''މި ޖެއްސީ...'' އަސަލްގެ މެސެޖަށް މައިހާ ރައްދުދިނެވެ. މެސެޖު ކުރިތާ އިރުކޮޅެއް ފަހުން މައިހާ ފޮނުވި މެސެޖަށް އަސަލް ރިއެކްޓްކޮށްފިއެވެ. ފޯނަށް ބަލަން މައިހާއަށް އިނދެވުނެވެ. އަސަލްއާއި ބައްދަލުކުރަން ބޭނުންނުވެޔޭ ބުނެފިނަމަ އަމިއްލަ ހިތާއި ނަފުސަށް އޮޅުވާލެވުނީއެވެ. އޭނައަށް އެވާ އުނދަގޫތަކުގެ ސިއްރަކީ އެއީއެވެ. އެއްވެސް މީހަކާއި ހިއްސާނުކުރި ކަމުގައި ވިޔަސް، އަސަލް މާލެ ބަދަލުވީއްސުރެން މައިހާއަށް ފަޅުކަމާއި އެކަނިވެރިކަން އިހުސާސްކުރެވެއެވެ. ކޮންމެވެސް ހާލެއްގައި އަސަލްގެ ހަޔާތުން ޖާގައެއް ލިބުމަށް އެދެވެއެވެ. އަސަލްގެ ހާލު އެނގެން ބޭނުންވެއެވެ. ޤައިލާގެ ވެސް މެއެވެ. ފާއިތުވި ދުވަސްތަކުގައި އިސްވެ ގުޅާލަން ފަސްޖެހެވުނީ އަސަލްއާއި ޤައިލާގެ ފަރާތުން އެކުވެރިކަމުގެ އިޝާރާތެއް ނުލިބުމުންނެވެ. އޭނަ ޤައިލާއަށް ކުރި މެސެޖުތަކަށް ވެސް ޖަވާބެއް ނުލިބުނެވެ. ގުޅުމުން ފޯނެއް ނުނަގައެވެ. ފުރަތަމަކޮޅު މައިހާ ދެރަވިއެވެ. ސުވާލު އުފެދުނެވެ. އޭނައަށް ގޯހެއް ހެދުނީބާވައޭ ހިތަށް އަރައި ހާސްކަމެއްގެ ތެރޭގައި ބަނދެވުނެވެ. ބާރުބޮޑުވެފައިވި ސިކުނޑިއަށް ލުޔެއް ހޯދައިދޭން މައިހާ ގަސްދުކުރީ ހިމޭންކަން ޚިޔާރުކުރާށެވެ. އަލަތު ދެމަފިރިންނަށް ވީތީ ވަގުތު ދެށޭވެ. އޭނަގެ މަޤާމުގައި ދެމިހުންނާށެވެ.

އަސަލްގެ ފަރާތުން ލިބުނު އެންމެ މެސެޖަކުން އޭނަ ކުރިހާ ހިތްވަރެއް އެލިގެން ހިނގައްޖެއެވެ. ކޮންމެ ފަހަރަކު ތަޤުދީރުގެ ނިޔާ ޤަބޫލުކޮށް ކުރިއަށް ފިޔަވަޅެއް އަޅާލާއިރަށް މައިހާއަށް ހީވަނީ އިތުރު ފަސް ފިޔަވަޅު ފަހަތަށް ދެވޭ ހެންނެވެ. އޭނަގެ ހިތަށް ވިސްނައިދޭން މައިހާ އެތައް މަސައްކަތެއްކޮށްފިއެވެ. އެކަމަކު ކުރިއެރުމެއް ނުލިބުނެވެ. މޭގައި ޖަހާ ވިންދުތައް ބަދަލެއް ނުކުރެވުނެވެ. އެކަމުން ވެސް މައިހާ އިތުރަށް މާޔޫސްކުރުވައެވެ. މީހެއްގެ ފިރިއަކާ މެދު އިޝްޤީ އިހުސާސްތަކެއް ވާތީ އަމިއްލަ ޒަމީރަށް އަޑުލެވުނު ވަރެއް ނޭނގެއެވެ. އެފަދަ ނަޒަރަކުން ދެކުމަކީ ގޯހެކެވެ. ޤައިލާއަށް އޭނަގެ ސިއްރު ހާމަވެއްޖެނަމަ އަންނާނެ ރުޅި ތަސައްވަރުކުރެވުމާއެކު މައިހާ ބިރުގަންނަ ގޮތް ވެއެވެ. އަސަލް އޭނައާއި މެދު ދެކޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ރަނގަޅު އެކުވެރިޔަކަށް ވެސް ނުވެވުނީހޭ ބުނެ ސުވާލު އުފައްދާނެކަން ގައިމެވެ.

ހަލުވިކަމާއެކު ސިކުނޑީގައި ބުރުޖަހަމުން ދިޔަ ޚިޔާލުތަކާއި ވަކިވާން މައިހާއަށް މަޖުބޫރުކުރުވީ ކެބިން ކޫރުންގެ އެނައުންސްމެންޓާއެކުގައެވެ. ބޯޓުން ދަތުރުވެރިން ފޭބުމުގެ ހުއްދަ ދިނީއެވެ. އަތުގައި އޮތް ފޯނު އަތްދަބަހަށް ލަމުން މައިހާ ބަލައިލީ އޭނަގެ ވާތް ފަރާތަށް ހުރި ގޮނޑިބަރީގައި އިން މަންމަ އަށެވެ. މަންމައާއި ޖެހިގެން ހުރި ސީޓުގައި އިނީ މަންމަގެ ޒަމާންވީ އެކުވެރިޔާއެވެ. އަސަލްގެ މަންމަ އެވެ.

އޮލަވާހަކައެއްގައި ތިބެފައި މައިހާ ބަލައިލުމުން ރަމީޒާއާއި ޖާހަތު ވެސް ވާހަކަ މެދުކަނޑާލާފައި ސީޓް ބެލްޓް ނައްޓާލަމުން ތެދުވަން އުޅުނެވެ. ފުރަތަމަ ތެދުވީ ޖާހަތެވެ. އެއަށްފަހު ރަމީޒާއަށް އޭނަ އެހީވެދިނެވެ. އެކުވެރިޔަކަށް ވުރެން ޖާހަތުގެ ނަޒަރުގައި ރަމީޒާއަކީ އޭނަގެ ޢާއިލާގެ ބައެކެވެ. އޭނައާއި ރަމީޒާ ބައްދަލުވީ ކައިވެންޏަށް ފަހު ފިރިމީހާ، ހައިދަރުގެ ރަށަށް ބަދަލުވި ހިސާބުންނެވެ. ބީރައްޓެހި ރަށަކަށް ދިރިއުޅުން ބަދަލުކުރަންވުމުން ޖާހަތު ހުރީ ނުތަނަވަސްވެފައެވެ. ނަމަވެސް ހައިދަރުގެ ޢާއިލާއާއި އަވަށްޓެރިންގެ ފަރާތުން ލިބުނު ގާތްކަމާއި އަޅާލުމުން އޭނައަށް ހަމަޖެހުން ގެނެސްދިނެވެ. ހަވީރު ފިންޏަށް ގޭގެ ބޭރުގައި ހުންނަ ޖޯއްޔަށް ނިކުތުމުގެ ތެރެއިން ޖެހިގެން ހުންނަ ގޯތީގައި އުޅޭ ރަމީޒާއާއި ވާހަކަ ދެކެވެން ފެށުނެވެ. އޭރު އަލަތު ދަރިފުޅަށް ރަމީޒާ ބަނޑުބޮޑެވެ. ޖާހަތަކީ އަންހެނުންގެ ޑޮކްޓަރަކެވެ. މާބަނޑުދުވަސްވަރު ވަރަށް ގިނަ ނަސޭހަތްތައް ޖާހަތު ދިނެވެ. ދަރިފުޅަށް ފައިދާ ހުންނާނެ ކާއެއްޗިއްސާއި، ކަސްރަތުގެ މުހިންމުކަން ބުނެދިނެވެ. އެކުވެރިކަމުގެ ފެށުމަކީ އެއެވެ. ރަމީޒާގެ ސަކަ މިޒާޖު ޖާހަތަށް ވަރަށް ބޮޑަށް ކަމު ދިޔައެވެ. އަހަރުތަކެއް ފަހުން ޖާހަތު އަލަތު ދަރިފުޅަށް ބަލިވެއިންތާ މަހެއް ނުވަނީސް ރަމީޒާ ވެސް ދެވަނަ ދަރިފުޅަށް ބަލިވެއްޖެއެވެ. ޖާހަތަށް ލިބުނީ ފިރިހެންކުއްޖެކެވެ. ރަމީޒާއަށް އަންހެންކުއްޖެކެވެ. އެކަމާއި ގުޅުވައިގެން އެދެމެދުގައި ތަފާތު ހުވަފެންތަކެއް ދެކެވުނެވެ. ނަމަވެސް އެހުވަފެންތައް ވީ އެދެމެދުގައެވެ. ދަރިން ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފެށުމުގެ މިނިވަންކަން ދޭން ބޭނުންވީތީއެވެ. ދަރިންނަށް މަޖުބޫރުކުރަން ހަދައިގެން ގުޅުން ކެނޑިދާނެތީއެވެ.

ޤައިލާއާއި ކައިވެނިކޮށްގެން އަސަލް މާލެ ބަދަލުވީއްސުރެން އަސަލްއާއި މެދު ހުރި ކަންބޮޑުވުންތައް ޖާހަތަށް ހިއްސާކުރެވެނީ ރަމީޒާ ގާތުގައެވެ. ރަމީޒާ ހުންނަނީ ޖާހަތަށް އެހީވާނެގޮތެއް ނޭނގިފައެވެ. މާލެ އަންނަމުން އޭނަ ޖާހަތަށް އޭނައާއި އެކުގައި އައުމަށް ޚިޔާލު ހުށަހެޅީ އަސަލްއާއި ބައްދަލުވުމުން ޖާހަތުގެ ކަންބޮޑުވުންތަކަށް ނިމުމެއް އަތުވެދާނެކަމުގެ އުއްމީދުގައެވެ.

''ވިއްސާރަ ދުވަސްކޮޅަކާއެއްނު މިލައްވާލީ...'' ޖާހަތު ބުނެލިއެވެ. ރަމީޒާ ކޮޅަށް ތެދުވުމުން ޖާހަތު ކުރިއަށް ހިނގައިގަތެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ޖާހަތު ހުންނަނީ ހަށިގަނޑު ލޫޅާފަތިކޮށެވެ. ރަމީޒާ ވެސް ކުރިން ހުރީ ހަމަ އެހެންނެވެ. އޭނަ ފަލަވީ ތަރިރޮއިޑްގައި އުފެދުނު ޓިއުމަރެއްގެ ސަބަބުން ތައިރޮއިޑް އޮޕަރޭޝަންކޮށް ނެގިފަހުންނެވެ. ސިއްހަތަށް ކުރިއަށްވުރެން ބަލައިގެން އުޅެން ޑޮކްޓަރުންވަނީ އިރުޝާދުދީފައެވެ. އެކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ޖާހަތުގެ ފަރާތުންނެވެ.

އަތްދަބަހުގެ ދިގު ވާގަނޑު ކޮނޑުގައި އަޅުވާލަމުން މައިހާ ވެސް ގޮނޑިން ތެދުވިއެވެ. މަންމަގެ ފަހަތުން ބޯޓުން ފައިބަން އޭނަ މަޑު ހިނގުމެއްގައި ކުރިއަށް ހިނގައިގަތެވެ.

ތުނިކޮށް ވެހެމުންދާ ވާރޭގެ ތެރެއިން ލައިގެން ހުރި މަޑު ނޫކުލައިގެ އަބަޔާގެ ފަސްބައިގައި ހިފަހައްޓާލަމުން ކައިރީގައި އޮތް ބަހަށް މައިހާ އަރައިފިއެވެ. މޫނަށް ހުރަސްކޮށްލައިގެން ހުރި އަތްދަބަސް ތިރިކޮށްލައި ބަސް ތެރެއަށް އަވަސް ނަޒަރެއް ދެވުނެވެ. އިތުރު ފްލައިޓަކުން އައި މީހުންތައް ވެސް ބަހުގައި ތިބީތީ ފެންނަނީ ތޮއްޖެހިފައިވާ މަންޒަރެވެ. ނަސީބަކުން ރަމީޒާއާއި ޖާހަތަށް އިށީންނާނެ ގޮނޑި ލިބުނެވެ.

ބަސް ދުއްވާލުމާއެކު މައިހާއަށް ބަހުގައި ހިފަހައްޓަން ހުރި އަތްގަނޑެއްގައި ހިފަހައްޓާލެވުނެވެ. މައިހާއަށް ލިބިފައިވަނީ ދިގު އިސްކޮޅެކެވެ. ހެދިހުރި އިސްކޮޅާއި އެއްވަރަށް ހިމަތޮޅި ހަށިގަނޑެއް ލިބިފައި ވެއެވެ. މާމުއި ކުލައަށްދާ އޮމާން އަލި މޫނެކެވެ. ހިމަ ނޭފަތަކާއި ފިޔާތޮށިކުލައިގެ ތުނި ތުންފަތެކެވެ. ހިނިތުންވުމުން ތުންފަތް ދެމިލާ ހިނދު ތުންފަތުގެ ކަނަށްވާނެހެން ކުޑަކުޑަ އަޑިކޮޅެއް އެޅިލައެވެ. ސަމާލުވެ ބަލައިގެން މެނުވީ ފާހަގައެއް ނުވާނެއެވެ. ދިގު އެސްފިޔަތަކުން ހިޔާދީފައިވާ ގަދަ މުށިކުލައިގެ ކަޅިރަވައަށް ހިނިތުންވުންތަކުން ވިދުން ގެނުވައެވެ. ޝާއްބަކަމާއި ފުރިހަމަކަން ޤުދުރަތުން މައިހާއަށް ލިބިފައިވެއެވެ. މައިހާގެ ސާދާކަން އިތުރުކޮށް ދެނީ ހެދުން އެޅުމުގެ ވައްޓަފާޅިންނެވެ. ގަޔަށް ދޫ އަބަޔާތަކާއި ޝޯލްތަކެވެ. ގިނައީ ސޯޝަލްމީޑިޔާއިން ފެންނަ ޓްރެންޑްތަކަށް ފަހާފައި ހުންނަ އަބަޔާ ތަކެވެ. ހެދުން އެޅުމުގެ ސާދާކަމުގެ ތެރެއިން ފެޝަނަށް ވެސް މައިހާ ސަމާލުކަން ދެއެވެ.

*****

ލަގެޖް ނަގަން ކޮންވޭޔާ ބެލްޓްކައިރިއަށް ހުއްޓުނު މައިހާގެ އަތްފައި ފިނިވެލައިފިއެވެ. އަސަލްއާއި ބައްދަލުވާން ވަގުތު ނުތަންވަޅުވުމުން އެކަމުގެ އަލާމާތެކެވެ. އަބަޔާގެ ފަސްބައިގައި މައިހާއަށް ހިފަހައްޓާލެވުނެވެ. އަސަލްއާއި ބައްދަލުވުމުންވާނީ ކިހިނެއް ބަވައޭ ހިތާއި ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. ވިންސުނުވަރަކަށް ނިތުގައި ރޫގިނަވާން ފެށިއެވެ. ބުމައަށް ވެސް ހަރަކާތްތައް ގެނެވެއެވެ.

''މޭއި...'' އިވުނީ ޖާހަތުގެ އަޑެވެ. ވަށައިގެން އޮތް މާހައުލަށް މައިހާގެ ލޯހުޅުވާލެވީ ދެނެވެ. މަންމަ ނުފެނުމުން އޭނައަށް ހައިރާންކަން ލިބުނެވެ. ވަށައިގެން ހޯދާލެވުނެވެ.

''ފާޚާނާއަށް ދިޔައީ...'' ޖާހަތަށް ފާހަގަވުމުން ބުންޏެވެ.

މައިހާ ބޯޖަހާލަމުން އޭނަގެ ސަމާލުކަން ޖާހަތަށް ހުއްޓާލިއެވެ. ވާހަކައެއް ބުނަން ބޭނުންވެފައި ހުރިކަން ނަގައިގަނެވުމުންނެވެ. ހިއްސާކުރުމުގެ ކުރިން ވެސް މައިހާއަށް ލަފާކޮށްލެވުނެވެ.

މަންމައާއި ޖާހަތު ހިއްސާކުރާ ވާހަކަތައް ކޮންމެވެސް ވަރަކަށް މައިހާއަށް ވަނީ އަޑު އިވިފައެވެ. އަސަލްއާއި ގުޅިފައިވުމުން ބައެއްފަހަރު ސަމާލުކަން ނުދޭން ވެސް މައިހާ އުޅެއެވެ. އެހެނަސް، ކަންފަތަށް އަސަލްގެ ނަން އިވިލާ އިރަށް އޭނަގެ ބަސްނާހާ ހިތަށް އެވާ ގޮތެއް ބުނެދޭކަށެއް ނޭނގެއެވެ. އޭނަގެ ސަމާލުކަން ވަގުތުން ހުއްޓެއެވެ. ސިއްރުސިއްރުން ޖާހަތުގެ ވާހަކަތައް އޭނަ އަޑު އަހަނީ އަސަލްގެ ޚަބަރުދަބަރު އޮޅުން ފިލުވޭތޯއެވެ. ނަމަވެސް މާ ބޮޑު އެއްޗެއް ފަހުމެއް ނުވެއެވެ. ޖާހަތުގެ ޝަކުވާތައް ގުޅިފައިވަނީ އަސަލްއާއި ޤައިލާގެ ދުރުކަމާއެވެ. ރަށަށް ނާންނާތީއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅެނީއޭ ހީވެ އެކަމުގެ ނުތަނަވަސްކަން ވެސް މަންމައާއި ހިއްސާކުރި އަޑު މައިހާ އަހައިފިއެވެ.

މާލެ އައުމުގެ ކުރިން ޖާހަތު ވަނީ މައިހާގެ ގާތުން ކަމަކު އެދިފައެވެ. އަސަލްގެ ގާތް ރަހުމަތްތެރިއަކަށް ވީތީ އަސަލްއާއި ވާހަކަދެއްކުމަށެވެ. މައިންބަފައިންނާއި ހިއްސާކުރަން ދަތިވާ ވާހަކަތައް ފަހަރެއްގައި އެކުވެރިޔަކާއި ހިއްސާކުރަން ފަސޭހަވެދާނެތީއެވެ. ޖާހަތުގެ އެދުމާއި ދެކޮޅުހަދަން މައިހާ ފަސްޖެހުނެވެ. ނުތަނަވަސްކަމާއެކުގައި ވެސް ޤަބޫލުވެވުނީ އެހެންވެގެންނެވެ. މިހާރު އެކަމުގެ މޮޔަ އޭނައަށް ހީވެއްޖެއެވެ. އަސަލްގެ ކުރިމައްޗަށް އަރަން ފަސްޖެހެވޭއިރު އިސްވެ އެފަދަ ވާހަކައެއް އޭނަ އަސަލްއާއި ދައްކާނީ ވެސް ކޮން ދުލަކުން ހެއްޔެވެ؟

''ދަރިފުޅު އަޒްއާއި ވާހަކަދައްކައްޗޭ، ދައްތައަށް ހީވަނީ އަޒް ކަމެއް ސިއްރުކުރަން އުޅޭހެން، މޭއި ވީމަ ކިޔައިދީފާނެހެން ހީވަނީ...'' ޖާހަތުގެ ދެލޮލުން ފެނުނު އާދޭސްތަކުން މައިހާއަށް މަޖުބޫރުވީ ގަދަކަމުން ހިނިތުންވެލާށެވެ.

''ދައްތަ އެހާ ވަރަށް ނުވިސްނަބަލަ، އަޅުގަނޑު އަޒްއާއި ވާހަކަދައްކާނަމޭ...'' ޖާހަތުގެ އަތުގައި ހިފާލާފައި މައިހާ ބުންޏެވެ. މައިހާއަށް ބަލަން ހުރި ޖާހަތު ބޯޖަހާލިއެވެ. މައިހާއަށް އިތުބާރުކުރަމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލައި މައިހާގެ އަތުގައި ވެސް ފިރުމާލިއެވެ. ޖާހަތުގެ ހިތުން މައިހާއަށް ހާއްސަ މަޤާމެއް ދެވިފައި ވެއެވެ. އޭނަ އުއްމީދުކުރީ އަސަލް ލޯބީގެ ގޮތުން އުޅޭނީ ވެސް މައިހާއާއި ކަމަށެވެ. އެއީ އޭނަގެ އުއްމީދެއް ވެސް މެއެވެ. ނަމަވެސް އަސަލްގެ ހަޔާތާއި ޤައިލާ ގުޅުނު ހިސާބުން އޭނަގެ ފުރިހަމަ ސަމާލުކަން ޤައިލާއަށް ހުއްޓާލިއެވެ. އުފަލާއެކުގައި ބަލައިގަތެވެ. އަސަލްގެ އުފާތަށް ޤައިލާއާއި ގުޅިފައިވުމުންނެވެ.

*****

ލަގެޖްތައް ހަމަވުމާއެކު ޓާމިނަލުން ނިކުންނަން ދާން އުޅުނު މައިހާގެ ހިތް ތެޅެން ފެށީ ބާރުބާރަށެވެ. ހީވީ މޭކަށިގަނޑު ފަޅާލާފައި ނިކުމުގެން ހިނގައިދާނެ ހެންނެވެ. ނިތުން ފިނި ދަލެއް ވެސް ހިއްލަން ފެށިއެވެ. މަންމަމެންނަށް ފާހަގަ ވެދާނެތީ ވެސް މައިހާ ހުރީ ހާސްވެފައެވެ. އެންމެފަހުން ފާޚާނާއަށް ވަންނަން ބަހަނާއެއް ދައްކައިފިއެވެ.

''މަންމަމެން ކުރިން ދާންވީނު، އަޅުގަނޑު އަންނާނަން ފާޚާނާއަށް ވަދެލާފަ...'' މައިހާ ބުންޏެވެ. މައިހާ ހިފަހައްޓައިގެން ހުރި ފޮށީގެ އަތްގަނޑުގައި ޖާހަތަށް ހިފާލެވުނެވެ.

''ދަރިފުޅުދޭ، މަންމަމެން ބޭރުގަ މަޑުކޮށްލާނަން...'' އަސަލްއާއި ބައްދަލުކުރަން ޖާހަތު ބޭނުންވާނެކަން އެނގޭތީ މައިހާއަށް މަޑުކުރާކަށް ރަމީޒާ ނުހެދިއެވެ. ޖާހަތު ގޮވައިގެން އޭނަ ކުރިއަށް ހިނގައިގަތެވެ.

*****

ފާޚާނާ ވަން މައިހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ގޮސް ހުއްޓުނީ މޫނު ދޮންނަ ތަށިގަނޑު ކައިރިއަށެވެ. ފާރުގައި ހުރި ލޯގަނޑާއި ނަޒަރު ސީދާކޮށްލައި އަމިއްލަ ސޫރައަށް މައިހާ ސަމާލުވެލިއެވެ. އޭނައަށް ލޯގަނޑުން ބަލަން ހުރީ ހާސްކަން ވެރިވެފައިވި މޫނެކެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން މައިހާއަށް ހުރެވުނެވެ. އަމިއްލަ ސޫރަ ވެސް އޭނައަށް ކެހިދީފާނެހެން ހީވާ ކަހަލައެވެ.

މޫނު ދޮންނަ ތަށިގަނޑުގެ އިސްކުރަށް ދޫކޮށްލަމުން ފެންގޮށްޓަކުން މޫނު ތެތްމާލިއެވެ. މޫނުގައި ފެންލަމުން ލޯގަނޑަށް ނަޒަރު ހިންގާލިއެވެ. މައިހާ ބޭނުންވީ މޫނު ތާޒާކޮށްލާށެވެ. އިހުސާސްތައް ސިއްރުކުރާށެވެ. އަމިއްލަ ނަފުސުގެ މައްޗަށް ކޮންޓްރޯލް ހޯދާށެވެ. ހިތަށް ވިސްނައިދޭށެވެ.

ޓިޝޫއަކުން މޫނުގައި ހުރި ފެނުގެ އަސަރު ފިލުވާލައި ދެތިން ނޭވާ މައިހާ ދޫކޮށްލިއެވެ. ޒަމީރާއި ވަރުގަދަ ހަނގުރާމައެއްކޮށްފައި ބޯޖަހާލެވުނީ ލިބުނު ސާބިތުކަމުންނެވެ.

*****

ޓާމިނަލްގެ ބޭރުގައި ކެތްތެރިކަން ކުޑަވެފައި ހުރި އަސަލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ މަންމަ ފެނުމުންނެވެ. ކުރިއަށް ޖެހިލަމުން އަސަލް އަތް ހޫރާލިއެވެ. މަންމަގެ ގާތުގައި ހުރި ރަމީޒާ ވެސް އަސަލްއަށް ފެނުނެވެ. އަސަލްގެ ދެލޮލުގައި ވިދަމުންއައި އުފާވެރިކަމުގެ ޝުޢޫރުތައް ފަނޑުވެލީ މައިހާގެ ސޫރަ ފެނުމުގެ ނަސީބު ނުލިބުމުންނެވެ. އޭނަގެ ކެތްތެރިކަން މައިހާ ދުށުމަށް އެދި ކޮޅުން ލައިފައެވެ. މައިހާ ނުފެނުމުން އަސަލް މާޔޫސް ވިއެވެ.

''ދަރިފުޅާ...'' ފިޔަވަޅުތައް އަވަސްކޮށްލި ޖާހަތު ގޮސް އަސަލްގެ ގައިގައި ބައްދާލިއެވެ. ދިގު އިންތިޒާރަކަށް ފަހު އަސަލް ފެނުމުން ޖާހަތު ހުރީ ޖަޒުބާތީވެފައެވެ. އަސަލްގެ ގައިގައި ބާރަށް އޮޅުލައިގަންނަމުން ބުރަކަށީގައި ފިރުމާލިއެވެ.

''މަންމާ...'' އަސަލް ގޮވާލިއެވެ. މަންމަ ޖަޒުބާތިވެފައިވާ މިންވަރު އަންދާޒާ ކުރެވި އަސަލް ދެރަވިއެވެ. މަންމައަށް އެބަދަލު އައީ އޭނަގެ ސަބަބުން ކަމުގައި ވާތީއެވެ. މަންމަގެ އުދާސްތައް ނަގައިގަނެވުމާއެކު، އަސަލް ކަނޑައެޅި އަޒުމަށް ދިރުން ލިބުނެވެ. މަންމަގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނާށެވެ. ޢާއިލީ ގުޅުން އާރާސްތުކުރާށެވެ.

އަސަލްއާއި ދުރަށް ޖާހަތު ޖެހިލިއެވެ. ލޯތްބާއެކުގައި އަސަލްގެ ކޯތާފަތުގައި އަތްތިލަ ޖައްސާލައި އަސަލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ދަރިފުޅުގެ ދެލޮލުން މާޔޫސްކަމާއި ވަރުބަލިކަން ޖާހަތަށް ފާހަގަ ކުރެވުނެވެ. ބޮޑު ތަކުލީފެއް އުފުއްލަމުންދާ ކަހަލައެވެ. އޭނައަށް ހީވީ ހަމަ ރަނގަޅަށް ތާއޭ ޖާހަތުގެ ހިތަށް އެރިއެވެ. އަސަލްއަށް ދިން ފުރަތަމަ ނަޒަރާއެކުގައި ދަރިފުޅު އުޅެނީ އުފަލުގައި ނޫންކަން އޭނަ ދެނެގަތެވެ. ސިކުނޑީގައި ސުވާލުތަކެއް ފުނި ޖެހުނެވެ. އެހުރިހާ ސުވާލެއް ގުޅުނީ ޤައިލާއާއެވެ. އެކަމަށް އެންމެ މުނާސަބު ވަގުތަށް ނުވުމުން ސުވާލުތައް ދުލާއި ހަމައަށް ގެނައުމުގެ ބަދަލުގައި ޖާހަތު ހިނިތުންވެލީއެވެ. ވިސްނާފައި ނޫނީ ކުރިއަށް ދިއުން އެއީ ބުއްދިވެރި ގޮތަކަށް ނުވާނެއެވެ.

''ރަމިއްތަ...'' ދުރުގައި ހުރި ރަމީޒާއަށް އަސަލް ގޮވާލި އެވެ. ޖާހަތާއި އަސަލްއަށް ވަގުތު ދީގެން ހުރި ރަމީޒާ އަސަލްގެ ގާތަށް އައެވެ. ބައްދާލާފައި އަސަލްގެ މުލައްދަނޑީގައި ފިރުމާލި އެވެ.

''އަޒް ކިހިނެއްތަ؟...'' ރަމީޒާ ސުވާލުކޮށްލިއެވެ.

''ރަނގަޅު...'' އަސަލް ބުންޏެވެ. ''މޭއި ކޮބަތަ؟...''

''ފާޚާނާއަށް ދިޔައީ، މިހާރު އަންނަން އުޅޭނެ...'' އަސަލްގެ ސުވާލަށް ޖަވާބު ދިނީ ޖާހަތެވެ.

ބޭޤަރާރުކަން އެކުލެވިގެންވި ދެލޮލުން ހޯދަމުން ދަނިކޮށް އަސަލްއަށް މައިހާ ފެނިއްޖެއެވެ. ލަސް ހިނގުމެއްގައި އިސްޖަހާލައިގެން އަންނަމުން ދިޔަ މައިހާ ފެނުމާއެކު އަސަލްގެ ތޫނުފިލި ދެލޮލުގެ ވިދުން ގަދަވެލިއެވެ. ފުން ނަޒަރަކުން މައިހާއަށް އަސަލް ބަލައިލިއެވެ. މަޑު ނޫކުލައިގެ އަބަޔާއާއި ބެއިޖް ކުލައިގެ ޝޯލްގައި ހުރި މައިހާ ފެނި އަސަލްގެ މެޔަށް ފިނިވެލިއެވެ. އޭނަގެ ހިތް އޭނައަށް ކަމެއް ބުނެދޭން އުޅުނު ފަދައެވެ.

މައިހާ އިސްއުފުލާލުމާއެކު އަސަލްއާއި ހަތަރުކަޅި ބައްދަލުވެއްޖެއެވެ. އަސަލްގެ ހިތުގެ ވިންދުތައް އަވަސްކުރުވީ މައިހާގެ ތުންފަތާއި ކުޅެލި ރީތި ހިނިތުންވުމުންނެވެ. ބޭއިހްތިޔާރުގައި އޭނައަށް ވެސް ހިނިތުންވެވުނެވެ. މައިހާ އައިސް ގާތަށް ހުއްޓެން ދެކަށް ފާޑަކަށް އާގަމަ އަރާފައި އަސަލްއަށް ބަލަން ހުރެވުނެވެ. އެބަދަލު އެއްވެސް މީހަކަށް ފާހަގަ ވެދާނެތީ އަވަސްއަވަހަށް އަސަލްއަށް އޭނަގެ ނަޒަރު މައިހާއާއި ވަކިކޮށްލެވުނެވެ. ހިއްސުތައް ހަމައަކަށް އެޅުވިއްޖެކަމުގެ ޔަޤީންކަން ލިބުމުން ދެވަނަ ފަހަރަށް ވެސް މައިހާއަށް ބަލައިލިއެވެ.

(ނުނިމޭ)