒިލް އޮތެވެ. މެލެކްގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

"މިއީ އޭ ޝިނާ. ޔާނު އާ ވަރަށް ގުޅޭ ދޯ" މެލެކް ބުންޏެވެ.

"އަހަރެން ކައިރީގަ ތިކަހަލަ ވާހަކައެއް ނުދައްކާ. މީހަކާ އިންނާނަމޭ ބުނި" ބާޒިލް ބުންޏެވެ.

"ކާކު ކައިރީގަ ބުނީ. ޝިނާ ކައިރީގަ އަހާލިޔަސް ބުނާނެ ތިމަންނައަކަށް ނޭނގެއޭ ތިމަންނަ މިއުޅެނީ ޔާނު އާ ރައްޓެހިވެގެން ކަމެއް" މެލެކް ބުންޏެވެ.

"ހީޒް އަ ގުޑް ގާއި" ބާޒިލް ބުންޏެވެ.

"އަދި ތަ ތި އިނގުނީ. ޔާނު ވަރަށް ބަރާބަރު ވާނެ. މިހާރު މި އިންތިޒާރުކުރަނީ މިދެމީހުން އިންނާނެ ދުވަހަކަށް. ވަރަށް އަވަހަށް އެދުވަސް ވެސް އައިސްފާނެ. ޔާނު ބުނި މިއަހަރު ފަހުކޮޅަށޭ އަހަރީ ޗުއްޓީ ލިބޭނީ. އެހާތަނަށް ކަންނޭނގެ މިކަން ނިމޭނީ" މެލެކް ބުންޏެވެ.

"މަޑުކޮށްލައްޗޭ" ބާޒިލް އެއްފަރާތަކަށް ޖެހިލިއެވެ. ލޫލު ނަގާފައި ބިތްދޮށު ފަރާތުގައި ބޭއްވިއެވެ. އެއްފަރާތަކަށް އޮތުމުގެ ސަބަބުން ވާންކަމެއް ވެރިވެފައިވާ ހަށިގަނޑުގެ މަސްތައް ދަމާލިއެވެ. ދެން އޭނާ އެނބުރުނީ މެލެކް އޮތް ދިމާލަށެވެ. މެލެކްގެ ނިތުގައި ބޮސްދިނުމަށްފަހު އޭނާގެ ގަޔާ ގާތަށް ދަމާލިއެވެ.

"އަހަންނާއެކު މެލީ ދެން ނުދާނަންތަ؟ މަންމަމެން މެލީއަށް އިންތިޒާރުކުރޭ އެބަ" ބާޒިލް ބުންޏެވެ.

"މިހާރު ތަ ދާންވީ. އަހަރެން ތައްޔާރު" މެލެކް ބުންޏެވެ.

ބާޒިލް ހިނިތުންވެލިއެވެ. އޭނާގެ ނަޒަރު މެލެކްގެ މޫނަށް ހުއްޓާލިއެވެ. އިސާހިތަކު އޭނާގެ ދެލޮލުގެ އަސަރުތައް ބަދަލުވެގެން ދިޔައެވެ. އަނބިމީހާ އާ ގާތްވެލުމަށް އޭނާ ދަހިވެތިވިއެވެ. އެހެންނަމަވެސް އޭނާ އެކަން ހާމަނުކޮށް މަޑުކޮށްލިއެވެ.

"މާދަމާ އެބައިން އެޕޮއިންޓްމަންޓް. ދާނަންތަ މަށާއެކު ބޭބީގެ ހާޓްބީޓް އަޑުއަހާލަން" މެލެކް ބުންޏެވެ.

"ގެންދާނަންތަ؟" ބާޒިލް އަހާލިއެވެ.

"ކީއްވެ ނުގެންދަންވީ؟ ކިތައްފަހަރު ޑޮކްޓަރު އެހި އަހަރެންގެ ފިރިމީހާ ކޮބާހޭ" މެލެކް ބުންޏެވެ.

"ކިހާއިރަކު އޮތީ" ބާޒިލް އަހާލިއެވެ.

"ހެނދުނު. ނުވައެއް ޖަހާއިރަށް މެމޯ ނަގަންޖެހޭ. ޑޮކްޓަރު ކައިރީގަ ބާޒިލް އަހަން ބޭނުންވާ އެއްޗެހި އަހާލާ. މިބުނީ ތިފަސްޖެހޭ ކަންތައް ވާނީ ވާހަކަދައްކައިގެންނު" މެލެކް ބުންޏެވެ. މެލެކްގެ މޫނުމަތިން ލަދުވެތި އަސަރުތަކެއް ފެނިލިއެވެ.

ބާޒިލްއަށް ހެވުނެވެ. އޭނާގެ ހިތް އެދެމުން ދިޔަ ކަންތައް މެލެކްއަށް ފަހުމުވެއްޖެއެވެ.

"ކިހިނެއް އަހަރެން މިއެދޭ ކަންތައް ބުނަން އެނގުނީ" ބާޒިލް އަހާލިއެވެ.

"އަހަރެން ބާޒިލްދެކެ ލޯބިވީ މިއަދުއެއް ނޫން. އަހަންނަށް ވުރެ ބޮޑަށް ކާކަށް އެނގޭނީ. ތިދެލޮލުން ތިބަލާލާ ގޮތް. އަހަރެންގެ ގައިގެ ކޮންމެ ތަނެއްގައި ތި ބީހިލާ ގޮތް. ބާޒިލްގެ ހިތުގެ އަޑު އެބައިވޭ...." މެލެކް ބުންޏެވެ.

ބާޒިލް އާ ދިމާލަށްވީ ފަރާތަށް އޮތުމަށްފަހު މެލެކް އުއްޑުން ޖެހިލިއެވެ. އޭނާގެ ނަޒަރު ސީލިންގަށް ހުއްޓިފައިވިޔަސް ދެއަތް އޮތީ އޭނާގެ ބަނޑުމަތީގައި އޮތް ބާޒިލްގެ އަތް މަތީގައެވެ.

"އޭރުވެސް އަހަރެންނަށް އަޑުއިވޭ. އަހަރެން ރުޅި ހެދީ. ދުރުގައި ހުއްޓަސް އަހަރެން މަތިން ބާޒިލް މިސްވާނެކަން އެނގޭ. ސީރިޔަސްކޮށް އެގޮތަށް އަހަރެން ކަންތައްކުރީ ހަމަ ހާޓްވީވަރުން. އަހަރެން ހިތް ބުނީ ބާޒިލް އާ ދުރަށް ދާން. ޑިވޯސްވާން އެންމެފަހަރަކުވެސް ހިތަކަށް ނާރާ. މިދަރިފުޅަކީ އަހަރެމެން ދެމަފިރިންގެ ވިރާނާ ވަމުންދިޔަ ދިރިއުޅުން ސަލާމަތްކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފާލަމެއް. މި ފާލަމުން އަހަރެމެން އުފާވެރިކަމުގެ އައްސޭރިއަކަށް ވާސިލުވުމަށް ހިނގައިގަންނަންޖެހޭ؟ " މެލެކް ބުންޏެވެ.

"ޔަގީން. ﷲ ކޮންމެ ކަމެއްވެސް މެދުވެރިކުރައްވާނީ އެންމެ ރަނގަޅަށް" ބާޒިލް ބުންޏެވެ.

މެލެކްގެ އަތްތިލަ އުފުލައިލުމަށްފަހު އަތްތިލައިގައި ބާޒިލް ބޮސްދިނެވެ. މޫނުގައި އިނގިލިތައް ބީއްސާލިއެވެ. މެލެކް ބަލައިލި ނަޒަރުން އިތުރަށް މެލެކް އާ ގާތްވެލުމަށް ބާޒިލްގެ ހިތްއެދުނެވެ. އެހެންނަމަވެސް ޑޮކްޓަރުގެ ލަފައާ ނުލާ އޭނާ މެލެކް އާ ގާތްނުވާނެއެވެ.

"އައި ޕްރޮމިސް... ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންގެ މި ގުޅުމަށް ބުރޫ އަރާވަރުގެ އެއްވެސް ކަމެއް އަހަރެންގެ ފަރާތުން ނުވާނެ. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް މި އާއިލާ އަހަންނަށް މުހިންމު" ބާޒިލް ބުންޏެވެ.

"ލޫލު އަށް ޕްރެގް ވި ހަނދާނެއް ވިހޭ ހަނދާނެއް އަދިވެސް ނެތް. އެ ހަނދާންތައް އަންނާނީ ކޮންއިރަކު ކަމެއްވެސް ނޭނގޭ. ސިޒޭރިއަންގެ ލަކުނު ފެނުނީމަ ވަރަށް އުފާވޭ. މި ދަރިފުޅުގެ އެއްވެސް ކަމެއް ހަނދާނުން ފޮހެވޭކަށް އަހަރެން ބޭނުމެއްނޫން. މި ހީވަނީ އަހަންނަށް އަލަށް ކުރެވޭ އިހުސާސެއްހެން. މި ދަރިފުޅު އަހަރެންގެ ހަށިގަނޑުގައި ރައްކާކޮށްގެން އަހަރެން މިކުރާ ކޮންމެ ދަތުރެއް ހަނދާންތަކެއްގެ ސިފައިގައި ރައްކާކުރަން ބޭނުން. މި ދަތުރުގައި އަހަރެން އެންމެ ބޭނުންވަނީ ގާތުގައި ބާޒިލް ހުންނަން. ޕްލީޒް... ދުވަހަކުވެސް.... ދުވަހަކުވެސް އަހަރެން ނޫން އެހެން އަންހެނެއްދެކެ ލޯބިނުވައްޗޭ. އަހަންނަކަށް ބަރުދާސްތެއް ނުކުރެވޭނެ. އަހަރެމް ބަރުބާދުވިޔަ ނުދެއްޗޭ... "

މެލެކްގެ ދެތުންފަތުގައި ބާޒިލް އިނގިލިން ހުރަސްކޮށްލިއެވެ. އިތުރަށް އެވާހަކަތައް މެލެކްއަށް ކުރިއަށް ގެންދަން ބާޒިލް ހުއްދަ ނުދިނެވެ. އެހެނީ ވަކިވާ ވާހަކަތަކަކަކީ އޭނާ ގަޔާވާ ވާހަކަތަކެއް ނޫނެވެ. އޭނާ ބޭނުންވަނީ އެކުވުމަށެވެ. އެންމެ ސުކުންތަކަށް ވެސް މެލެކް އާ ވަކިވުމަކީ އޭނާއަށް ކެތްކުރަން ދަތި ވޭނެކެވެ. އެއްފަހަރު އެކަން އޭނާ ތަޖުރިބާކޮށްފިއެވެ. ދެވަނަ ފަހަރަށް އެ ހިތްދަތިކަން ތަހައްމަލު ކުރަންޖެހުމުގެ ކުރިން އޭނާ ބޭނުންވަނީ މަރުވެގެން ދުނިޔެ ދޫކޮށް ދާށެވެ.

(ނުނިމޭ)