ދިރާގުން އިންތިޒާމުކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ)" ގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވައިލައިފިއެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތުގައި ރަޖިސްޓަރީކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 23:59 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.
ދިރާގުން ބުނީ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބައިވެރިވެވޭ ގޮތަށް އޮންލައިން ފޯމެޓަށް ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ޑީއެމްޖީސީއަށް ކޮލިފައިވާނީ އެ މުބާރާތުގެ އެންމެ މޮޅު އަށް ޓީމު ކަމަށެވެ.
މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވެ ވަނަވަނައަށް ދާ ޓީމުތަކަށް ވަނީ ޖުމުލަ 15،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމު ކަނޑައަޅައިފައެވެ. އެގޮތުން، އެއްވަނައަށް ދާ ޓީމަށް 7،000 ރުފިޔާ، ދެވަނައަށް ދާ ޓީމަށް 5،000 އަދި ތިންވަނައަށް ދާ ޓީމަށް 3،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
ޑީއެމްޖީސީއަކީ ރާއްޖޭގައި ތިބި އެންމެ ހުނަވެރި ގޭމަރުން އެއްތާކުން ފެނިގެންދާނެ ގޮތަށް ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ގޭމްތައް ހިމަނައިގެން ކުރިއަށްގެންދާ ޗެމްޕިއަންޝިޕެކެވެ. އެގޮތުން، މޮބައިލް ލެޖެންޑްސް ކޮލިފަޔާސް އަކީ ޑީއެމްޖީސީއާ ހަމައަށް ދިއުމަށް ހުޅުވާލެވޭ ފުރުތަމަ މުބާރާތް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން ބުނީ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމިންއާ އުސްމިންތަކަކަށް އުފުލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެ މުބާރާތާ ބެހޭ އިތުރު މައުލޫމާތުތައް dgg.mv ގެ ޒަރިއްޔާއިން އިއުލާނު ކުރެވިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު