ކޮޓަރީގެ ދޮރާއި ދިމާއަށް ބަލަމުން ޤައިލާއަށް ސޯފާގައި އިށީނދެވުނެވެ. އޭނަގެ ކަންފަތުގައި ހަރުލާފައިވަނީ އަސަލް އެންމެފަހުން ބުނި ޖުމްލައެވެ. އަޑުގައިވި ހަރުކަށިކަމެވެ. ވިސްނުނު ވަރަކަށް ޤައިލާގެ މޫނުގައިވި ސިހުމުގެ އަސަރު ބަދަލުވީ ރުޅިވެރިކަމަށެވެ. އަސަލް އެހެން ބުންޏަސް އެކަމަށް އަމަލުކުރަން އޭނަގެ ޒަމީރު ދެކޮޅުހެދިއެވެ. އޭނަގެ މުށުތެރޭގައި އަސަލް ހައްޔަރުކޮށްފައިވަނީ ނިކަން ހުޝިޔާރުކަމާއެކުގައެވެ. މިވީހާ ތަނަށް އޭނަގެ ނުރުހުމުގައި އަސަލްއަށް ކަމެއް ކުރިވިފައި ނެތެވެ. ނުވެސް ކުރެވޭނެއެވެ. އަމިއްލަ ނަފުސާއި މެދުގައި ޤައިލާއަށް ފަހުރުވެރިވެވުނެވެ.
''އެއްވެސް ކަމެއް ނުކުރެވޭނެ...'' ޤައިލާ ބުނެލިއެވެ. ތުންއަނބުރާލަމުން އޭނަގެ ސަމާލުކަން ހުއްޓާލީ ޓީވީ އަށެވެ.
*****
ފެންވަރަން ވަނުމުގެ ކުރިން އަސަލް އަވަސްވެގަތީ ކޮޓަރި ތެރެ ހަމައަކަށް އަޅުވާށެވެ. އެނދުމަތީ ހުރި ކުނިބުނިތައް ޑަސްބިނަށް ލައި އެނދުމަތި ފޮޅާލިއެވެ. ގޮދަޑީގެ ކަންގަނޑުން ނެއްޓިފައިވި ބެޓްޝީޓް އަޅުވައި ރީތި ކޮށްލިއެވެ. ބިންމަތިން ބާލީސްތައް ނަގައި އެނދުމަތީ އަތުރާލިއެވެ. ކުއިލްޓް ވެސް ފޮޅާލައި އެނދު މަތީ ބާއްވަމުން ހިންދެމިލިއެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނުގެ ވައިބްރޭޝަން އިހުސާސްކުރެވުނީ އެވަގުތެވެ.
ފޯނު ނަގައި ސްކްރީނަށް ނަޒަރު ހުއްޓާލުމާއެކު އަސަލްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. މައިހާގެ މެސެޖެއް އައިސްވައިވާތަން ފެނުމާއެކު މެޔަށް ފިނިވެލައިފިއެވެ. އަވަސްއަވަހަށް މެސެޖު ހުޅުވާލެވުނެވެ. މުޅި ދުވަހު ހާސްކަން ވެރިވެފައިވި ސިކުނޑިއަށް ލުޔެއް ލިބުނީ ދެނެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ނިތަށް އަރާފައި ހުރި ރޫތައް ފިލައި މޫނު އުޖާލާވެއްޖެއެވެ.
''މިހާރު ފްލައިޓްގަ، ނައްޓާލަން ތައްޔާރުވަނީ...'' އަސަލް ކުރި މެސެޖަށް މައިހާ ރައްދުދީފައި އޮތެވެ. އެމެސެޖު ކިޔާނިމުމާއެކު، އަސަލްގެ އިނގިލިތައް ކީބޯޑްގައި ހިންގާލެވުނެވެ.
''އަމާން ދަތުރަކަށް އެދެން، ފްލައިޓް ޖައްސާއިރަށް ދާނަން...'' އަސަލް މެސެޖު ލިޔެފައި ފޮނުވާލި އިރުގައި ވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. މައިހާ މެސެޖު ކުރުމުން ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ. އިހު އޮތް އެކުވެރިކަން އާލާކުރެވިދާނެކަމުގެ އުއްމީދުން ރޫހަށް ދިރުން ގެނެސްދިނެވެ.
އަސަލް ކުރި މެސެޖަށް ޖަވާބު ނުލިބުނަސް އޭނަގެ އުފާވެރިކަމަށް ފަނޑުކަމެއް ނައެވެ. އޭނަ ނިންމީ ފްލައިޓު ފުރާތީ މައިހާއަށް ވަގުތު ނުވީ ކަމަށެވެ. އަތުގައި އޮތް ފޯނަށް ބަލަމުން އަސަލްއަށް އެނދުގައި އިށީނދެވުނެވެ. މައިހާއާއި ބައްދަލުވާނެ އިރަކަށް ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ޒަމާންވީ އެކުވެރިޔާއާއި ބައްދަލުކޮށް، އޭނަގެ ފަރާތުން ފެނުނު ދުރުކަމަށް މަޢާފަށް އެދެން އަސަލް ގަސްދުކުރިއެވެ.
ހަޔާތުގެ ނަވުގެ މިސްރާބު އަމިއްލަ ބާރުގެ ދަށަށް ގެންނަން އަސަލް އަޒުމު ކަނޑައެޅިއެވެ. ޤައިލާ އެދުނު ފަދައިން ކަންތައް ކޮށްދީގެން ޢާއިލާއާއި ރައްޓެހިންނާއި ދުރުވެ އޮތް ގުޅުން ހީނަރުވުން ނޫންކަމެއް ނުވިއެވެ. އެއީ ހެދުނު ކިހާ ބޮޑު ގޯހެއްކަން އޭނައަށް ހަމަ ރަނގަޅަށް ވެސް ރޭކާލައިފިއެވެ. ޤައިލާ ރުއްސަން އަމިއްލަ ހަމަޖެހުމާއި އުފާވެރިކަން ނަގާލެވިއްޖެއެވެ. ލޯބީގެ ހައްޤުޤައި ޤުރުބާން ވެވިއްޖެއެވެ. ނަމަވެސް އޭނައަށް އުފަލެއް ނުލިބުނެވެ. ޤައިލާ އޭނަ ދެކެވީ އަވާމެންދުރެއް ފަދަ ލޯތްބެކެވެ. އެލޯބީގެ ރާހަތު ލިބުމެއް ނުވެއެވެ. އުއްމީދު ކުރި ފަދަ ދިރިއުޅުމެއް ވެސް ނުލިބުނެވެ. އޭނައަށް ލިބުނީ ހިތާމައާއި މާޔޫސްކަމެވެ. ކައިވެނި ސަލާމަތް ކުރަން ހާދަހާ މަސައްކަތެއް ކުރެވިއްޖެއެވެ. އޭނަ ދިން ނަސޭހަތެއްގައި ޤައިލާ ނުހިފިއެވެ. އޭނައަށް މަލާމާތްކޮށް ޖެއްސުމެއްކޮށްލުމުން ޤައިލާއަށް އުފާވެރިކަން ލިބޭ ކަހަލައެވެ. ރައްޓެހިވެގެން އުޅުނު ދުވަސްތައް މާޒީއާއެކުވެގެން ގޮސްފިއެވެ. މިހާރު ފެންނަމުން މިދަނީ ލޯބީގެ ކުލަ ފަނޑުވުމުން ފެންނާނެ ހަޤީޤަތެވެ. ކުލުނާއި، އޯގާތެރިކަން ނެތް ގުޅުމެއްގައި ލޯބީގެ ވިންދު ދެމިގެން ނުދާނެއެވެ. އާރޯކަމެއް ވެސް ނުލިބޭނެއެވެ. އަސަލްއަށް އެކަން ފަހުމުވީ ވަގުތު ފާއިތުވީ ފަހުންނެވެ.
އަސަލްއަށް އޭނަގެ ޒަމީރާއި ޝަކުވާކުރެވުނެވެ. މާޒީ އޭނައަށް ބަދަލުކުރެވޭނެ ނަމައެވެ. ފަސްޖެހުމުގެ ބަދަލުގައި އެހިތުގެ ޝުއޫރުތައް ބަޔާންކޮށްދެވުނު ނަމައެވެ. އޭރުން ފަހަރެއްގައި އޭނަގެ ހާލަތު ތަފާތު ވީހެވެ. މިހާލަތަށް ދިރިއުޅުން ނުދިޔައީހެވެ. ހިތުގެ ހަޤީޤީ މަންޒިލާއި ހަމައަށް ވަސީލް ވެވުނީހެވެ. އެޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އަސަލްގެ މޫނު މިލައިފިއެވެ. އޭނައަށް އިސްޖަހާލެވުނީ ކުށްވެރިއަކު ފަދައިންނެވެ. މާޒީގެ އަނދިރިކަމުގައި ކަފުންކުރި ޖަޒުބާތުތަކުން އޭނަގެ މޭގައި ހައިޖާންގަނޑެއް އުފައްދާލައިފިއެވެ. އެއިހުސާސްތަކަށް އޭނަ ފުރަގަސްދިނީ ޤައިލާގެ މައްޗަށް ބޭއިންސާފު ވެވިދާނެ ކަމުގެ ބިރަށްޓަކައެވެ. އޭނަގެ ފަރާތުން ޤައިލާއަށް އެއްވެސްކަމެއް އުނިވުމުގެ ފުރުސަތު ދެވެން ނެތީތީއެވެ. އެހެނަސް އެއިހުސާސްތަކަށް ފުރަގަސް ދިނުންވީ މުސްތަހީލު ކަމަކަށެވެ. އަހަރުތަކެއް ފަހުން މޭގެ ފުނުގައި އުފެދުނު ރިހުމުން އަސަލްއަށް އެކަން ކަށަވަރުކޮށްދީފިއެވެ.
އުދާސްކަމުގެ ނޭވާއެއް އަސަލްއަށް ދޫކޮށްލެވުނެވެ. އޭނައަށް މާޒީ ބަދަލެއް ނުކުރެވޭނެއެވެ. އޭނަ ޤައިލާއާއި ލޯބީގެ ގޮތުން ގުޅުނީ އެކަމަށް އެދެވުނީތީއެވެ. ލޯބީގެ ވިންދު ޖެހީތީއެވެ. އޭގެން ލިބުނު އުއްމީދުތަކަށް އިތުބާރުކުރެވުނީތީއެވެ. މިހާރު މަންޒަރު ބަދަލުވެފައި ވިއެއްކަމަކު އޭރު އޭނަގެ މައުސޫމް ހިތަށް ވިސްނުނީ އެއީ ލޯބި ކަމުގައެވެ.
މޫނުގައި ދެއަތުން ފިރުމާލާފައި އަސަލް ކޮޅަށް ތެދުވިއެވެ. ކިތަންމެ ވަރަކަށް ވެސް ވިސްނިދާނެއެވެ. ވަގުތާއި މީހާގެ ހަމަޖެހުން ނަގާލެވިދާނެއެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަށް އޭނައަށް ފުރަގަހެއް ނުދެވޭނެއެވެ.
ފޯނު ޗާޖަށް ޖަހާލަމުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން އަސަލް ފެށިއެވެ. ފެންވަރަން ފާޚާނާއަށް ވަނުމުގެ ކުރިން އަލަމާރި ހުޅުވާލައި ކޮނޑުގައި އަޅުވާފައި ހުރި އަންނައުނުތަކުގެ ތެރެއިން ގަމީހަކާއި ޖިންސެއް ނަގައި އެނދުމަތީ ބޭއްވިއެވެ.
*****
ކޮޓަރީގެ ދޮރު ހުޅުވާލާފައި ޤައިލާ އެތެރެއަށް ވަނީ އަސަލް ސެންޓް ޖަހަން ހުއްޓައެވެ. އަތުގައި އޮތް ސައުވޭޖް ބްރޭންޑްގެ ސެންޓުފުޅި ބަހައްޓަމުން ޤައިލާއަށް އަސަލް ބަލައިލީ ރީތިވާ މޭޒުގެ ލޯގަނޑުންނެވެ. ދޮރު ލައްޕާފައި ޤައިލާ ހުރީ އަސަލްއަށް ބަލާށެވެ. ހަށަން ބަނދެގެންނެވެ. ވާހަކަދައްކަން އުޅެފައި ވެސް ޤައިލާގެ ގޮތް އެނގޭތީ އަސަލް ޚިޔާރުކުރީ ހިމޭންކަމެވެ. އަރައިރުންވުމަކަށް ދާނެހާ ވަގުތެއް އޭނަގެ އަތަކު ނެތެވެ. ފްލައިޓް ޖައްސާ ގަޑި ކައިރިވަނީއެވެ. އޭގެ ކުރިން އެއާޕޯޓަށް ދާން އަސަލް ބޭނުމެވެ.
''ކާކަށް ދެއްކެންތަ ތިހާ ރީތިވެގެން ތިދަނީ؟...'' ޤައިލާގެ އަޑުގައި ވަނީ މަލާމާތެވެ.
ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި އަސަލް ފެންނަނީ ފިރިހެންވަންތަކަމާއެކުގައެވެ. ގަމީހުގެ އަތުކުރިވަނީ އުޅަނބޮއްޓާހަމައަށް އޮޅާލާފައެވެ. ދެންމެ ފެންވަރާލައިގެން އައުމުން މޫނުގެ ތާޒާކަން އިތުރުކޮށްދެއެވެ.
އަސަލް ޖަވާބެއް ނުދިނެވެ. ޤައިލާގެ އަޑުގައިވި މަލާމާތް ނަގައިގަނެވުނީތީއެވެ. ޗާޖަށް ޖަހާފައި އޮތް އޭނަގެ ފޯނާއި ވޮލެޓު ނަގައިގެން އަސަލް ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ޤައިލާ ހުރީ އަސަލްގެ ކުރި ބައްދައިގެންނެވެ. ހުރި ފިޔަވަޅުމަތިން ގުޑި ވެސް ނުލިއެވެ. އަސަލް ބުމަ ކައިރިކޮށްލައި ޤައިލާއަށް ބަލައިފިއެވެ.
''އަސަލް ބީރުވީތަ؟...'' އޭނަ ކުރި ސުވާލަށް އަސަލް ޖަވާބު ނުދިނުމުން ޤައިލާ ރުންކުރުވިއެވެ. އަސަލްގެ ހިމޭންކަން އޭނައަށް ހަޖަމު ނުކުރެވުނީއެވެ. ހަމައެއާއެކު އަސަލްގެ ފިރިހެންވަންތަކަން ފެނި ޤައިލާއަށް އުނދަގޫވެއްޖެއެވެ. ތިރީ ތުންފަތުގައި ދަތްއަޅާލަމުން އަސަލްއަށް ފުން ނަޒަރަކުން ޤައިލާ ބަލައިލިއެވެ.
''އަޒް...'' ޤައިލާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ލޯބިން ގޮވާލިއެވެ. އަސަލްގެ މޭގައި ފިރުމާލައި ގާތްވެލިއެވެ. އަސަލްގެ ކަނދުރާގައި ނޭފަތުގެ ކުރި ޖައްސާލައި އެތެރެއަށް ނޭފަތް ދަމާލިއެވެ. ނޭވާއެކުވާނެހެން އެދެމެދުގައިވި ދާއިރާ ހަނިކޮށްލައި އަސަލްގެ ތުންފަތުގައި ޤައިލާ ބޮސްދިނެވެ.
އަސަލްއަށް ލިބުނީ ހައިރާންކަމެވެ. ކުއްލިޔަކަށް ޤައިލާގެ ފަރާތުން ފެންނަން ފެށި ލޯބީގެ ސަމާސާތަކުން ޤައިލާގެ މަޤުސަދާއި މެދު ސުވާލު އުފެދުނެވެ.
''ޤައިލާ...'' ޤައިލާގެ ކޮނޑުގައި އަސަލް ހިފެހެއްޓިއެވެ. ''މިހާރަކު ނޫން...''
''ވަރަށް ފޫހިވޭ...'' އަސަލްގެ މެޔަށް ގޮށްމުށުގެ ހަމަލާއެއް އަމާޒުކޮށްލަމުން ޤައިލާ ބުންޏެވެ. އޭނަގެ އިސްނެގުމަށް އަސަލް އިންކާރުކުރުމުން ޤައިލާގެ ތަބީއަތު ގޯސްވިއެވެ. ލަދުގަނެ ރަކިވެއްޖެއެވެ. މިނޫނީ ދުވަހަކު އޭނަގެ އެދުމަކަށް އަސަލް ނޫނެކޭ ބުނެފައި ނުވެއެވެ. އޭނަގެ ޖާދޫގެ އަސަރު ނުކުރި ކަހަލައެވެ. އެއާއެކު ޤައިލާގެ ގާތަށް އައީ ރުޅިއެވެ. އިރުކޮޅެއް ކުރިން އަސަލް ދިން އިންޒާރުގައި އެކުލެވިގެންވި ސާބިތުކަން ފަހުމުކުރެވުނީ ދެނެވެ.
''މައިހާއަށް ދެއްކެންތަ ތިދަނީ؟، އެހެންވެތަ ތިހާ ވަރަށް ސެންޓު ބުރުވައިގެން ތިދަނީ؟...'' ދަތްޕިލަޖައްސާ ބާރުކޮށްފައި ޤައިލާ ބުނެލިއެވެ. ތަޅުގައި ހިފަން އުޅުނު އަސަލް ހުއްޓުން އެރިއެވެ. މިފަހަރު ވެސް މައިހާގެ ނަން ޤައިލާގެ ދުލުން ބޭރުވީ ރުޅިއާއި ނަފުރަތާއެކުގައެވެ. އަސަލްއަށް ފާހަގަ ކުރެވުނެވެ. ސުވާލު އުފެދުނެވެ.
ޤައިލާއަށް ޖަވާބުދިނުން އަސަލްއަށް މުހިންމެއްނުވިއެވެ. ޤައިލާގެ ފޮތުން ދަސްކުރި ފިލާވަޅެކެވެ. އަތުކުރީ އޮތް ގަޑިއަށް ދިން އަވަސް ނަޒަރާއެކުގައި އޭނަ ކޮޓަރިން ނިކުތީއެވެ. ޤައިލާ ހަޑިހުތުރު ބަސްތައް އަމުނާލި އަޑު އަސަލްއަށް އިވުނެވެ. ބޯހޫރާލާފައި އަސަލް ކުރިއަށް ހިނގައިގަތެވެ. މައިދޮރާއި ދިމާއަށް ދާން އުޅެފައި ވެސް ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލަން ޖެހުނީ ސޯފާ މަތީ ހުރި ސެލެޑް ހުސްކުރި ޕާރުސަލް ފޮށި ފެނިފައެވެ. އެވެސް ކުނިވަށިގަނޑަށް ލާން ޤައިލާއަށް މުހިންމެއް ނުވިއެވެ. އާދައިގެ މަތިން އެކަން ވެސް ކުރަން ޖެހުނީ އަސަލް އަށެވެ.
*****
ވިއްސާރައިގެ ތެރެއިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ރަންވޭއަށް މޯލްޑިވިއަންގެ ފްލައިޓް ތިރިކޮށްލައިފިއެވެ. ކުޑަދޮރުން ބޭރު ބަލަން އިން މައިހާގެ ދެލޮލުން ފެންނަނީ ނުތަނަވަސްކަމެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެއެވެ. މަންމަ ޑޮކްޓަރަށް ދައްކަން މާލެ އަންނަން ޖެހޭކަން އެނގުނީއްސުރެން ލިބިފައިވި ހާސްކަން ފިލާ ނުދެއެވެ. ރޭގައި އޭނައަށް ލޮލުފިޔަ ޖަހާނުލެވެއެވެ. މަންޒިލާއި ހަމައަށް އާދެވުމުން އޭނަގެ ހާސްކަންވީ އިތުރެވެ.
ފުން ނޭވާއެއް ދޫކޮށްލަން މައިހާ އުޅުނެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ހިތުގެ ވިންދުތައް ވެސް ހަމައަކަށް ނޭޅުނެވެ. އެހުރިހާ ބަދަލަކާއި ގުޅިފައިވަނީ މިއަދު ހެނދުނު އަސަލްގެ ފަރާތުން އޭނައަށް ލިބުނު މެސެޖެވެ. ހިތުގެ ފުނުގައި ސިއްރުކުރަމުންދާ އިހުސާސްތައް އުތުރިއަރައިގަތީ އެކަމަށް އަމިއްލަ ނަފުސު ތައްޔާރުނުކުރެވެނީހެވެ. އެއީ ޒަމާންވީ އެކުވެރިކަމަށް ނިމުން ގެނުވަފާނެ ބޮޑު ސިއްރެވެ. ދުވަސްތަކެއް ފަހުން އަސަލްގެ ފަރާތުން ލިބުނު މެސެޖާއެކު މައިހާއަށް ހީވީ އަހަރުތަކެއް ފަހަތަށް ދެވުނު ހެންނެވެ. މޭގައި ފާރުވެފައިވި ޒަހަމްތަކުގައި ރިއްސާލައި ލޭ ހިލުނެވެ. އެކަމުގައި އޭނަގެ އިހުތިޔާރެއް ނުވެއެވެ. ހިތަކަށް ވިސްނައެއް ވެސް ނުދެވުނެވެ. އަޅާވޭނާއި ކެކުޅުންތަކަށް ފުރަގަހެއް ނުދެވުނެވެ. އަސަލްގެ ހަނދާންތައް ވެފައި ވަނީ ސަޒާއަކަށެވެ. އިޤުރާރުނުވެނު ލޯބީގެ ވޭނާއި ހިތިކަމެވެ. އޭރު އަސަލްއަކީ ހާސިލްވުމަށް އެދެވުނު ކުލަ ރީތި ހުވަފެނަކަށް ވިޔަސް ވަގުތާއި ހާލަތު ބަދަވެއްޖެއެވެ. ބަދަލަނުވީ ހަމައެކަނި މައިހާގެ ޖަޒުބާތުތަކެވެ.
އެކުވެރިންގެ އުފަލަށްޓަކައި އޭނަގެ ކަރުނަތައް މައިހާ ސިއްރުކޮށްފިއެވެ. އަސަލްއާއި ޤައިލާގެ ކައިވެނީގައި އޭނަ ބައިވެރިވީ ފިސްފިސްވެފައިވާ ހިތަކާއެކުގައެވެ. ހިނިތުންވެލީ ކުލަނުވާނެ ހުވަފެންތަކެއް ހަނދާނުން ފޮހެލަމުންނެވެ. ފާއިތުވި މަސްތަކުގައި އެތިކޮޅުތައް ބުރައިގެން ދިޔަ ހިތަށް ލުޔެއް ގެނެސްދެވޭތޯ މައިހާ މަސައްކަތްކުރިއެވެ. އަސަލްއާއި ޤައިލާގެ ފަޅުކަމަށް މަރުޚަބާ ކިޔުނީ ވެސް އެހެންވެއެވެ. މިއަދު މައިހާއަށް މަޖުބޫރުވެފައިވަނީ އޭނަގެ ހިތާމަތައް ސިއްރުކުރާށެވެ. އެކަނިމާއެކަނި ވޭން ބަރުދާސްތުކުރާށެވެ. އޭނަގެ ހިތް ބޭޒާރުވެއްޖެނަމަ ވެދާނެ ގޮތެއް ވެސް ލަފާކޮށްލަން ދައްޗެވެ.
މޭގެ ރިހުން ގަދަވުމާއެކު މައިހާއަށް އެސްފިޔަތައް ތަޅުވާލެވުނެވެ. ރޮވިދާނެހެން ހީވުމުންނެވެ. ކަންކަމުގައި ޖެހިލުންކުޑަ މައިހާ ވަނީ ލޯބީގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ ސަބަބުން ބަލިކަށިވެފައެވެ. އަސަލްއާއި ޤައިލާގެ މަތިން ހަނދާން ވިޔަސް މައިހާ ދެރަވެއެވެ. އުޅޭނެ އުފާވެރި ދުވަސްތައް ސިފަކޮށްލެވުމުން މާޔޫސްކަމުގެ ތެރެއަށް ގެނބިގެން ދެއެވެ. އެއާއެކު އޭނަ އައިސް ވަށާލައި ހާސްކޮށްލަނީ ކުށްވެރިކަމުންނެވެ. އޭނައަކީ ކޮންކަހަލަ އެކުވެރިއެއް ހެއްޔޭ އަމިއްލަ ޒަމީރާއި ސުވާލުކުރެވެއެވެ. އޭނަ އެދެނީ އަސަލްއާއި ޤައިލާއަށް އުފާވެރި މުސްތަޤުބަލެއް މިންވަރުކޮށްދެއްވުމެވެ. އެއީ އޭނަގެ ދުޢާ އެވެ. ލޭކަރުނަ އޮހޮރުނަސް ހެވެވެ.
އަތްދަބަހުގައި އޮތް ފޯނަށް މެސެޖެއް އައި އަޑު މައިހާއަށް އިވުނެވެ. ވެހެމުން ދިޔަ ވާރެއަށް ބަލަން އިނދެފައި މައިހާ ފޯނު ނެގިއެވެ. އެއީ އަސަލްގެ މެސެޖެކެވެ. ޓާމިނަލްގެ ބޭރުގައި ހުރި ވާހަކައެވެ. މައިހާއަށް ދެލޯ މަރާލެވުނެވެ. މިހާ ދުވަސްފަހުން އޭނަގެ ސިއްރު ބޭޒާރުވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އޭނަ ޖެހޭނީ ކެތްތެރިވާށެވެ. ތަޤުދީރުގެ ނިޔާއާ މެދު ރުހޭށެވެ. އަސަލްގެ ލޯބި އޭނަގެ ނަސީބުގައި ލިޔެވިފައި ނުވާކަން ޤަބޫލުކުރާށެވެ. އަސަލްއަކީ ޤައިލާގެ މިލްކެކެވެ. އެހަޤީޤަތް އޭނަ ޖެހޭނީ ޤަބޫލުކުރާށެވެ. އެކުވެރިންނަށްޓަކައި މިފަހަރު ވެސް އޭނަ ހިނިތުންވެލާނެއެވެ. ކަރުނަތައް ފޮހެލައި އުފާވެރިކަން ހާމަކޮށްދޭނެއެވެ. ވޭން ބަރުދާސްތުކުރާނީއެވެ. ތިންދުވަސް ފަހުން ރަށަށް ގޮސް ރޯލާނީއެވެ. ފަހުން އޭނަ ހަމައަކަށް އެޅިދާނެއެވެ.
''އައި ކޭން ޑޫ ދިސް...'' ހިމޭންކަމުގެ ދުލުން މައިހާ ބުންޏެވެ. އިތުރު ގޮތެއް އޭނައަކަށް ނެތެވެ. އެވަގުތު މައިހާގެ ޒަމީރު އޭނައަށް ހަނދުމަކޮށްދިނީ ވޭނާއި އުދާހުން ފުރިފައިވި އެކަނިވެރި ދިރިއުޅުމެވެ.
މިހެން އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އުފާވެރިކަން އޭނަގެ ނަސީބުގައި ލިޔެވިފައި ނުވަނީ ހެއްޔެވެ؟ ލޯބީގެ ރާހަތު ލިބުމެއް ނެތީ ހެއްޔެވެ؟
(ނުނިމޭ)
ދޭނުހޭ ކަލާ
ވާހަކަ ވ ހިތްގައިމު ވރީތި ތަން ކޮޅެއްދިގު ކޮން ނެރެދީބަލަ
ކިޔުންތެރިޔެއް - 1 އަހަރު ކުރިން
ވަރަށްރީތި މައިހާޔާއަސަލް ގުޅުވައްޗޭ
ފާތު - 1 އަހަރު ކުރިން