އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފިއެވެ.

އެ ހާދިސާގައި ފިހުނީ އަލީ ސާމިން ނަމަކަށް ކިޔާ މީހެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ ފިރިހެން މީހާއަށް ފަރުވާދިނުމަށް ރާއްޖެއިން ބޭރަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ދިޔައީ ކޮން ގައުމަކަށް ކަމެއް އަދި ސާފުވެފައިނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ ފަރުވާއަށް ގެންގޮސްފައިވަނީ އިންޑިއާއަށެވެ.

އެ ފިރިހެން މީހާ ފިހިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ 11:15 އެހާކަންހާއިރު ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައެވެ.

އެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން ނަގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ.

އެ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މަރުވެފައެވެ.

އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސަންޓު ވަނީ ފިހިފައެވެ. އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސަންޓު ވަނީ ފިހިފައި ކަމަށް އޮފިޝަލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި، އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އަންހެން މީހާ އަމިއްލައަށް ގައިގައި ރޯކުރަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ހާދިސާގައި ފިހުނު ދެ މީހުންނަކީ ކުރިން ކައިވެންޏެއްކޮށް މިހާރު ވަރިވެފައިވާ ދެ މީހުންނެވެ.

"އަންހެން މީހާ އެ ދުވަހު ޕެޓްރޯލް ފުޅިއެއް ގަތް ކަމަށް ވަނީ. ދެން ފިރިހެން މީހާ ކޮފީއެއްގައި އިންދާ މި އަންނަނީ މެސެޖެއް. އެ އައުމާއެކު، އެ މީހާ އެ ގެއަށް ދިޔަތާ އިރުކޮޅެއް ފަހުން މި ހާދިސާއެއް މި ހިނގީ،" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުނެފައިވެއެވެ.

އެ އަންހެން މީހާ މީގެ ކުރިން ވެސް އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަން އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.