ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކެންސަރު ހޮސްޕިޓަލު ތަރައްގީކުރަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެހީގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ކެންސަރު ހޮސްޕިޓަލަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ވަރަށް ވެސް ބޮޑު އުންމީދެއް ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

"ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީ އަޅުގަނޑުމެންނަށް ލިބިފައި އޮތް މަސައްކަތެއް މިއީ. އެ ހުރިހާ ލިޔެކިޔުންތަކެއް ހަމަޖެހުމާއެކު އެކަމަށް ވާންޖެހޭ އިދާރީ ތައްޔާރީތައް އަޅުގަނޑުމެން ވެގެން މިތިބީ. އިރާދަކުރެއްވިއްޔާ އެ ފަންޑިން ރަނގަޅު ގޮތަކަށް ހަމަޖެހުމާއެކު އެ މަސައްކަތް ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލުގެ މަސައްކަތް ވެސް މިއަހަރު ފެށިގެންދާނެ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ވެސް އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް މި ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ހަތަރު ރަށެއްގެ ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރީޖަނަލް ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުން، އެގޮތަށް ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ތިނަދޫއާއި ލ. ގަމު ހޮސްޕިޓަލު، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ ހަތަރު ރަށެއްގެ ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ހެދުމާއި، ދިހަ ރަށެއްގައި އާ ހޮސްޕިޓަލު އިމާރާތްކުރުމާއި، އަށް ރަށެއްގެ ހެލްތު ސެންޓަރު ހޮސްޕިޓަލަށް އަޕްގްރޭޑުކުރުމުގެ ކޮންޓްރެކްޓުގައި މިހާރު ސޮއިކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މިދިޔަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.

ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވެފައިވަނީ ކެންސަރު ހޮސްޕިޓަލުގެ ގޮތުގައި ހަދަން ނިންމާފައިވަނީ 25 ބުރީގެ އިމާރާތެއް ކަމަށާއި އެ ހޮސްޕިޓަލު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްއާ އިންވެގެން ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ކެންސަރު ފަރުވާގެ އިތުރުން އެހެން ދާއިރާތަކުން ވެސް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ދައުރު ނިމުމުގެ ކުރިން ކެންސަރަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލެއް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.