މެލެކްގެ ދެތުންފަތުގައި ބާޒިލް އިނގިލިން ހުރަސްކޮށްލިއެވެ. އިތުރަށް އެވާހަކަތައް މެލެކްއަށް ކުރިއަށް ގެންދަން ބާޒިލް ހުއްދަ ނުދިނެވެ. އެހެނީ ވަކިވާ ވާހަކަތަކަކަކީ އޭނާ ގަޔާވާ ވާހަކަތަކެއް ނޫނެވެ. އޭނާ ބޭނުންވަނީ އެކުވުމަށެވެ. އެންމެ ސުކުންތަކަށް ވެސް މެލެކް އާ ވަކިވުމަކީ އޭނާއަށް ކެތްކުރަން ދަތި ވޭނެކެވެ. އެއްފަހަރު އެކަން އޭނާ ތަޖުރިބާކޮށްފިއެވެ. ދެވަނަ ފަހަރަށް އެ ހިތްދަތިކަން ތަހައްމަލު ކުރަންޖެހުމުގެ ކުރިން އޭނާ ބޭނުންވަނީ މަރުވެގެން ދުނިޔެ ދޫކޮށް ދާށެވެ.

****

ޖެހިގެން އައި ދުވަހު ކުރިން ރާވާފައިވާ ގޮތަށް މައިލީންގެ ދެމަފިރިން މާލެ އައެވެ. ދެމަފިރިންގެ މަންޒިލަކަށް މާލޭގައި ހުންނަ ހަ ބުރީގެ އަހަދުﷲ ގެ ގެއެވެ. އެގެއިން އަހަދުﷲ ގެ މަންމަ ޝިމްލާ އާއި ބޮޑުދައިތަ ފަޒީހާ މައިލީންއަށް މަރުހަބާ ކިއިއެވެ. މިފަހަރު މައިލީން އައީ މުޅި އުމުރަށްކަން އެނގުމުން ޝިމްލާ އެވާހަކަތައް ތަކުރާރުކޮށް ދެއްކިއެވެ. މިނޫނީ ފާޅުގައި އެވާހަކަތައް ޝިމްލާ ނުދައްކައެވެ. ކައިވެންޏަށް އަހަރެއް ވުމާ ގާތަށް އާދވެވިފައިވާއިރު ދުވަހަކުވެސް މައިލީން އާއި އަހަދުﷲ އަށް އޭނާ ޝަކުވާއެއް ނުކުރެއެވެ. ދުވަހަކުވެސް އޭނާ އަކީ ދަރީންނަށް ޝަކުވާ ކުރާ މައެއް ނޫނެވެ. އޭނާގެ އަމިއްލަ އުފާތަކަށް ވުރެ ބޮޑަށް އަބަދުވެސް އިސްކަން ދެނީ ދަރީންގެ އުފަލަށެވެ. އެހެންނަމަވެސް މިފަހަރު އަހަދުﷲ އާއި މައިލީން އެކީއެކައްޗަކަށް އައުމުން އެވާހަކަތައް ނުދައްކާ އޭނާއަށް ކެތެއް ނުވިއެވެ. ސައި ގަޑީގައި އެވާހަކަތައް އިރުކޮޅަކާ އޭނާ ފަށައެވެ. އެންމެފަހުން މައިލީންގެ ދެލޮލުން ކަރުނައެއް ނީރާލިއެވެ. މިވީހާ ދުވަހު އެ މަންމަގެ ހިތް ބޭނުންވާ ގޮތަށް އޭނާއަށް ކަންތައްކޮށް ނުދެވުނީތީއެވެ. ފިރިމީހާގެ އާއިލާގެ އުފާތައް ދެވަނައަށް އިސްކުރެވުމުންނެވެ. މައިލީން އިސްޖަހާލިއެވެ. އެމަންޒަރު ފެނުނީ ޝިމްލާ އަށެވެ.

"ސޮރީ މަންމާ" މައިލީންގެ ދަތްދޮޅީ ކޮޅުގައި ހިފާލާފައި ކުޑަކޮށް އުފުލާލީ ޝިލްމާއެވެ. އެހިނދު މައިލީން މައާފަށްއެދުނެވެ.

"ކޮންކަމަކަށް" އޯގާތެރިކަމާއެކު ޝިމްލާ ބުންޏެވެ.

"އަޅުގަނޑުމެން އައިމަ މިއަދު މަންމަ އުފާވީ މިންވަރު ފެނިއްޖެ. މިހުރިހާ ދުވަހު މަންމަ އާ ދުރުގަ އުޅެވުނީމަ. އަޅުގަނޑުގެ ސަބަބުން އަހަދުއަށް ވެސް މަންމަ ކައިރިއަކަށް ނާދެވުނު"

ޝިމްލާ ހިނިތުންވެލިއެވެ. މައިލީންގެ ދެއަތުގައި ހިފަހައްޓާލިއެވެ. މައިލީންގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.

"މައި މައާފަށްއެދޭކަށް ނުޖެހޭނެ. މިހުރިހާ ދުވަހު އަހަދު ދަރިފުޅު ކައިރީގަ ހުރީ އެގޮތް މަންމަވެސް ބޭނުންވީމަ. ދަރިފުޅުމެން އައިމަ މަންމަ އުފާވާނެތާ. އަސަދު ހުރިނަމަ މިއަށް ވުރެ ބޮޑަށް މަންމަ އުފާވިތަން ދަރިފުޅަށް ފެނުނީސް" ޝިމްލާ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ވައުދުވަން މަންމާ. އަޅުގަނޑު ދެން ހުންނާނީ މި އާއިލާ ގާތުގަ. ﷲ އިރާދަކުރެއްވީތީ މެލީކޮއްކޮގެ ހާލަތު ވަރަށް ރަނގަޅުވެއްޖެ. އަޅުގަނޑަށް މިހާރު އެއްވެސް މަޖުބޫރެއްނެތް. ލޭގެ ގުޅުން އަޅުގަނޑަށް އިސްކުރެވުނީ މެލީކޮއްކޮގެ ފުރާނައަށްޓަކައި" މައިލީމް ޖަޒުބާތީވި ތަން ފެނުމުން އަހަދުﷲ ގާތަށް ޖެހިލިއެވެ. މައިލީންގެ ކޮނޑުގައި އެއް އަތުން ވަށައިލުމަށްފަހު އަނެއް އަތްތިލައިގައި ހިފަހައްޓާލިއެވެ.

ޝިމްލާގެ އޯގާތެރި ވާހަކަތަކުން މައިލީންގެ ހިތް ހަމަޔަކަށް އެޅުވިއެވެ. އޭނާ ދަބަހުން ނަގާފައި ދިއްކޮށްލި ސިޓީއުރައިގެ އެތެރެ މައިލީން ބަލައިލިއެވެ. އެއީ ދެމަފިރިންގެ ހަނީމޫން ޓިކެޓެވެ. އަހަދުﷲ އަށް މައިލީން ބަލައިލިއެވެ. ގަބޫލުނުކުރެވިފައެވެ. ހަގީގަތުގައިވެސް ދެމަފިރިންނަށް ކައިވެނީގެ ފަހުން އެކުގައި މާގިނަ ވަގުތު ހޭދަކުރެވިފައި ނެތްކަން މައިލީން ހަނދާންވީ އެ ޓިކެޓް ފެނުމުންނެވެ.

"އެއް މަސްދުވަހަށް. ދަރިފުޅުމެން އަންނަހާ ތަނަށް އަސަދުވެސް ހުންނާނީ އެއްކޮށް ނިމިފަ. ހުރިހާމީހުން އެއްތަންވީމައެއްނު އާއިލާގެ އުފާވެރިކަން އަންނާނީ" ޝިމްލާ އިނީ ހިނިތުންވެގެންނެވެ.

"ޝުކުރިއްޔާ މަންމާ" ކަރުނަވީ ދެލޮލުން ޝިމްލާއަށް ބަލައިލަމުން މައިލީން ބުނެލިއެވެ.

****

މާލޭގެ ހިތްގައިމު ރެސްޓޯރެންޓެއްގެ މޭޒު ކައިރީގައި އެންމެން ހަމައަށް ތިއްބެވެ. ބާޒިލް ކައިރީގައި އިން މެލެކް އިރުކޮޅަކުން ބޭރަށް ނިކުމެލިއެވެ. ދެން އައިރު އޭނާ ކައިރީގައި ޝިނާ ހުއްޓެވެ. ބާޒިލް އާއި އަހަދުﷲ ގެ އިތުރުން އައްޒާމް ފެނުމުން ޝިނާ ވަރަށް ލަދުގަތެވެ. އިސްތިރިކޮށްލި ގޮތަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރުނެވެ. އައްޒާމް ޝިނާއަށް ބަލައިލިއެވެ. ތަބައްސުމްގެ ފަރާތުން ޝިނާ އަކީ ކާކުކަން އޭނާއަށް އޮތީ އެނގިފައެވެ. ހަމައެކަނި ނުފެންނަނީ ސޫރައެވެ. މިއަދު ބައްދަލުވެސްވީއެވެ.

"މިއީ ޝިނާ. ވަރަށް އަވަހަށް މި އާއިލާ ކުއްޖަކަށް ވާނެ" މެލެކް ބުންޏެވެ.

"ދަރިފުޅުމެން އިށީންނަންވީނު. ކާއެއްޗިއްސަށް އޯޑަރުދީފަވެސް ތި ސަކަރާތް ޖެހިދާނެ"

އައްޒާމް ހިނިތުންވެލިއެވެ. އިތުރަށް ޝިނާ ލަދުގަންނަން އޭނާ ބޭންނުވާތީ އެއްޗެއް ނުބުނެއެވެ. އެހެނީ އަންހެންދަރީން އޭނާއަށް

ލަދުވެތިވާން އޭނާ ބޭނުންވެއެވެ. އޭނާއަކީ އެކުދީންގެ ލަދުވެރިއެކެވެ. ޝިނާގެ މޫނުމަތީގައިވާ ލަދުރަކިކަމާއި ނަފްސުގައިވާ މަޑުމައިތިރިކަން ފެނުމުން ފުރަތަމަ ނަޒަރުންވެސް އޭނާގެ ހިތުން ޝިނާއަށް ދަރިއެއްގެ ދަރަޖަ ދީފިއެވެ.

"ދަރިފުޅު ދެން އެހާ ލަދުގަންނާނެ ކަމެއް ނެތް. މިއާއިލާ ފުރިހަމަވާނީ މިހާރު ދަރިފުޅުވެސް ހުރެގެން" ތަބައްސުމް ބުންޏެވެ.

އެވަރުންވެސް ލަދުން ހުރި ޝިނާއަށް ހިނގައިގަންނަން ނުކެރުނެވެ. އެންމެފަހުން އޭނާ ގޮނޑީގައި ބޭންދީ މެލެކް އެވެ. އޭނާ އާ މައިލީން އާ ދެމެދުގައެވެ.

"ޔާނު ހިތުން އަދިވެސް މިކަން އޮތީ ސިއްރެއްގެ ގޮތުގަ. ޝިނާ އެއްވެސް އެއްޗެއް ނުބުނަނައްޗޭ ޔާނު ގާތުގަ. ބައްޕަ ބުނި ޔާނު މިވާހަކަ ނުދައްކަނީސް އަހަރެމެންވެސް ނުދައްކާށޭ" މައިލީން ބުންޏެވެ. ޝިނާ ބޯޖަހާލިއެވެ.

އިސާހިތަކު އެންމެން އޯޑަރު ކުރި ކާއެއްޗެހި އަތުވެއްޖެއެވެ. ކެއުމަށް އެންމެން އިންސާފުކުރަމުން ދިޔައެވެ. ދޭތެރެއަކުން އެއްޗެއް ބުނަނީ މެލެކް އެވެ. ހަނީމޫނަށް ވަރަށް އަވަހަށް ފުރަން އުޅޭ ވާހަކަވެސް މައިލީން ބުންޏެވެ. އައްޒާމް މައިލީންއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އޭނާ އެދޭ ފަދައިން ދަރީންގެ ދިރިއުޅުން އުޖާލާވާ މަންޒަރު ބަލަން އޭނާ ބޭނުންވިއެވެ. އެމަންޒަރުތައް މިއަދު އެދަނީ އޭނާއަށް ފެންނަން ފަށައިފިއެވެ. އޭނާގެ އުންމީދުތައް އެއްކޮށް ފުރަހަމަ ވާނީ ރައްޔާނުވެސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެނުމުންނެވެ. އެއްވެސް މީހަކަށް ނޭނގުނަސް އޭނާ އެދަނީ ރައްޔާނުގެ ކައިވެންޏަށް ވެސް ތައްޔާރުވަމުންނެވެ.

"އަދި ބައްޕަ އެބަ އޮތޭ ދަރިފުޅުމެން ގާތުގަ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ" ފެންތަށިން ކޯވަރެއް ބޯލަމުން އައްޒާމް ބުންޏެވެ. އޭރު ކެއި ތަށިތައް ވެއިޓަރުން ނަގަން ފަށައިފިއެވެ. ނުކެވި އިނީ މެލެކް އެވެ.

"ބައްޕަ މިވާހަކަދައްކަން ބޭނުންވަނީ ވެސް ރައްޔާނު ނެތް ތަނެއްގަ. ބައްޕައަށް ހީވަނީ މިއީ އެންމެ ރަނގަޅު ވަގުތުހެން މިވާހަކަދައްކަން" އުނގުމަތީގައި އޮތް ފޮތިކޮޅުން ތުންފަތް ފޮހެލަމުން އައްޒާމް ބުންޏެވެ.

"ކިޔާބަލަ ބައްޕަ. މެލީ ބައިންދާ. ކެޔަސް އޭނަ އަޑުއަހާނެއްނު" މެލެކް އާ ދިމާކޮށްލާ ކަހަލަ ގޮތަކަށް މައިލީން ބުންޏެވެ.

"ދަރިފުޅު ހަމަޖެހިގެން ކާލާ. ނިމުނީމަ ފަށާނީ" މެލެކް ބަލައިލާފައި އަނގައިގައި ހުރި ބައި ދިރުވާލާފައި ފެންފޮދެއް ބޯލިއެވެ.

"މި ނިމުނީ. ދެން ނުކެވޭނެ. ބޭބީ އަށް ވާވަރަށް ވުރެ ގިނައިންވެސް ކެވިއްޖެ" މެލެކް ބުންޏެވެ.

އެއްވެސް މީހަކު އިތުރަށް މެލެކްއަށް ބާރެއް ނާޅައެވެ. މާބަނޑުވުމާއެކު މިފަހަރު އެންމެ އާންމު ކަމަކަށް މެލެކް އަށް ދިމާވި ކަމަކީ ކިރިޔާ އެއްޗެއް ކާލާއިރަށް އޭނާގެ ބަނޑު ފުރިފައި ހުންނަ ކަހަލަ އިހުސާސް ކުރެވުމެވެ.

"ބައްޕަ ދައްކަން މިއުޅެނީ ރައްޔާނުގެ ވާހަކަ. ދަރިފުޅުމެންނަށް އެނގެއެއްނު ރައްޔާނަކީ ބައްޕަގެ އުފަން ދަރިއެއް ނޫނަސް ބައްޕަގެ ހިތުގައި އެސޮރަށް ދީފައިވާ މަގާމަކީ އުފަން ދަރިއެއްގެ މަގާމުކަން. މިއަފު ބައްޕަ ދެލޯ މަރާލިޔަސް މިދުނިޔޭގައި އެސޮރަށް ކަމެއް ކޮށްދޭނެ އެއްވެސް މީހަކު ނުހުންނާނެ. ބައްޕަގެ މުދަލުން އެސޮރަށް ދިން އެއްޗެއް ނޫނީ އެއްވެސްމީހަކު އަތުން ނުލިބޭނެ. ބައްޕަ ބޭނުންވަނީ އާއިލާއެއް ގޮވައިގެން އެސޮރުވެސް އުފަލުގަ އުޅޭތަން ދެކެން. އެއީ ވަރަށް ކިޔަމަންތެރި ދަރިއެއް. އެހެންވެ ބައްޕަ ނިންމައިފިން މާލޭގަ މިހުރި ބައްޕަގެ ގެ ކައިވެނީގެ އުފަލުގައި ރައްޔާނަށް ހަދިޔާކުރަން. މިކަމާ ދަރިފުޅުމެންގެ މައްސަލައެއް އެބައޮތްތަ؟ ދަރިފުޅުމެން މިކަމަށް ނުރުހުނިއްޔާ އެގެއެއް ނުދޭނަން. އެހެންނަމަވެސް އެދަރިފުޅު އާއިލާއެއް ގޮވައިގެން އުޅެން ދިއރިއުޅުން ދަތިނުވާވަރު ކޮށްދޭނަން" އައްޒާމް ވާހަކަދެއްކިއެވެ. މައިލީން އާ މެލެކް އެކަކު އަނެކަކަށް ބަލައިލިއެވެ.

"ދެން އޮތީ އެންމެ ބޮޑު ކަންތައް. ދެ އަންހެންދަރީންނާ ރައްޔާނު އާ ތަފާތުކޮށްފިއޭ ބުނެ އެންމެން ދިރިއުޅެ ބާވެފައި ހުރި ގެއެއް ރައްޔާނުއަށް ދިނީއޭ ބުނުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މީހަކަށް ބައްޕަ ނުދޭނަން. އިމާރާތް ވާނީ ހަމަ އެއް އިމާރާތަކަށް. އެކަމަކު އަލަތު ދެމަފިރިންނަށްޓަކައި އެ އިމާރާތް ތައްޔާރުކުރާނަން. ބައްޕަ ބޭނުންވަނީ ދެލޯ މަރާލަންދެން ދަރީންގެ ކަންކަމުގައި ބައްޕަގެ ހުރިހާ ވަގުތެއް ހުސްކުރަން. އެއްވެސް ތަކުލީފެއްނެތި ތިހުރިހާ ކުދީންނަށް ދިރިއުޅެވޭނެ ގޮތް ހޯދައިދޭން. ދަރިފުޅުމެންނަށް އެކަންޏެއްވެސް ނޫން. ކާފަ ދަރީންނަށްވެސް އޮންނާނީ ހަމަ މިގޮތް"

"އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއްނެތް ބައްޕާ. ޔާނު އަށް ހައްގު ބައި ދީ. ދެން މިވާހަކަ ޝިނާ އިހަށް ނުބުނައްޗޭ" މައިލީން ފަހު ޖުމްލައާއެކު ޝިނާއަށް ބަލައިލިއެވެ.

****

ޖެހިގެން އައި ހަފްތާގައި މައިލީން އާއި އަހަދުﷲ ފިލިޕީންސަށް ފުރުމުން މެލެކް އާއިލާ ރަށަށް އައެވެ. ބާޒިލްގެ މައިންބަފައިން މެލެކް އާއި ލޫލުގެ އިސްތިގުބާލުގައި ބަނދަރުގައި ތިއްބެވެ. މެލެކް ލާންޗުން ފޭބުމާއެކު މައުސޫމާ ހިނގައިގަތެވެ. ބާޒިލްގެ އިނގިލީގައި ހިފަހައްޓައިގެން ހުދު ކުލައިގެ ކުދިކުދި ދަތްތަކެއް އިޝްތިހާރުކޮށްގެން ހުރި މާމަ ދަރިފުޅަށް ވުރެ ކުރީން މައުސޫމާއަށް ގަޔާ ކައިރިކޮށްލެވުނީ މެލެކްއެވެ. މިހުރިހާ ދުވަހު އޭނާ ހުރި މެލެކް ދެކިލާހިތުން މޮޔަވާ ދަރަޖައިގައެވެ. ބާޒިލް އާއެކު މެލެކް ރަށަށް އަންނާނެ ހިޔާލެއް ކުރޭތޯ ދުއާކޮށްކޮށްލައެވެ. މިއަދު މެލެކް ފެނުމުން އޭނަގެ ހިތަށް އެތައް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. މެލެކް ކިތަންމެ ހިކިކޮށް ހުރިނަމަވެސް މިހާރު ބަނޑު ފާހަގަވެއެވެ.

"މަންމަ ހާދަ އުފާވެއްޖޭ" މެލެކްގެ ނިތުގައި މައުސޫމާ ބޮސްދިނެވެ.

ޒިޔާދު އުރާލައިގެން ހުރި ލޫލު ފެނުމުން މައުސޫމާ ހީލިއެވެ. ލޫލު އުރާލާފައި ބައްދާލިއެވެ. މޫނުގައި ބޮސްދީފައި ކިހިނެއްތޯ އަހާލިއެވެ.

"ދަރިފުޅު ގެއަށް ގޮސްފައި އެގެއަށް އަޔަސް އޯކޭ. މަންމަ ބޭނުންވަނީ މެލީގެ ގޭގައި މެލީ ހުންނަން. މެލީގެ ގެއަކީ ބާޒިލްގެވެސް ގެ. ގޭ ހަތަރފާރުގެ ތެރޭގައިވާ ކޮންމެ އެއްޗެއް ދަރިފުޅަށް އިންތިޒާރު އެބަކުރޭ" މައުސޫމާ ބުންޏެވެ.

"ތިބުނީނު އަޅުގަނޑުގެ ގެއޭ. އަޅުގަނޑު ދާނީ އަޅުގަނޑުގެ ގެއަށް" މެލެކް ބުންޏެވެ.

މައުސޫމާގެ ދެލޯ އުފަލުން ވިދައިގަތެވެ. މިފަހަރު އެއްވެސް ކަމެއް ނުވުމަށް އޭނާގެ ހިތުން އެދެވުނެވެ. މިފަހަރު މެލެކް އާއި ބާޒިލްގެ އެކުވުމަކީ ދާއިމީ އެކުވުމަކަށް ވުމަށް އެދި ހިތާހިތުން އޭނާ ދުއާކޮށްލިއެވެ.

"މަންމާ، އަޅުގަނޑު ދާނަން ކުޑަކޮށް ވަރުބަލި ފިލުވާލާފަ ގެއަށް" ތަބައްސުމް އަށް މެލެކް ބުންޏެވެ.

"ދަރިފުޅު ކޮންމެ ވަގުތަކު އަޔަސް މައްސަލައެއް ނެތޭ" ތަބައްސުމް ބުންޏެވެ. ގަޑިން ގަޑިއަށް ބޭސްކާން އޭނާ މެލެކްއަށް ހަނދާންކޮށްދިނެވެ. މެލެކްއަށް ހަނދާންކޮށްދިނުމަށް ބާޒިލް ގާތުގައިވެސް ބުންޏެވެ.

ހެޕކޯނާއަށް ދިޔުމަށް އެންމެން ހިނގައިގަތެވެ. އައްޒާމާއެކު ތަބައްސުމް ދިޔައީ އެހެން މަގަކުންނެވެ. ދެ ދަރީން ކައިރީގައި ނެތުމުގެ ހިތްދަތިކަން ގޭތެރެއަށް ނުވަންނަނީސް އޭނާއަށް އިހުސާސު ވިއެވެ. އެހެންނަމަވެސް ހިތުން އޭނާ އުފާކުރިއެވެ. ހުރިހާ ދަރީންވެސް ތިބީ ފިރިންނާއެކު އުފަލުންނެވެ. ދަރީން އުފަލުގައި ތިބޭ ތަން ފެނުމަށް ވުރެ ބޮޑު އުފަލެއް މަޔަކަށް ނޯންނާނެއެވެ.

"މިއަންނަ ހަފްތާގައި އެގެއަށް ބަދަލުވާންވީ. ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ އަނބިމީހާ އާއި ދަރީންގެ ދިރިއުޅުމަށް އެތައް ލުއިފަސޭހަތަކެއް ގެނެވިއްޖެ" ދޮރާށިން އެތެރެއަށް ވަންނަމުން އައްޒާމް ބުންޏެވެ.

"އިހަށް ހިނގާ އަރާމުކޮށްލަން ޖޯލީގަ ތިބެމާ. ރަށް ލެފިތަނުން ރައްޔާނުގެ ފޯނެއް އައި. ބަނދަރަށް ނާދެވުނީމަ ވަރަށް ދެރަވެފަ ހުރީ. ބުނި މެންދުރު ކާން ދެވޭތޯ ބަލާނަމޭ. އިރުކޮޅަކުން ދާނީ ކާއެއްޗެއް ރޯފިލުވާލަން" ޖޯލީގައި ބުރަކަށި ދަމައިލަމުން ތަބައްސުމް ބުންޏެވެ.

***

ގޭތެރެއަށް ވަދެގެން ގޮސް މެލެކް އިށީނީ ކާމޭޒު ކައިރިން ގޮނޑިއެއްގައެވެ. ފްލައިޓް މަތީގައިވެސް އޭނާ އެއްޗެއް ނުކައެވެ. ރަށަށް އަންނަން ލާންޗަށް އަރާފައިވެސް ކަނޑުމަތީގައި ހޭދަވި ސާޅީސް ފަސް މިނެޓުގައި އޭނާ އެއްޗެއް ނުކައެވެ. އެހެންކަމުން ބަނޑުހައިހޫނުކަމުގެ އިހުސާސް އޭނާއަށް ކުރުވަމުން ދިޔައެވެ.

"އިހަށް މި ކުރުނބާ ފެންތަށި ބޯލާ" މައުސޫމާ ގެނެސްދިނީ ބޮޑު އުނބުގަނޑެއްގައި ގިރާފައި ހުރި ކުރުނބާ ފެން ތައްޓެކެވެ. ބަނޑުހައިވެފައި ހުރި ވަރުންނާއި ކަރުތެރެ ތެންމާލަން ބޭނުންވެފައި ހުރިވަރުން އެއްވެސް ޝަކުވާއެއް ނެތި އޭގައި އޭނާ ހިފިއެވެ.

"ދަރިފުޅު ދޭ ކޮޓަރިއަށް އަރާމުކޮށްލަން. މެންދުރު ކައްކަން މަންމަ ހުންނާނީ ހުރިހާ އެއްޗެއް ތައްޔާރުކޮށްލާފަ" މައުސޫމާ ބުންޏެވެ.

"އަރާމުވެސް ކުރާނަން. އެކަމަކު ފަހުން. ޑޮކްޓަރު ބުނި އަބަދު އޮށޯވެގެން ނޯންނައްޗޭ. މިއަންނަނީ ހެނދުން ބަދަލުކޮށްލައިގެން" މެލެކް ބުންޏެވެ.

މައުސޫމާ ހިނިތުންވެލިއެވެ. ލޯބިން މެލެކްގެ މޫނުގައި ފިރުމާލިއެވެ.

"ދަމުން ބާޒިލް ކައިރީގަ ބުނައްޗޭ ކާއެއްޗެއް ދޭން ލޫލު ގެނެސްދޭށޭ. މަސްފެންގަނޑު ކައިރީގަ ފޯނެއްގަ އެބަހުރި" މައުސޫމާ ބުންޏެވެ.

މެލެކް ބޯޖަހާލާފައި ހިނގައިގަތުމުން މައުސޫމާ އެނބުރުނީ މަސައްކަތަށެވެ. މެލެކް އެހެން ބުންޏަސް ބުރަ މަސައްކަތްތަކެއް މެލެކް ލައްވާ ކުރުވާކަށް އޭނާއަށް އެއްބަހެއް ނުވެވޭނެއެވެ.

****

ރޭގަނޑުގެ ވަގުތެވެ. އޮފީހަށް ނިކުތުމުން ބާޒިލްއަށް އެހެން ދުވަސްތަކަށް ވުރެ ބުރަވިއެވެ. އޭނާ ފޯނުކޮށްފައި ގެއަށް އާދެވޭނީ ލަހުން ކަމުގައި ބުންޏެވެ. ލޫލު ނިންދަވާފައި މެލެކް ކޮޓަރިން ނިކުތްއިރު ގޭތެރެއިން ފެނުނީ ފަޅުކަމެވެ. އެވަގުތު އޭނާ އެންމެބޮޑަށް ހަނދާންވީ ޒޭބާ މަތިންނެވެ. ދޮރާށި ކައިރިއަށް ނިކުންނަން އުޅުނު މެލެކްއަށް ދޮރާށިން ހުޅުވާލާފައި ވަތް ޒިޔާދު ފެނި ހުއްޓުނެވެ. ދެވަނަ ސިކުންތުގައި އޭނާ ހިނިތުންވެލިއެވެ.

"ދަރިފުޅު ކޮންތާކަށް ދާން ތިދަނީ؟" ޒިޔާދު އަހާލިއެވެ.

"ތަނަކަށް ނުދަން. ފޫހިވެގެން ނިކުމެލަނީ ބޭރު ޖޯއްޔަށް" މެލެކް ބުންޏެވެ.

"އެމަންޖެ ނިދީތަ؟ " ޒިޔާދު އަހާލިއެވެ.

"ލައްބަ. ކުޑައިރުކޮޅެއްވެއްޖެ" މެލެކް ބުންޏެވެ.

ޒިޔާދު އެތެރެއަށް ވަނުމުން މެލެކް ނިކުތީ ބޭރަށެވެ. ޖޯލީގައި އޭނާ އިށީނދެލިއެވެ. މަގުމަތީ ލައިޓްތަކުގެ އިތުރުން ހަނދުވަރުގެ އަލި ޖައްވު ވަނީ އުޖާލާ ކުރުވާފައެވެ. މިވަގުތުގެ ގޮތުން މަގުގައި މީހުން މަދެވެ. މެލެކް ޖޯލީގައި އޮށޯވެލިއެވެ. އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ހަނދުގެ ވަށައިގެން ހިދުމަތްތެރިވަމުންދާ ތަރިތަކަށް އޭނާގެ ހިތުން ސާބަސްދިނެވެ. ގުދުރަތުގެ ފުރިހަމަ އަޖައިބެކެވެ. ވިސްނުން ހިންގާލި މީހެއްގެ ހިތުގައި އުފެދޭނެ ސުވާލުތަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ. ސައިކަލެއްގެ އަޑު އިވުމުން އެދިމާ މެލެކް ބަލައިލިއެވެ. ސައިކަލު އަންނަނީ އެގެއާ ގާތަށެވެ. ޖޯލީގައި މެލެކް އިށީނދެލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ އެއީ ބާޒިލް ކަމަށް ހީކޮށްފައެވެ. ސައިކަލު މަޑުކޮށްލީ މެލެކް ގާތަށެވެ. ރައްޔާނު މެލެކްއަށް ސަލާމްގޮވާލިއެވެ. މެލެކް ހީލަމުން ސަލާމް ބަލައިގަތެވެ.

"ހަމަ މެލީ އާ ބައްދަލުކޮށްލަން މިގެއަށް މިއައީ. ހާދަ އެކަންޏޭ. ކޮބާ މިގޭ ހީރޯ" ސައިކަލުގެ ލައިޓް ނިއްވާލާފައި މަޑި މަތީގައި ހަމަޖެހިލަމުން ރައްޔާނު ބުންޏެވެ.

"ބާޒިލް ވެއްޖެ އޮފީހުގަ. ޔާނު ކައިރިއަށް ބާޒިލް އާ ދެމީހުން ދާން އުޅުނީ. އޮފީހުގަ ކޮންމެސް ކަމެއްގަ ތާށިވެގެން ނާދެވިގެން އުޅެނީ" މެލެކް ބުންޏެވެ.

"އެހެންތަ. އަނެއްކާވެސް ބަނޑެއްލީ ދޯ. މެލީއަށް ތިނޫން ވަރެއް ވޭތަ؟" ރައްޔާނުގެ އަޑުގައި ވީ ސަމާސާއެވެ.

"ކީއްކުރާނީ. ދެއްވަން ހުރި އެއްޗެއް ދެއްވާނެ ދޯ" މެލެކް ބުންޏެވެ.

"ދެއްވާނެ ދެއްވާނެ" ރައްޔާނު ބުންޏެވެ.

"ލޫލު ބަލާ އަންނާނަން އިނގޭ މާދަމާ ދުއްވާލަން ދާން" ރައްޔާނު ބުންޏެވެ.

"ތިހުރިހާ ވާހަކައެއް ބަހައްޓާފަ ކިޔާބަލަ ޝިނާ އާ ޔާނު ގެ ވާހަކަތައް. ކިހާ ދުވަހެއް ވަންދެން ސިއްރުކުރާނަން. ވިސްނައިގެން ތިހުންނަނީ ކައިވެނީގެ މަޖިލީހުން ޝިނާގެ ވާހަކަ އެންމެން ކައިރީގަ ބުނަންތަ؟" މެލެކް ބުންޏެވެ.

އެހިނދު ރައްޔާނުގެ ހިނިތުންވުން ފަނޑުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއްދީފައި އަނެއްކާވެސް މެލެކް އާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އޭނާގެ ހިތް ބުނެލި ކަހަލައެވެ. ކިތަންމެ ހިތްނޭދުނަސް ހުރިހާ އުފަލަކީ ކޮންމެ ކޮންމެ އިންސާނަކަށް ލިބޭނެ ނަސީބެއް ނޫނެވެ. މިއަދުގެ ހަގީގަތް އޭނާޖެހޭނީ ގަބޫލުކުރާށެވެ. ހިތްދެވުނު އަންހެންކުއްޖާ ލިބުމުގެ ނަސީބެއް ނެތެވެ. އެ ލޯބި ހާސިލުކުރުމުގެ ވިސްނުމެއްވެސް ނެތެވެ. އެ ހިތް އުފަލުގައި އުޅެންނާ މި ހިތް ވެސް ދުނިޔޭގައި ހުންނާނީ އުފަލުންނެވެ. އެ ހިތް ފުރޭވަރަށް އެހެން ހިތަކުން ލޯބި ލިބެންޏާ މި ހިތަށްވެސް ހައްގު ލޯބި ދޭނެ އެހެން ހިތެއް މިދުނިޔޭގައި ވާނެއެވެ. އޭނާއަށް އެ ލޯބި ދޭނެ ހިތަކީ ޝިނާގެ ހިތެވެ. ތެދުވެރި ހިތެކެވެ. ލޯބިވާން އެނގޭ ހިތެކެވެ. މިއަދު ޝިނާގެ ހިތް ދެރަކޮށްލަން އޭނާގެ ހިތް ނޭދޭއެވެ. ބައެއްފަހަރު ތިމާގެ ނަސީބަކީ ތިމާ ލޯބިވާ ހިތް ހާސިލުވުމެއް ނޫނެވެ. ތިމާދެކެ ލޯބިވާ ހިތެއް ހާސިލުވުމަކީވެސް ބޮޑު ނަސީބެކެވެ.

"ޝިނާ ދޯ... ދިރިއުޅުމުގައި މިހާތަނަށް ނިންމަންޖެހުނު އެންމެ އުނދަގޫ ނިންމުން. ރަނގަޅުވާނެ ކަމަށް މިބަލަނީ" ރައްޔާނު ބުންޏެވެ.

"ޝިނާ އެންމެންނާ ފްރެންޑުވެއްޖެ. ޔާނު ކީއްވެ މަންމަ އާ ބައްޕަ ކައިރީގަ ނުބުނެ ތިހުންނަނީ. އެނގޭތަ އެމީހުން ޔާނުގެ ވެޑިންގއަށް އިންތިޒާރުކުރާވަރު" މެލެކް ބުންޏެވެ.

"މެލީއަށް ކިހިނެއް އެނގެނީ އަހަރެން ނުބުނާ ކަމެއް. މިރޭ ކެއި ގަޑީގަ ތިހުރިހާ ކަމެއް ނިމިއްޖެ. ތާރީޙުވެސް ކަނޑައަޅައިފިން" ރައްޔާނު ބުންޏެވެ.

"ސީރިޔަސްކޮށްތަ؟ ތާރީހަކީ؟" މެލެކް އަހާލިއެވެ.

"ޑިސެމްބަރ 9. އެހާތަނަށް ވިހާ މީހުން ވިހައިގެން ބަނޑުބޮޑުވާ މީހުން ބަނޑުބޮޑުވެގެން ރޮމޭންސްކުރަން ތަންތަނަށް ފުރައިގެން ދިޔަ މީހުން ތައްޔާރުވާންވީ" ރައްޔާނު ބުންޏެވެ.

"ތިބުނީ މަގޭ ވާހަކަ ދޯ. ޑިސެމްބަރ އަކަށް ނޫން ޑިއު އިނީ. އެކަމަކު ނޭގެ ވާނެގޮތެއް. އެކަމުވެސް ޑޮކްޓަރަކާ ނަރުހަކާއެކު ވިޔަސް ދާނަން އެނގޭ ވިހަން އަރާއޮވެފަވެސް" މަޖާވެފައި މެލެކް ބުންޏެވެ.

(ނުނިމޭ)