ވަޒީފާއެއް ނުލިބި 200 އަށްވުރެ ގިނަ ޕައިލެޓުން އެބަ ތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ މިދިޔަ ސަރުކާރު ވެރިކަމާހަވާލުވުމުގެ ކުރީގެ ތިން އަހަރު ތެރޭގައި 500 އަށްވުރެ ގިނަ ކުދިންނަށް ޕައިލެޓުކަން ކިޔެވުމުގެ ފުރުސަތު ސިޔާސީ ބޭނުމެއްގައި ދީފައިވާ ކަމަށެވެ.

އެ 500 ކުދިން ޕައިލެޓުކަން ކިޔަވަން ފޮނުވިއިރު 200 އަށްވުރެ ގިނަ ކުދިން ޕައިލެޓުކަން ކިޔަވަމުންދިޔަ ކަމަށާއި އެކަމުގެ ސަބަބުން ޕައިލެޓުންކަން ކިޔަވައިގެން އައި ކުދިންނަށް ވަޒީފާއެއް ނުލިބި ބޮޑު ބެކްލޮގެއް އުފެދިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"ޕައިލެޓެއްގެ ލައިސަންސް ފްލައިން ސްކޫލަކުން ހަދައިގެން އައީމާ ހަމަ އެއީ ކެޑޭޓް ޕައިލެޓުން. އެ ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް ނުހިންގޭނެ އިނގޭތޯ. ރާއްޖޭގައި މިހާރު އެބަ ތިބި ކަންނޭނގެ 200 ވަރަކަށް ކުދިންނަށްވުރެ ގިނައިން ޕައިލެޓް ލައިސަންސް ހަދައިގެން އައިސް ވަޒީފާ ނުލިބިފަ އިނގޭތޯ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި އޮތީ ކެޑޭޓް ޕައިލެޓުން ވަޒީފާއަށް ނެނގޭނެ އެންމެ ދެ ކުންފުނި ކަމަށާއި އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އަދި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) ކަމަށެވެ. އެ ދެ ކުންފުނި އެއްކޮށްލައިގެންވެސް 25 އަށްވުރެ ގިނަ ކެޑޭޓް ޕައިލެޓުންނަށް ވަޒީފާ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕައިލެޓުންނަށް އެފަދަ މައްސަލަތަކެއް ދިމާވާނެކަން މިނިސްޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިންވެސް ދައްކާފައިވާނެކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، ޕައިލެޓުކަން ކިޔަވަން ލޯނު ލިބިފައިވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ވާހަކަދައްކައިގެން ކޯސް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ކުދިން މިހާރު ކޯސް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.