ޑަބަލް ޕެންޝަނުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރަންޖެހޭ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއި މުއައްސަސާތައް ރައްޔިތުންގެ މަޖިލީިހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ މައްސަލަ ހައްލުކުުރުމަށްޓަކައި ގާނޫނުތަކަށް ގެންނަޖެހޭ ބަދަލުތައް ގެނައުމަށް، އެ ފަރާތްތަައް ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޕެންޝަން ގާނޫނުގެ ބޭރުން 10 އިދާރާއަކުން ޕެންޝަން ޕެކޭޖު ދެމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނާއި ޑިފެންސް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ރައީސް އޮފީހާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަަރެކްޝަނަލް ސާވިސް އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ގައުމީ ޔުނިވާސިޓީ އާއި ހުޅުމާލެ ހޮސްޕިޓަލް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެ ތަންތަނުގެ ވަޒީފާތަކުން ވަކިވާއިރު ގަނޑުކޮށް ދޭ އިނާޔަތްތަކާއި ޕެންޝަން ޕެކޭޖު ނަގައިގެން ސިޔާސީ މަގާމުތައް ހިމެނޭހެން އެހެން މަގާމުތަަކަށް މީހުން ގޮސް މުސާރަވެސް އަދި އަސާސީ ޕެންޝަންވެސް ނަގަމުން ގެންދާ ކަަމަށެވެ.

އެގޮތުން ދެވޭ ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރުމަށް ކޮމިޓީން ނިންމަވާފައިވަނީ އަންނަ ހަފުތާއިން ފެށިގެން ސިވިލް ސާވިސް ކޮމިޝަނާއި ޕެންޝަން އޮފީހުގެ ބޭފުޅުންނާއި އެކި އިދާރާތަކާ ބައްދަލުކުރުމަށްފަހު ދެން ހުރި އެހެން މުއައްސަސާތަކާ ބަައްދަލުކުރުމަށެވެ.