އެމެރިކާއަށް އެތެރެކުރާ ފޯނާއި ކޮމްޕިއުޓަރުން ޓެރިފް އުވާލައިފިއެެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން އިން ނެރުނު ނޯޓިސްއެއްގައި ބުނެފައިވާ ގޮތުން އެ ގައުމަށް އެތެރެކުރާ ސްމާޓް ފޯނާއި ކޮމްޕިއުޓަރާއި އެއާ ގުޅޭ ބައެއް އިލެކްޓްރޯނިކްސް އިން ޓެރިފް ނުނަގަން ވަނީ ނިންމައިފައެވެ.

މި ފިޔަވަޅު އަޅަން މި ނިންމީ ޗައިނާ އިން އެމެރިކާއަށް އެތެރެކުރާ މުދަލުން 145 ޕަސެންޓަށް ޓެރިފް ބޮޑުކުރަން ނިންމައި އެއަށް އަމަލުކުރަން ފެށި ފަހުންނެވެ. އެ ފިޔަވަޅުގެ ސަބަބުން އެ ގައުމުގެ ޓެކް އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން އެމެރިކާގެ އެޕަލް ކުންފުނިން އުފައްދާ އައިފޯނާއި އެހެން ޕްރޮޑަކްޓްތަކަކީ ޗައިނާގައި އުފައްދާ މުދަލަށް ވުމުން އެކަމުގެ ސީދާ އަސަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ އެމެރިކާ އިން ޓެރިފް ބޮޑުކުރުމުން އެ ގައުމުގައި މިހާރު ހުރި ސްޓޮކް ހުސްވުމާއެކު ގިނަ ބާވަތްތަކުގެ މުދަލުގެ އަގު ބޮޑުތަނުން ބޮޑުވާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ވައިޓް ހައުސް އިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅަން ނިންމެވި ފިޔަވަޅުތަކުގެ ސަބަބުން ޓެކް ކުންފުނިތަކުން އެ ކުންފުނިތަކުގެ ފެކްޓްރީތައް އެމެރިކާއަށް ބަދަލުކުރަން ފަށާނެ ކަމަށް ބުނެފައެވެ.