ރާއްޖޭގައި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީއެއް އިއްޔެ ހުޅުވައި، ޖަޕާނަށް އެކްޕޯސްޓުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ދިއްދޫގައި އެ މަސައްކަތް ކުރަނީ ޖަޕާނުގެ ކުންފުންޏަކުންނެވެ.

އެކަމަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިތްވަރުދީ އަދި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.

"ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް. ކަންކަން ކުރިއަށްދާނީ ފެށީމަ. މަރުހަބާ އަދި ކާމިޔާބަށް އެދެން،" މިނިސްޓަރު ވިދާޅުވިއެވެ.

6 އޭޕްރީލް 2025، ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީ ހުޅުވުން -- ފޮޓޯ/ އަބްދުﷲ ރަޝީދު

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "ވަން"އަށް ވިދާޅުވީ ޖަޕާން ކުންފުންޏަކުން ރާއްޖޭގައި ލޮނު އުފެއްދުމުގެ ޝައުގުވެރިކަން ހުރުމާއެކު އެ މަސައްކަތްކުރުމަށް އެ ކުންފުންޏާ ބިމެއް ހަވާލުކޮށްފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ޝައުގުވެރިކަން ހުރީމަ ކައުންސިލުން ވާނީ އެބޭފުޅުންނަށް ބިމެއް ކުއްޔަށް ދީފައި. އެ ބިމުން ކައުންސިލަށް ކުލި ލިބޭނެ. އަދި ރަށުގައި ވަޒީފާތައް އުފެދިގެންދާނެ ކަމަށް ގަބޫލުކުރެވޭ. ފެކްޓަރީ ހުޅުވުމުގެ ކުރިން ލޮނު ޓެސްޓުކުރުމަށް ޖަޕާނަށް ފޮނުވި. އަދި އެބޭފުޅުންނަށް ފާހަގަކުރެވުނީ ޖަޕާނުގައި ލިބެން ހުންނަ ލޮނަށްވުރެ، ރާއްޖޭގެ ލޮނުގެ ފެންވަރު ރަނގަޅު ކަމަށް،" އޭނާ ވިދާޅުވިއެވެ.

6 އޭޕްރީލް 2025، ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީ ހުޅުވުން -- ފޮޓޯ/ އަބްދުﷲ ރަޝީދު

އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގެ 99 ޕަސަންޓަކީ ކަނޑު ކަމަށްވެފައި، ޖަޕާނުގެ ކުންފުނިން ވެސް ރާއްޖޭގައި ލޮނު އުފެއްދޭނެކަމުގެ ޔަގީންކަން ދިނުމުން އެކަމުގެ މަޝްވަރާތައް ކޮށްފައިވާނެ ކަމަށެވެ. އަދި ލޮނު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ވެސް އެ ކުންފުނިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފެކްޓަރީން އުފައްދާ ލޮނުގެ ބޮޑު ޕަސަންޓޭޖެއް ޖަޕާނަށް އެކްޕޯޓުކުރުމަށް ނިންމާފައިވާ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓުތަކަށް ފޮނުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.