ޑޮމިނިކަން ރިޕަބްލިކްގެ ނައިޓް ކުލަބުން މަރުވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.

ޑޮމިނިކް ރިޕަބްލިކުގެ ނައިޓް ކުލަބެއްގެ ފުރާޅު ވެއްޓުމުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ އޮފިޝަލުން ބުނީ މީހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މަޑުޖައްސާލާފައިވާ އިރު، މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއަށްފަހު މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން ވެއްޓުނު ފުރާޅުގެ ދަށުން މީހުން ސަލާމަތްކުރުމަށް އުނދަގޫ މަސައްކަތެއް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނާގޮތުގައި ޑޮމިނިކަން ރިޕަބްލިކްގެ ސަންޓޯ ޑޮމިންގޯގައި ހުރި އެ ނައިޓު ކުލަބުގެ ފުރާޅު ވެއްޓުނު ހާދިސާގައި ފެނުނު ހަށިތައް ވަކިކޮށް، ކޮން ބައެއްތޯ ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޮފިޝަލުން ބުނީ މީހުން ސަލާމަތްކުރަން ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލަން ނިންމާފައިވަނީ އެކަމުގައި ދިރި ހުރި މީހަކު ފެންނާނެ ކަމުގެ އުންމީދު ނެތުމުން ކަމަށެވެ. އަދި މިހާތަނަށް އިމާރާތުގެ އަޑިން ނެގި އެންމެން މަރުވެފައިވާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

ފަންސާސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އެ އިމާރާތުގެ ފުރާޅު ވެއްޓުނު ވަގުތު އެތަނުގެ ތެރޭގައި 500 އެއްހާ މީހުން ތިބި ކަމަށާއި ސަލާމަތްވީ ހަމައެކަނި 189 މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.