ތައުލީމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެއުމުގެ މަސައްކަތް މި އަހަރު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރު ޝަފީއު ދެއްވި ހިތޯބުގައި ވިދާޅުވީ، މި އަހަރުގެ ތެރޭގައި މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖާކޮށް، ކޮންމެހެން ގެންނަން ޖެހޭނެ ބަދަލުތައް ގެނެއުމާއި ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
"ތައުލީމީ ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެ،" މިިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިއަހަރު ކީސްޓޭޖު-3 ނިންމައި ދަރިވަރުންނަށް ދޭނެ ކަމަށެވެ.
މީގެ ކުރިން، އެ އެސެސްމަންޓް ދީފައިވަނީ، ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ ދަރިވަރުންނަށެވެ. މިދިޔަ ދިރާސީ އަހަރުގައި އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއާއެކު އަލަށް އޭލެވެލް ކިޔެވުމަށް ވަންނަ ދަރިވަރުންގެ އަދަދު 77 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ތައުލީމީ ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތައް އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މި އަހަރު ތެރޭ ނިންމަން ފެށޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ހެއްްކާއި ގަރީނާގެ މައްޗަށް ކަންކަން ނިންމަން ފަސޭހަވާނެ ކަަމަށް ވިދާޅުވިއެވެ.
ދިރާސީ އާ އަހަރުގައި ރާއްޖޭގެ ސްކޫލުތަކުގައި 90،000 އެއްހާ ދަރިވަރުން ކިޔަވާ އިރު، 11،000 ޓީޗަރުން ސްކޫލުތަކުގައި ހަރަކާތްތެރިވާނެއެވެ.
ދިރާސީ އާއަހަރު
ދިރާސީ އާއަހަރު
ދިރާސީ އާއަހަރު