ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅާއި ދ. އަތޮޅުގައި ބެހެއްޓި އޭޓީއެމްތައް މެދުވެރިކޮށް ޖުމުލަ 25 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ދާދިފަހުން ބީއެމްއެލުން ވަނީ ދ. އަތޮޅާއި ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްތައް ބަހައްޓައިފައެވެ. ބީއެމްއެލުން މިދިޔަ ފެބްރުއަރީ މަހު ދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްތައް ބެހެއްޓި އިރު، މިދިޔަ މަހު ހއ. އަތޮޅު ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްތައް ބަހައްޓައިފައެވެ. އެއާއެކު ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށި ފުރަތަމަ ދެ އަތޮޅަށް ދ. އަތޮޅާއި ހއ. އަތޮޅު ވަނީ ވެގެން ގޮސްފައެވެ.

ބީއެމްއެލުން އެކްސްގައި މިއަދު އާންމުކުރި މައުލޫމާތުން ދައްކާގޮތުގައި، ދ. އަތޮޅުގެ ރަށްތަކުގެ އޭޓީއެމްތަކުން ފެބްރުއަރީ 25 އިން ފެށިގެން މިމަހުގެ 9 ގެ ނިޔަލަށް ވަނީ 13،000 މުއާމަލާތް ހިންގައިފައެވެ. އެއީ 47 މިލިއަން ރުފިޔާއެވެ. އަދި އެ އޭޓީއެމްތަކުން ޖަމާކޮށްފައިވާ ޖުމުލަ އަދަދަކީ 10.2 މިލިއަން ރުފިޔާއެވެ.

ހއ. އަތޮޅުގެ ރަށްތަކުގެ އޭޓީއެމްތަކުން މިދިޔަ މަހުގެ 24 އިން ފެށިގެން މިމަހުގެ 9 ގެ ނިޔަލަށް 21،600 މުއާމަލާތް ވަނީ ހިންގައިފައެވެ. އެއީ 50 މިލިއަން ރުފިޔާއެވެ. އަދި އެ އޭޓީއެމްތަކުން ޖަމާކޮށްފައިވާ ޖުމުލަ އަދަދަކީ 15 މިލިއަން ރުފިޔާއެވެ.

ބީއެމްއެލުން ބުނީ އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގައިން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދުވާލަކު 15،000 މުއާމަލާތް ހިންގާފައިވާ ކަމަށާއި އެއީ 41 މިލިއަން ރުފިޔާ ކަމަށެވެ. އަދި ދުވާލަކަށް އެ އޭޓީއެމްތަކުން 12.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ މުޅި އޭޓީއެމް ވިއުގައިގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވަނީ 30،000 މުއާމަލާތް ހިންގައިފައެވެ. އެއީ 99 މިލިއަން ރުފިޔާއެވެ. އަދި ދުވާލަކަށް ޖުމުލަ 28.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.