ލޯން ސްކީމްގެ ދަށުން ރާއްޖޭން ބޭރުން މަތީ ތައުލީމަށް ހާސިލުކުރާ ދަރިވަރުންނަށް ބޭންކް ރޭޓުގައި ޑޮލަރު ހޯދަން ދިމާވާ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް އެ މަނިކުފާނު މިމަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާ ބައްދަލުކުރެއްވުމުން އެ ކުދިންގެ ޝަކުވާއަކަށްވީ، ލޯނުގެ ގޮތުގައި ލިބޭ ފައިސާ ބްލެކް މާކެޓުން ޑޮލަރު ގަތުމަށް ހަރަދު ކުރަންޖެހޭ މައްސަލަ ކަމަށެވެ.
އެކަމުގެ ސަބަބުން ގިނަ ފައިސާތަކެއް ގެއްލިގެންދާކަން އެކުދިން ފާހަގަކުރި ކަމަށްވެސް ވިދާޅުވިއެވެ. އެކުދިން އެދުނުގޮތަށް އެކަން ހައްލު ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަން ހައްލު ކުރެއްވުމުގެ ގޮތުން ލޯން ނަގައިގެން ކިޔަވާ ދަރިވަރުންނަށް އާއްމު ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ފިނޭންސް މިނިސްޓަރާއި، މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ގަވަރުނަރާ މަޝްވަރާކުރައްވައިގެން ގޮތެއް ހަމަޖެއްސެވުމަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު އެވަނީ ޓޫރިޒަމް ސިނާއަތުގެ ބޭފުޅުން ބޭންކުން ޑޮލަރު މާރުކުރުމަށް އަންގާފައި، އަދި ބްލެކު މާކެޓުން ކުންފުނިތަކުން ޑޮލަރު ގަތުން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން މިދަނީ، މި މަސައްކަތްތަކާއެކު ކިޔަވާ ކުދިންނަށްވެސް ޑޮލަރު ހަމަ އަގުގައި ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަން ހަމަޖައްސަވާނީ ޑޮލަރުގެ މާކެޓަށް ބުރޫނާރާގޮތަށް ކަމަށެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު