ދަށު ފަންތީގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ މުސާރައަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ ފަރަގު ކުޑަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ބައެެއް ވަޒީފާތަކުން ރިޓަޔާވާ ފަރާތްތަކަށް ޑަބަލް ޕެންޝަން ލިބެމުން އަންނަ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، މަޖިލީހުގައި ދައުރެއް އަދާކުރުމުން އިނާޔަތް ދިނުމަކީވެސް ހަމަޖެހޭގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިތަނަށް އައިސްފަ ދައުރެއް އަދާކުރުމުން މާ ބޮޑު ބަޔަކަށްވެގެން މުޅި އުމުރަށް އެއްޗެއް ލިބުން، އަޅުގަނޑު ދެކޭގޮތުގައި އެއީ ގޯހެއް، އަޅުގަނޑުމެން މިތަނަށް އައިސްފަ ފަސް އަހަރުގެ ދައުރެއް އަދާކުރުމަށްވުރެ މާ ބުރަ މަސައްކަތް އެބަކުރޭ ސިވިސް ސާވިސް މުވައްޒިފުން އެތައް އަހަރެއް ވަންދެން، އެބޭފުޅުންނަށް އިންޓަރެކްޓް ނުވާ އެއްޗެއް ކީއްވެތޯ އަޅުގަނޑުމެންނަށް އެންޓަރެކްޓް ވާން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ އެފަދަ ކަންކަން އެގޮތަށް ހިނގަނީ ބާރުގަދަ ފަރާތްތަކުން ހަދާފައިވާ ގާނޫނުތަކުގެ ސަބަބުން ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ރާއްޖޭގައި އާދައިގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި ޕެންޝަންވެސް ކުޑަ ކަމަށެވެ. އަދި ބައެއް މުއައްސަސާތަކުގެ ޕެންޝަން އންތިހާއަށް ބޮޑުވުމާއި، ބައެއް ފަރާތްތަކަށް ޑަބަލް ޕެންޝަން ލިބޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޕެންޝަން ލިބުމުގައިވެސް ހަމަހަމަކަމެއް ނެތް ކަަމަށެވެ.

"ނުލާހިކު ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިއަދުވެސް މި ލިބެނީ 8،000 ރުފިޔާ، އަޅުގަނޑުމެންނަށް 70،000 އަށްވުރެ މަތިން ލިބޭ، މަޖިލިސް މެންބަރެއްގެ މުސާރަ ބޮޑުތޯ މި ބަލަންޖެހެނީ އެންމެ ދަށް މުސާރައާ އަޅައި ކިޔައިގެން، އެގޮތަށް ބަލާއިރު ދިހަ ގުނަ ފަރަގު ބޮޑު، ބައިނަލްއަގުވާމީ މިންގަނޑުތަކަކީވެސް ދެގުނަ ބޮޑުވުން،" ޝަމްހީދު ވިދާޅުވިއެވެ.