ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާ ގޮތަށް، ވަކި އަހަރަކަށްވުރެ ފަހުން ވިހެއި މީހުންނަށް ދުންފަތް މަނާކުރާ "ޖެނަރޭޝަން ބޭން" ފަށާ އަހަރު ކަނޑެޅުމާ ގުޅޭ ގޮތުން މިއަދު ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ކެބިނެޓް ބައްދަލުވުން ފެށުމުގެ ކުރިން ރައީސް އޮފީސް މެދުވެރިކޮށް ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތް ސެޓެޓިސްޓިކް 2022 ދައްކާ ގޮތުން ގައިންގަޔަށް ނާރާ ބަލިތައް އެންމެ ބޮޑަށް ރާއްޖޭގައި ފެތުރެނީ އަދި ނުކުޅެންދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ.

އެ މަނިކުފާނު ދުންފަތުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކާއި ކެންސަރާއި ހިތުގެ ބަލިފަދަ ބަލިތަކުން މުޖުތަމައު ސަލާމަތްކޮށްދިނުމަށްޓަކާ ސަރުކާރުން ކުރާ މަސައްކަތައް ރައްޔިތުންގެ އެއްބާރުލުން ދޭންވާނެ ކަމަށެވެ.

"އެގޮތުން ޖެނެރޭޝަން ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެން. މިކަމާ ގުޅިގެން ސާވޭއެއް ސޯޝަލް މީޑިއާގައި އެކިއެކި ޒަރިއްޔާތަކުގެ ހެދިއްޖެ. އޭގެ އިތުރަށް އެކިއެކި ޖަމިއްޔާތަކާ ޑަބްލިޔުއެޗްއޯއާ ޔުނިސެފާ ވެސް މިހެން ގޮސް އެކި ފަރާތްތަކާ އަޅުގަނޑުމެން މަޝްވަރާ ކޮށްފިން. މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކާ އަޅުގަނޑުމެންގެ ޖީލު ސަލާމަތްކުރުމަށްޓަކާ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައްޖެހޭ ނުޖެހޭ މުޖުތަމައަކަށް ހެދުމަށްޓަކާ މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ ތެރޭގައި 84 ޕަސަންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގައިންގަޔަނަށް ނަރާ ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ. ގައިންގަޔަނަށް ނާރާ ބަލިތަކާ ބެހޭގޮތުން ރާއްޖޭގައި ހެދި ސާވާއެއްގެ ތަފާސްހިސާބު ދައްކާގޮތުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސާވޭގައިވާ ގޮތުން 21.8 ޕަސަންޓު ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ބައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެއީ ރާއްޖެ ކަހަލަ ކުދި އާބާދީގައުމަކުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީއަކީ މިވަގުތު 411،7041 މީހުން ކަމަށާއި އޭގެ ތެރެއިން 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފަ އަދި މިހާތަނަށް މަރުވެފަތިބި މީހުން އުނިކޮށްފަ ބަލާއިރު އެ އަދަދަކީ 124,002 މީހުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އާބާދީގެ 30.1 ޕަސަންޓުކަމަށް ރައީސް ވިދާޅުވިއެވެ.

މިމަހުގެ ދެވަނަ ދުވަހު ބޭއްވި "ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައިފައެވެ.