ޑަބަލް ޕެންޝަނުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރަންޖެހޭ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަށައިފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާކުރެއްވީ، ޕެންޝަން އޮފީހުން ފޮނުއްވި މައުލޫމާތުތަކަކާ ގުޅިގެންނެވެ.
ޑަބަލް ޕެންޝަން ދޭންޖެހޭ މައްސަލައިގައި ދިމާވާ ދަތިތަކާއި، ކުރިމަގުގައި އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، މާލީގޮތުން ދިމާވެދާނެ ދަތިތައް ޕެންޝަން އޮފީހުން ވަނީ ކޮމިޓީއާ ހިއްސާކޮށްފައެވެ.
ޕެންޝަން އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކާ ގުޅިގެން ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ބޮޑަށް މައްސަލަ އުފެދިފައިވަނީ، ޕެންޝަނާ ބެހޭ ގާނޫނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގާނޫނުގައި ހިމެނޭ ފުށުއެރުންތަކުގެ ސަބަބުން ކަމަށެވެ.
"ޕެންޝަނާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ 2009 ވަނަ އަހަރު، ނަމަވެސް އޭގެ ކުރިން 2007 ގައި އުފަންވި ގާނޫނެއް ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކީ. ޕެންޝަންގެ ގާނޫނު ނާންނަނީސް ދެ އަހަރު ކުރިން ސިވިލް ސާވިސްގެ ގާނޫނުގައި ބަޔާންކޮށްފަ މިއޮތީ މުސްކުޅި ކުރުމުގެ އިނާޔަތް ގާނޫނަކުން ކަނޑައަޅައި އެ ގާނޫނުގައިވާ ގޮތުގެމަތިން އެ އިނާޔަތް ދިނުމާ ހަމަައަށް ހިނގާ މުއްދަތުގައި އެ އިނާޔަތަކީ ފިނޭންސް މިނިސްޓްރީގެ ލަފައާއެކު ކޮމިޝަނުން ހަމަޖައްސަންޖެހޭ އިނާޔަތެއް ކަމަށް ހެދުމަށް މި ގާނުނު ހުރަހެއް ނާޅައޭ. ނަމަވެސް ސިވިލް ސާވިސްގެ ގާނޫނުގައި ބުނާ ހާއްސަ ގާނޫނަކީ ޕެންޝަނާ ބެހޭ ގާނޫނު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބަލައިގަތުމަށް ވަނީ އިންކާރުކޮށްފަ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާާޅުވީ އެ މައްސަލަ ހައްލު ކުރެވޭނީ ފެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަނާ ވާހަކަ ދައްކައިގެން، ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކޮމިޓީ މެދުވެރިކޮށް ގެނެސްގެން ކަމަށެވެ.
އިނާޔަތްތަކާ ބެހޭގޮތުން ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި ބަދަލުތައް، އޭގެ ފަހުން ވުޖޫދުވި އެހެން މުއައްސަސާތަކާ ގުޅޭ ގާނޫނުތަކުގައި ހިމަނާފައިވުމަކީވެސް ޑަބަލް ޕެންޝަން ލިބުމަށް ފަހިވެފައިވާ ކަމެއްކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
އެގޮތުން ކަރެކްޝަންސް އާއި ޖުޑިޝަރީއާ ބެހޭ ގާނޫނުގައި އެކަންތައް ހިމެނިފައި އޮންނަކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
އެކަމުގެ ސަބަބުން އުމުރުން 37 އަހަރުގައި ރިޓަޔާކުރާ ފަނޑިޔާރުން، އުމުރު ދުވަހަށް މުސާރަ އާއި އިނާޔަތްތައް ނަގަމުންދާ ކަމަށާއި، ކަރެކްޝަން ފަދަ ޔުނިފޯމު އެޅި އިދާރާތަކުން ރިޓަޔާކުރުމަށް ފަހު އެ ލިބޭ އެލަވަންސްތަކާއެކު ސިޔާސީ މަގާމުތަކަށް ގޮސް އިތުރު މަންފާތައް ހޯދާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ނާޒިމް ވިދާޅުވީ ކޮމިޓީން އިސް ނަގައިގެން އެ ގާނޫނުތައް އިސްލާހުކުރަންޖެހޭ ކަމަށެވެ.
އެ މައްސަލައަށް ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، އެގޮތަށް އެކި މުއައްސަސާތަައް ހިމެނޭގޮތަށް ޑަބަލް ޕެންޝަން ދިނުމަކީ، ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދެވޭނެކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސިވިސް ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ޕެންޝަނަކީ ކުޑަ އަދަދެއްކަން ފާހަގަކުރައްވައި، ވަކި މިންވަރެއް ކަނޑައަޅައި އެއަށްވުރެ އިތުރުނުވާ މިންވަރަށް ޕެންޝަން ލިބޭނެ އުސޫލެއް ޕެންޝަނާބެހޭ ގާނޫނުން ކަނޑައަޅަންޖެހޭ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ، އެގޮތުން ހިމަނާ އަދަދަކީ ދިރިއުޅުމަށް ދަތިނުވާވަރުގެ އަދަދަކަށް ވާންޖެހޭނެ ކަމަށެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ