އެއީ މީގެ 65 އަހަރު ކުރި އެވެ. އަހަރުން 1960 އެވެ. ހުޅުލޭ ހިއްކައިގެން އެތަނުގައި ފުރަތަމަ ރަންވޭ ހަދަން ފެށި އަހަރެވެ. ދަގަނޑު ޝީޓުތަކެއް އަޅައިގެން ހެދި އެ ރަންވޭއަކީ ރާއްޖޭގެ ފުރަތަމަ އެއާޕޯޓުގެ ބިންގަލެވެ. އޭގެ ދެ އަހަރު ފަހުން 1962 ވަނަ އަހަރު އޭރުގެ ނަމުން ނަމަ ހުޅުލޭ އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު ޖެއްސި އެވެ. އެއާ ސިލޯނުގެ އެ ބޯޓަކީ ބައިނަލްއަގުވާމީ ދަތުރުތަކުގެ ފެށުމެވެ.
ނަމަވެސް އެއާޕޯޓް ރަސްމީކޮށް ހުޅުވީ މީގެ 59 އަހަރު ކުރިން 12 އޭޕްރިލް 1966 ގައެވެ. އެއާޕޯޓް ހުޅުއްވައި ދެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެއާއެކު ރާއްޖޭގެ މައި އެއާޕޯޓުގެ ދިގު ތާރީހު ލިޔަން ފެށުނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު 59 އަހަރު ފާހަގަކުރަން މިއަދު ފެށީ އެއާޕޯޓުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެ ކުންފުނީގެ މެނޭޖުމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކް ހޯލްޑަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި އެއާޕޯޓުގެ ތަރައްގީއަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީއަށްޓަކައި ވަރަށް މުހިމްމު ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ.
އެގޮތުން ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީޒް ކަމަށާއި އެތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށްވާއިރު އެއާޕޯޓު މުވައްޒަފުންނަކީ އަބަދުވެސް ގައުމަށްޓަކައި އަގުހުރި ހިދުމަތްތަކެއް ކުރާ ބައެއް ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓު ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ވަރަށް ބޮޑަށް ތަރައްގީ ވެގެންދާނެ އަހަރެއް. ސްޓޭކް ހޯލްޑަރުންނާއި ފަސިންޖަރުން އުފާވާފަދަ ހިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ،" މުވައްޒަފުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވައި ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި މިއަދުގެ ރަސްމިއްޔާތަށްފަހު 59 ފޫޓުގެ ކޭކެއް ފެޅުމަށްފަހު އެކުވެރިކަމުގެ ހިނގާލުމެއްވެސް ބޭއްވި އެވެ. އޭގެ އިތުރުން އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި މުވައްޒަފުންނަށް ހާއްސަ ގާލާ ނައިޓަކާއި ވަންޑޭ ހޭންޑްބޯލް މުބާރާތެއްވެސް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް