ހީލާފައި މެލެކް ސަމާލުކަންދިނީ އަތުގައި އޮތް ފޯނަށެވެ. ތަބައްސުމް ދެއްކި ވާހަކަތަކަށްފަހު އޭނާ ބޭނުންވަނީ ބާޒިލް އާ ވާހަކަދައްކާށެވެ. ކުރިން މެސެކުކޮށް ކުރާކަމެއް އޮޅުންފިލުވާށެވެ. އޭނާ އިނީ ކުރަން ގުޅަން ނުކެރިފައެވެ. ބާޒިލްގެ ހަބަރެއް ވާނެ އިރެއްގެ އިންތިޒާރުގައެވެ. ފޯނުން ފެންނަން އިން ބާޒިލްގެ ނަންބަރަށް ބަލަހައްޓައިގެން އިނދެފައި ނިޔަފަތި ހަފަން ފެށިއެވެ.

"ކޯޗެއް ތި ވިސްނަނީ؟" ޝިނާ އަހާލިއެވެ.

"ލޫލުގެ ބައްޕި މަތިން. އެންމެން ހީކުރަނީ އަހަރެން އޭނަ މިސްނުވާކަމަށް. ހަމަ ހުވާކޮށްފަ މިބުނީ. ބާޒިލް ދޫކޮށްފަ އައިފަހުން އެންމެ ރެއަކުވެސް އަހަންނަށް ރަނގަޅަށް ނުނިދޭ. ހަނދާންވާވަރުން ރޮވޭ. އަހަރެން ހާދަ ލޯބިވެޔޭ އޭނަދެކެ. ހީޒް މައި ފަސްޓް އެންޑް ލާސްޓް ލަވް... ޝިނާ އަށް އެނގޭތަ އެ ސްޓޯރީ. ރައްޔާން ކިޔައިދިންތަ؟" މެލެކް އަހާލިއެވެ.

"އެއްކޮށެއް ކިޔައެއްނުދޭ. ބުނިހާވެސް އެއްޗަކީ ބާޒިލް އާ ރުޅިހަދައިގެން މެލީ މާލެ އައި ވާހަކަ. މެލީ ބޭނުމިއްޔާ ފަށާބަލަ. އަހަރެން ދެވެން އޮތް ހިޔާލެއް ދޭނަން"

މެލެކް ހީލިއެވެ. މޭޒުމަތީގައި ފޯނު ބާއްވާފައި ދެއަތްތިލަ ގުޅުވާލިއެވެ. ވެއިޓަރު ގެނެސް ބެހެއްޓި ފްރެޝް އޮރެންޖް ތަށިން އެތި ފޮދެއް ދަމާލާފައި ތަށި ކުޑަކޮށް ދުރަށް ޖައްސާލިއެވެ.

"މެރީކުރިއިރު ބާޒިލްދެކެ އަހަރެން ލޯބިވީ. ބާޒިލް އޭރު އުޅުނީ ކުއްޖަކާ ރައްޓެހިވެގެން. އެއީ ސާރާ. ސާރާ އާ ބާޒިލް އެކަކު އަނެކަކު ދެކެ ވަރށް ލޯބިވޭ. ދެލޯބިވެރިން ދެމެދަށް އަހަންނަށް ފުންމާލެވުނީ. އޭރުގަ ބާޒިލް އަހަންނަށް ޝައުގުވެރިކަން ނުދިން ސަބަބަކީ އެއީ"

އަލަށް އިވުނު ހަބަރުން ޝިނާ ހައިރާންވިއެވެ. ދެލޯ ބޮޑުކޮށްލާފައި މެލެކްގެ ވާހަކަތަކަށް އިތުރަށް ޝައުގުވެރިވެލިއެވެ.

"ވަޓް؟ ހީކުރީ ލަވް މެރިއޭޖެއް ކަމަށް" ހައިރާންވެފައި ޝިނާ ބުންޏެވެ.

"ނޫން. އަހަންނަށް ފަސްޓް ނައިޓް އައީވެސް ވަރަށް އެހެންކަހަލަ ގޮތަކަށް. އެކްސިޑެންޓްއެއް. ލޫލު ލިބުނީ އެންމެ ރެއަކުން. ފުރަތަމަ ރޭގަވެސް ބާޒިލް ބުނީ އޭނަ ސާރާ އާ ރައްޓެހިވެގެން އުޅޭ ވާހަކަ. ލޯބިވާ ވާހަކަ. އެދެމމީހުން އެކަކު އަނެކަކަށް ކުރާ މެސެޖުތަކާ ދައްކާ ވާހަކަތައް ބައެއްފަހަރު އަހަންނަށް އަޑުއިވޭ. ވަރަށް ދެރަވޭ. ބާޒިލް ވަރަށް ދުރުކޮށްލި. ވަރަށް ރުއިން. ބައެއްފަހަރު ހީވޭ ޑިޕްރެޝަނަށް ދަނީހެންވެސް. ބައެއްފަހަރު ސިކުނޑި ބުނަނީ ކީއްކުރަންހޭ ތިއުޅެނީ ލޯބިނުވާ މީހެއްގެ ދިރިއުޅުމަށް ވަދެގަނެގެން. ބައެއްފަހަރު އަމިއްލައަށް މަރުވަންވެސް ހިތަށް އަރާ. އެހެން އުޅެނިކޮށް ކަންނޭނގެ ލޫލު ލިބެން އުޅޭކަން އެނގުނީ. ހީކުރިން ކުޑަނަމަވެސް ޗޭންޖެއް ބާޒިލްއަށް އަންނާނެ ކަމަށް. އެކަމަކު އެއް ޕަސެންޓްވެސް ޗޭންޖެއްނުވި. ކިރިޔާވެސް އުފަލެއް ލިބެނީ ބާޒިލްގެ ފެމެލީގެ ހެޔޮކަމުން. އަހަރެން ހަނދާނެއްނުވޭ ލޫލު ވިހޭ ހަނދާނެއް. އަހަންނަށް ހީވަނީ އަހަރެން ބަލިވީ ލޫލު ލިބުނު ފަހުންހެން. ޑޮކްޓަރުން އުންމީދު ކަނޑާލާފަ އަހަރެން އޮތީ. އަހަންނަށް ނިދީގެ ދުނިޔެއެއްގައި އޮށްވާ އަހަރެންގެ ހަޔާތުން ވާނުވާ ނޭނގި އެތައް ދުވަހެއް ފާއިތުވެގެން ދިޔައީ. އަހަރެން ދުނިޔެއަށް އަލުން ލޯ ހުޅުވާލިއިރު ހުރިހާ ކަމެއްވީ ބަދަލުވެފަ. ހަނދާނުގަ ކުރީގެ ދިރިއުޅުމުގަ އެއްވެސް ކަމެއްނެތް މަދު ކަމެއް ފިޔަވާ. ބާޒިލްގެ ހަނދާނެއް ސާރާގެ ހަނދާނެއް ލޫލުގެ ހަނދާނެއް ނެތް. އަހަރެން ރަށަށް އައިސް އުޅެނިކޮށް ބާޒިލް އާ ދިމާވެ އަނެއްކާވެސް އަހަންނަށް ބާޒިލްދެކެ ލޯބިވެވުނީ. އަލަށް މީހަކު ދެކެ ލޯބިވެވެނީއޭ ހީވިޔަސް އަސްލު ހަގީގަތަކީ އޭރުވެސް އެއީ އަހަރެންގެ ފިރިމީހާކަން. ހަނދާނުގަ ނެތަސް ހިތުގަ އޮތް ލޯތްބަކަށް ބަދަލެއް ނާދޭ. އޭރު ބާޒިލް އާ ސާރާ މެރީކުރަން ތައްޔާރުވަމުން އައީ. އެމީހުން ލޯބީގެ ކުޅިގަނޑު އޭރުވެސް އަހަރެން ބެލިން. ކުއްލިއަކަށް ވީގޮތެއް ނޭނގި ބާޒިލް ބުނަނީ ލޯބިވެވިއްޖޭ އަހަރެންދެކެ. އަހަރެމެން ރައްޓެހިވެއްޖައިން. ސިއްރު ބައްދަލުވުންތައް ކުރިއަށް ދިޔައީ. ވަރަށް ގާތަށް ދިޔައިން. ލައިކް ހަޒްބަންޑް އެންޑް ވައިފް. ބާޒިލް ކްލޯޒްވީމަ އަހަންނަކަށް ދުރަކަށް ނުދެވޭ. ބާޒިލް އޭރު ބުނޭ ތިއީ ތިމަންނަގެ އަންހެނުންނޭ. އަހަރެން ކިހިނެއް ގަބޫލުކުރާނީ؟ އެންމެފަހުން ދެފަރާތުގެ މަންމައިން ވެގެން އަހަރެން ބާޒިލްގެ ގެއަށް ބަދަލުކޮށްފި. ފަހުން އެގޭގަ ދިރިއުޅުނީ. އެހެން އުޅެނިކޮށް ދޮނާގެ ވެޑިން އޮތް ރޭގަ އަހަންނަށް މަޑުމަޑުން ހަނދާންތައް އަންނަމުން ގޮސް ހުރިހާ ކަމެއް ހަނދާންވީ. ލޫލު ފިޔަވާ. ހަނދާނަށް ހުރިހާ ކަމެއް އައިމަ އުފާވުމުގެ ބަދަލުގަ އަހަރެންގެ ހިތްހަލާކުވީ. އޭރުގެ މަންޒަރުތަކާ އެ ހިތްދަތި ވަގުތުތައް ކިހިނެއް އަހަރެންގެ ސިކުނޑީގަ ވަކި ހިއްޕާލީ. ޕޮޒިޓިވް އެއްވެސް ވިސްނުމެއް އަހަންނަށް ނައި. އަހަރެންގެ ސިކުނޑި މަޖުބޫރުކުރީ ބާޒިލް އެދޭ ފަދައިން އޭނާ ދޫކޮށްފަ ދާން. އެންމެން އަހަންނާ ދެކޮޅު. އަހަންނަށް ވީވަރު މިހެން އަދި މީހަކަށް ކިޔައިދިނަސް އިހުސާސެއް ނުވާނެ. އެކަން ތަހައްމަލު ކުރި މީހަކަށް ދޯ އެނގޭނީ"

މެލެކް ފުން ނޭވައެއް ދުކޮށްލިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިކަން އިހުސާސްވުމާއެކު އަތްތިލައިގެ ތެރޭގައި އޮތް ޓިޝޫކޮޅު ދެލޮލުގައި ޖައްސާލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި ޝިނާ އަށް ބަލައިލިއެވެ. ޝިނާ ސީރިޔަސް ބެލުމަކުން ބަލަން އިންގޮތުން އިތުރަށް މެލެކްއަށް ހެވުނެވެ. އޭނާ ޝިނާގެ ލޯމަތީގައި ވައިގެ ތެރޭގައި އަތް ހިންގާލިއެވެ.

"ޝިނާ...؟" މެލެކް ގޮވާލިއެވެ.

"ކިޔާނެ އެއްޗެއް ނޭނގިފަ މިއިންނަނީ. މެލީ ވަރަށް ހިތްވަރުގަދަ. ކިތަންމެ ލޯބިވިޔަސް އަހަންނަކަށް ފިރިމީހާ ޝެއާއެއް ނުކުރެވޭނެ. އޯ މަގޭ ރައްޔާނު... ހިޔާލަކަށް އައިމަވެސް ހީވެއްޖެ މީހަކު އަތްނުލާ ހިތަށް އަނިޔާކޮށްފިހެން" ޝިނާ ބުންޏެވެ.

"މިކިޔައިދެވުނީ ގާތްގަނޑަކަށް އަހަރެންގެ ސްޓޯރީ. މިހާރުގެ ހާލަތު ޝިނާ އަށް އެއްގެއެއްނު. ބުނެބަލަ އަހަރެން ކައްތައް ކުރަންވީ ގޮތެއް" މެލެކް ބުންޏެވެ.

"އަހަރެންގެ ހިޔާލަކަށް އެދުނީމަ އެނގޭ މިބުނަނީ" ޝިނާ ބުންޏެވެ. މޭޒުމަތީގައި އޮތް މެލެކްގެ އަތްމަތީގައި ޝިނާ އަތް އެޅިއެވެ.

"ބުނެބަ. މިކަހަލަ ވާހަކަތައް އަހަރެން ކިޔައިދޭނީ ޔާނަށް. ކިހިނެއް ފޯނުން މިވާހަކަތައް ޔާނު އާ ޝެއާކުރާނީ. މިތަނުގަ އަހަރެންގެ އެކުވެރިޔަކީ ތިއީ. ކިޔާބަލަ އަހަރެން ކަންތައް ކުރަންވީ ގޮތެއް. އަޅެ އަހަރެން ގޯސް ތަ؟ ޝިނާގެ ވާހަކަތައް އަހަރެން އަޑުއަހާނަން" މެލެކް ބުންޏެވެ.

"މާޒީގައި ހިތްދަތިކަމެއް ތަހައްމަލު ނުކުރާނެ ހަމަ އެކަކުވެސް ނުހުންނާނެ. މާޒީގެ ފަސްބައިގައި އެލިގަނެގެން އުޅެންވިއްޔާ ދުވަހަކުވެސް މުސްތަގުބަލުގެ އުފާވެރިކަން އަހަރެމެން އަތުގައި ނުޖެހޭނެ. އަހަރެމެންޖެހޭނީ ފަހަތް ނުބަލާ ކުރިއަށްދާން. ބާޒިލް ލޯބިނުވާނަމަ އާދޭހެއް ނުކުރާނެ. ބާޒިލް ކީއްކުރަން މިޒަމާނު ކޮން ފިރިހެނެއް އަންހެނެއްގެ ފަހަތުން އެހެން އުޅޭނީ. މިސާލަކަށް ބާޒިލް ލޯބިނުވަންޏާ ހަމަ މެލީ ޑިވޯސްކުރަންވީނު. އޭނައަށް އަންހެނުން ނުވެ ނުދާނެއްނު. މެލީ ތިދިން އަދަބު ހިމޭނުން ހުރެ އޭނަ ލިބިގެންފިއެއްނު. އޭނައަށް މަޢާފްކުރޭ. ތިދެމީހުންނަށް އެންމެ ރަނގަޅީ އެގޮތް. މިހާރު ވިސްނަންޖެހޭނީ ދެމީހުންގެ އަމިއްލަ އުފަލަކަށް ނޫން. ދަރީންގެ މުސްތަގުބަލަށް. ތިކައިވެނި ކުރެވުނީ ކޮންމެ ހާލަތެއްގައި ނަމަވެސް މިހާރު ހާލަތު މިވަނީ ބަދަލުވެފަ. އޭރުގެ ހިތްދަތިކަން މިވަނީ އުފާވެރިކަމަށް ބަދަލުވެފަ. ބާޒިލްގެ ލޯބި މެލީއަށް ތިވަނީ ކާމިޔާބުވެފަ. މިޒަމާނުގަ ހެޔޮލަފާ ރަނގަޅު އަންބަކު ނުވަތަ ފިރިއަކު ލިބުމަކީވެސް ނިއުމަތެއް. މެލީއަށް އެކަލާނގެ ދެއްވި މަތިވެރި ނިއުމަތަށް ފުރަގަސްނުދީ... މެލީ ތިއީ ވިސްނޭ ކުއްޖެއް. މެލީ ނިންމަންޖެހޭނީ ހަމަ އެންމެ ނިންމުމެއް. މެލީގެ ހަފަރާތުން މާމެލާމެލީގެ ގުލްޒާރެއް ފަރިވެ ފޮޅެމުންދާތަން ފެންނާނެ. ދެފަރާތުގެ އާއިލާގެ އުފާވެރިކަންވެސް ވަނީ ތިވަނީ މެލީގެ އަތްމަތީގަ"

ޝިނާގެ ވާހަކަތައް އަހަން ކަޅިޖަހާނުލާ މެލެކް އިނީ ބަލަހައްޓައިގެންނެވެ. އޭނާ ހިތްއަވަސްވާން ފެށިއެވެ. ކަންތައް ކުރެވުނު ގޮތް ރަނގަޅުނޫންކަން އޭނާގެ ޒަމީރު ގަބޫލުކޮށްފިއެވެ. ޖަޒުބާތުގައި ޖެހި ނިންމި ނިންމުން ގޯސްކަން އިހުސާސްވެއްޖެއެވެ. އުފާވެރިކަމަށް އޭނާގެ ހިތް އެދެން ފެށިއެވެ. ޝިނާއަށް ބަލައިލަމުން ބޯޖަހާލިއިރު އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. މޭޒުމަތީގައި އޮތް ފޯނަށް އޭނާ ބަލައިލިއެވެ. ފަތިހު ހަބަރެއްވި ގޮތަށް ބާޒިލްގެ ހަބަރެއް ނުވެއެވެ. ބާޒިލްއަށް ގުޅަންވީ ހެއްޔެވެ؟ ނޫނީ ބާޒިލް ގުޅާނެ އިރަކަށް އިންތިޒާރު ކުރަންވީ ހެއްޔެވެ؟

"ހިނގާ ގެއަށް. ކޮޓަރިއަށް ވަދެ ރަނގަޅަށް ހަމަޖެހިލާފަ ގުޅާނީ"

މެލެކްގެ ހަރަކާތްތައް އެވަގުތު ހުރިގޮތުން ހިތަށް އެރި އެއްޗެއް ޝިނާ ނަގައިގަތެވެ. މެލެކްއަށް ހެވުނެވެ. ސައިކަލު ފަހަތުގައި އިން އިރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ބާޒިލްއަށް މަޢާފްކޮށްފީމެވެ. ދެމަފިރިކަމުގެ ގުޅުމުގެ ހައްގުގައެވެ. ލޯބީގެ ހައްގުގައެވެ. ދަރީންގެ ހައްގުގައެވެ. ދެފަރާތުގެ އާއިލާގެ ހައްގުގައެވެ. އެންމެ ބޮޑު ހަގީގަތަކީ ބާޒިލް އާ ނުލާ އުޅެން ދަތިވެފައި ވީތީއެވެ. އެކަމަކު ބާޒިލް ގުޅާށެވެ. އޭރުން ލޯބިން ވާހަކަދައްކާނަމެވެ. ކުރިން ގުޅައިގެން ކިޔާނީ ކީކޭ ކަމެއް ނޭނގެއެވެ.

ގޭ ދޮރުކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު މެލެކް ފޭބިއެވެ. ޝިނާއަށް ބަލައިލާފައި އެތެރެއަށް ނުވަންނާނަންހޭ އަހާލިއެވެ.

"މިގަޑީގަ ގެއަށް ދާނީ. ދޮންބެ ދެންމެ ގުޅިއެއްނު. ފަހުން އަންނާނަން" ޝިނާ ބުންޏެވެ.

ހީލާފައި އެތެރެއަށް ވަންނަ އުޅުނު މެލެކްއަށް ގޮވާލިއެވެ.

"ހަނދާންކޮށް ބާޒިލްއަށް ގުޅައްޗޭ" ޝިނާ ބުންޏެވެ.

"ހަމަ އަހަރެން ގުޅަންވީތަ؟" މެލެކް އަހާލިއެވެ.

"ހޫމްމް... "ޝިނާ ބޯޖަހާލިއެވެ. "ގޯސް ނިންމުމެއް ނުނިންމައްޗޭ. ފަހަރެއްގަ އެ ގޯސް ނިންމުން މެލީގެ މުޅި ދިރިއުޅުން ބަރުބާދުކޮށްފާނެ. އޭރުން ހަލާކުވެގެންދާނީ އެތައް ބައެއްގެ އުފާވެރިކަން. އޯލް ދަ ބެސްޓް"

މެލެކް ހިނިތުންވެލިއެވެ. ދެން ގޭޓުގެ ދަގަނޑު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ބަދިގެ އިން ވާހަކަދައްކާ އަޑު އިވޭތީ އޭނާ ދިޔައީ އެދިމާލަށެވެ. ބަދިގޭ ދޮރު ކައިރީގައި ހުއްޓުނުތަނާ ފުރަތަމަވެސް އޭނާއަށް ފެނުނީ އުނދުން ކައިރީގައި ހުރި ތަބައްސުމް އެވެ. ގޮނޑިގައި ފުރަގަހަށް އިން އައްޒާމް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރި މެލެކް ފެނުމާއެކު އައްޒާމް ތެދުވެފައި ދެއަތް ހުޅުވާލިއެވެ. މެލެކްއަށް ލިބިފައިވަނީ ހައިރާންކަމެވެ. އޭނާ ލަސްލަހުން ހިނގާފައި އައިސް އައްޒާމްގެ ދެއަތުގެ ތެރެއަށް ވަތްއިރު އެ ހައިރާންކަން ހިނިތުންވުމަކަށް ބަދަލުވެއްޖެއެވެ.

"ބައްޕަ ކޮންއިރަކު އައީ؟ އަންނަކަމެއް ނުވެސް އެނގޭ" މެލެކް ބުންޏެވެ.

އައްޒާމް ހީލިއެވެ. މެލެކް ދެކޮނޑުގައި ހިފާ ދުރުކޮށްލުމަށްފަހު އޭނާ މެލެކްގެ މޫނަށް ބަލައިލިއެވެ. ކުޑަކޮށް އުފުލިލާފައި ހުރި މެލެކްގެ ބަނޑަށް ވެސް ބަލައިލިއެވެ. އުފަލުން އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"މަންމަވެސް ނުބުނޭ" މެލެކް ބުންޏެވެ.

"މަންމައަކަށްވެސް ނޭނގޭނެ ބައްޕަ އަންނަކަމެއް. މިއައީ ތި ތިންމައިން ދެކިލާހިތުން. އާދެބަލަ މިތަނުގަ ބައްޕަ ކައިރީގަ އިށިނދެލަން"

ދެބަފައިން ޖެހިޖެހިގެން ހުރި ދެގޮނޑީގައި އިށީނެވެ. ކޮފީތަށި ހިފައިގެން އައި ތަބައްސުމް ހިނިތުންވެލިއެވެ. އައްޒާމް އާ ގާތަށް ކޮފީތަށި ޖައްސާލަފައި ދުރަށް ޖެހިލީ ފިނިފެން ފުޅިއެއް ބަލައެވެ.

"ބައްޕަ ތިއައީ އަޅުގަނޑުމެން ބަލާތަ؟ އަޅުގަނޑު ދާން ތައްޔާރު" މެލެކް ބުންޏެވެ.

ދުރުގައި ހުރި ތަބައްސުމް ހީލިއެވެ. ކުއްލިއަކަށް މެލެކް އެފަދަ ނިންމުމެއް ނިންމީތީ ހައިރާންވެސް ވިއެވެ.

"ކީކޭ؟ ދަރިފުޅުތަ ތިހެން ހަމަ ތިބުނީ؟ " ތަބައްސުމް ބުންޏެވެ.

މެލެކް ބޯޖަހާލިއެވެ. "ލައްބަ. ކިހާ ދުވަހެއް ވަންދެން އެންމެންނާ ދުރުގަ އުޅެވިއްޖެ. މިހާރު ދާން ބޭނުމީ. ރަށުގަ ތިބި މީހުން ދެކިލާހިއްވެސްވެއްޖެ" އެހިނދު މެލެކްގެ ސިކުނޑީގައި ދައުރުވީ އެ 'އެންމެންނެއް' ނޫނެވެ. ހަމަ އެންމެ އިންސާނެއްގެ ތަސްވީރެވެ. އެނާގެ ވާހަކަތައް ގުޅިފައިވަނީ ހަމަ އެންމެ އިންސާނަކާއެވެ.

"ބައްޕަ ވަރަށް އުފާވެއްޖެ. ބައްޕަ ބޭނުންވަނީ މިރަށުން ބައްޕަ ދާއިރު ދަރިފުޅު ގޮވައިގެން ދާން. އެކަމަކު މިހާރު އެބާރެއް ބައްޕައަކަށް ނެތް" އައްޒާމް ބުންޏެވެ.

"ކީއްވެ؟ ބާޒިލް ނާންނާނެ އަޅުގަނޑު ބަލައެއް. އެހެންނޫނަސް ރުޅިހަދާފަ އައީ އަޅުގަނޑެއްނު. އެހެންވީމަ ދާންޖެހޭނީވެސް އަޅުގަނޑެއްނު. އަޅުގަނޑަކަށް ނެތެއްނު މިހެން ހުރެވޭކަށް. ކައިރީގަ ހުރީ އަޅުގަނޑުގެ އެކަނި ދަރިއެއް ނޫނެއްނު. ލިބެން މިއުޅޭ ދަރިފުޅުވެސް.... ފަހަރެއްގަ... ފަހަރެއްގަ ގޯސްހެދުނީ އަޅުގަނޑަށް ކަންނޭނގެ" މެލެކް އިނީ އެއްދިމާލަކަށް ބަލަހައްޓައިގެންނެވެ.

އަލްހަމްދުލިއްލާހް. މަގޭ ދަރިފުޅަށް ﷲ ހެޔޮ ވިސްނުން ދެއްވައިފި" މެލެކް ބޮލުގައި ތަބައްސުމް ފިރުމާލިއެވެ.

"އަލްހަމްދުލިއްލާހް.... ތާބާ! މިއަދުގެ ވަގުތުތައް ވަރަށް އުފާވެރި. ﷲ އަހަރެމެންގެ ދެމަފިރިން ވިސްނުމާ ފިކުރުގެ ކަނޑަކަށް ގެނބިގެން ދާން ދޫކޮށް ނުލެއްވި" މެލެކްގެ ބަސްތަކުން އައްޒާމްގެ ހިތަށް ވެސް އުފާވެރިކަން ގެނުވައިފިއެވެ.

"ކޮބާ ލޫލު؟" މެލެކް އަހާލިއެވެ.

"މަންމަ ހުރި ތަނެއްގަ ނެތިއްޔާ ކޮޓަރީގައެއްނު ވާނީ. ދޭބަލަ ހޭލައިފިތޯ ބަލާލަން" ތަބައްސުމް ބުންޏެވެ.

ބަލައިލާފައި އެބައަންނަމޭ ބުނެ މެލެކް ހިނގައިގަތެވެ. އެހިނދު އައްޒާމް އާއި ތަބައްސުމް މާނަފުން ހިނިތުންވުމެއް އެކަކު އަނެކަކާ ބަދަލުކޮށްލިއެވެ.

****

ކޮޓަރީ ދޮރު ކައިރީގައި ހުއްޓުމާއެކު މެލެކް އަށް ލިބުނީ ހައިރާންކަމެވެ. ފިރިހެނެއްގެ ކެޝުއަލް ބޫޓެއް ދޮރު ކައިރީގައި އެބަހުއްޓެވެ. ކާކުގެ ހެއްޔެވެ؟ ބައްޕަގެ ބޫޓަކަށް ވެދާނެ ހެއްޔެވެ؟ ނުވާންވީ ސަބަބެއް ނެތެވެ. ބައްޕައަކީ އަބަދުވެސް ވަރަށް ޑީސެންޓްކޮށް ހުންނަ މީހެކެވެ. މެލެކް ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅު އަނބުރާލާފައި އެތެރެއަށް ހުޅުވާލިއެވެ. އެހިނދު ފެނުނު މަންޒަރު އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އެއީ ހޭލާ ހުއްޓާ ފެނުނު ހުވަފެނެއް ބާއޭ ހިތަށް އެރިއެވެ. ގަބުލުނުކުރެވިގެން ދެތިންފަހަރަކު ދެފަރާތަށް ބޯހޫރާވެސްލިއެވެ. އެހެންނަމަވެސް މަންޒަރު ބަދަލުނުވިއެވެ. އެއީ ހަމަ ހަގީގަތެވެ. ވަގުތުގެ ނާޒުކުކަން މެލެކް ޖަޒުބާތީކޮށްލިއެވެ. އޭނާއަށް ކަޅިޖަހާނުލާ ބެލެނީ ބާޒިލްގެ މޫނަށެވެ. ލޫލު ބަނޑުމައްޗަށް ލައިގެން ސަކަރާތުގައި އޮތް ބާޒިލް ދޮރާ ދިމާލަށް ބަލައިލިއެވެ. އެދިމާ ބަލަހައްޓައިގެން ހުރި މެލެކް ފެނުމުން ބާޒިލް ލޫލު އެއްފަރާތުގައި ބައިންދާފައި ތެދުވިއެވެ. އެނދުގައި އިށިންގޮތަށް އޭނާވެސް މެލެކްއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ނަޒަރު މެލެކްގެ ދެފައިތިލަ އިން ފެށިގެން ލަސްލަހުން މައްޗަށް ދަތުރުކޮށްލިއެވެ. އެހިނދު އޭނާގެ ނަޒަރު ހުއްޓުނީ މެލެކްގެ މެއާ ބަނޑާ ދެމެދަށެވެ. މެލެކްގެ ހިމަ ހަށިގަނޑުން މާބަނޑު މީހެއްގެ ހަށިގަނޑަށް އަންނާނޭ ބަދަލުތައް ބާޒިލްއަށް ވަރަށް ބޮޑަށް ފާހަގަވިއެވެ. އެ ހަށިގަނޑަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް އޭނާއަށް ވުރެ ބޮޑަށް ފާހަގަވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. މިދުނިޔެއިން އޭނާ އަށް އެންމެ ލޯބިވެވުނު ހަށިގަނޑަކީވެސް ލޯބިކުރި ހަށިގަނޑަކީވެސް އެއީ އެވެ. އެހަށިގަނޑުން ނޫން އެހެން އެއްވެސް ހަށިގަނޑަކުން އުފަލެއް ހޯދުން އޭނާ އެހުރީ ހަރާންކޮށްގެނެވެ. ފަހު ނޭވާ އާ ހަމައަށް ވެސް އެކަން ބަދަލެއް ނުވާނެއެވެ. އޭނާ އަށް މެލެކް އާ ދިމާލަށް ހިނގައިގަނެވުނީ ބޭއިހްތިޔާރުގައެވެ. މެލެކް އާ ދިމާލަށް އޭނާ ހިނގަމުން ދިޔައީ މެލެކްގެ އަމަލުތައް ކޮންމެ ގޮތަކަށް ހުއްޓަސް ވަރިހަމަކޮށްގެނެވެ. ކެތްކުރަންދަތި ޖަޒުބާތެއްގެ އޮއިވަރު އޭނާގެ ހިތް ހަލަބޮލި ކުރުވައިފިއެވެ. ނުދާން ހުއްޓަސް އޭނާގެ ނަފްސުގައި ކޮންޓްރޯލެއް ނެތެވެ. ބާޒިލް ހުއްޓުނީ މެލެކްގެ ކުރިމަތީގައެވެ. އޭނާ އަތް އުފުލާލައިފިނަމަ މެލެކްގެ ގައިގައި ބީހޭނެހާ ގާތުގައެވެ. އިތުރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ދެހަށިގަނޑު އެއްތަންވާނެއެވެ.

އެތައް ދުވަހަކަށްފަހު ކުރިމަތިން ކުއްލިއަކަށް ބާޒިލް ފެނުމުން މެލެކް ހުރީ އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައެވެ. އެންމެފަހުން ބާޒިލް ފެނުނު ދުވަހާއި މިހާރާ އޭނާ އަޅާކިޔާލިއެވެ. ހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައި ނެތެވެ. ކުރިއަށް ވުރެ އިސްތަށިގަނޑު ހުރީ ތުނިކޮށްލާފައެވެ. ލައިގެން ހުރީ އަތްދިގު ކަޅު ކުލައިގެ ގަމީހެކެވެ. ގަމީހުގެ އަތުކުރި އުޅަނބޮށިން ކުޑަ ތަންކޮޅެއް މައްޗާ ހަމައަށް ހުރުމުން ސްމާޓް ގޮތެއް ހުއްޓެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. މިއީ ހަމަ އަހަރެންގެ ބާޒިލް އެވެ. އެތައް ދުވަހަކަށްފަހު މިހުރީ ކުރިމަތީގައެވެ. މެލެކް ހިމޭނުން ތިހުންނަނީ ކިހިނެއްވެފަ ހެއްޔެވެ؟ ތި ހިތުގަ އޮތް އެއްޗެއް ބުނާށެވެ. ހިތް ފުރެންދެން ބަލާލާށެވެ. ތިއީ ދެމަފިރިންނެވެ. ތިދެމެދުގައި ކޮޅެއް ނުފެންނާނެފަދަ ފާލަމެއް ހުރަސްކުރުވި މީހަކީ މެލެކް އެވެ. މިހާރު ތިވަނީ ހުރިހާ ހުރަސްތަކެއް ނެތިކޮށްލާނޭ ފުރުސަތު ލިބިފައެވެ. އިހުތިޔާރު އޮތީ މެލެކްއަށެވެ.

"މެލީ...،" ބާޒިލް ގޮވާލިއެވެ.

ބާޒިލް ބޭނުންވީ ހަމައެކަނި ދުލުން އެފަދައިން ގޮވާލާކަށް ނޫނެވެ. ކަކުލުން މައްޗަށް ހުރި ސޯޓުބުރީގެ ދެ ޖީބަށް ޖަހާލެވިފައިވާ އޭނާގެ ދެއަތްތިލަ ވަނީ މުށްކެވިފައެވެ. ދެއަތްތިލަ އޭނާ ހުރީ ގަދަކަމުން ހިފަހައްޓައިގެންނެވެ. އެހެންނޫނީ މެލެކްގެ ހުއްދައަކާ ނުލާ އެދެއަތުން މެލެކްގެ ގައިގައި ބީހޭނެތާ ކިތަންމެ އިރެކެވެ. އަވަސްވެފައިވާ ހިތުވިންދުތައް މެލެކްގެ ހިތް ނުރުހޭ ކަމެއް ކުރުވާކަށް އޭނާ ތަނެއް ނުދޭނެއެވެ. މެލެކްގެ އަދަބުތައް ނިމުމަށް ނުގެންނަނީސް މިހާރުވެސް ކުރެވިފަ ވަނީ މެލެކް ހިތްހަމަނުޖެހޭނެ ކަމެކެވެ. މެލެކް ކައިރީގައި އަހާވެސްނުލާ މާލެ އާދެވިއްޖެއެވެ. ނުވީތާކަށް ގެއަށް އައިސް މެލެކްގެ ކުރިމަތީގައި ހުއްޓެވިއްޖެއެވެ.

"ބާ ޒި ލް...." ލަސްލަހުން ބާޒިލްގެ ދެ ލޮލާ ކަޅި އަމާޒުކޮށްލަމުން މެލެކް ގޮވާލިއެވެ. އެ އަޑު އައީ ވަރަށް މަޑުމަޑުންނެވެ.

ބާޒިލްގެ ދެލޮލަށް ބަލަހައްޓައިގެން މެލެކް ހުރީ އެސްފިޔަ ޖަހާލަންވެސް ބޭނުންނުވެފައެވެ. އެހާ ހިނދުކޮޅެއްގެ ތެރޭގައިވެސް ލޯ ކުރިމަތިން އިތުރަށް ބާޒިލް ގެއްލިދާނެހެން ހީވާތީއެވެ. ދެމަފިރިންގެ ދުލުގައިވެސް ލަފްޒެއް ނެތެވެ. އެގޮތުގައި ހިނދުކޮޅެއް ވެއަތުވެގެން ދިޔައެވެ. ދެމަފިރިންނަށް ވެސް ސިހުން ލިބުނީ މެލެކްގެ ހެދުމުގައި ލޫލު ހިފައިގަތުމުންނެވެ. ސިހިފައި މެލެކް ލޫލުއަށް ބަލައިލިއެވެ. އޭނާ ލޫލު އުރާލަން އުޅުމުން އެކަން ހުއްޓުވީ ބާޒިލް އެވެ.

(ނުނިމޭ)