ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލިބެންޖެހޭ ސްޓޫޑެންޓް ލޯނުގެ ފައިސާގެ ކަންކަން ރަނގަޅުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ލިވަޕޫލްގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ ދަރިވަރުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދެވުމާއި ސްޓޫޑެންްޓު ލޯނަށް ފައިސާ ޖަމާނުވެ ލަސްވަނީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށެވެ.

"ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އެފިޝަންޓު ކޮށްދީ އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް ޖަވާބު ދިނުމާއި އަވަހަށް، އޮންޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުމާ ކަންކަން ރަނގަޅު ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފައިސާގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކޮށްފައިވާ ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ލަންޑަންގައި ހުންނަ ނަންބަރު 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމްއެސްއޭ ޔޫކޭ) އާ އަލުން ހަވާލުކުރައްވައިފައެވެ.

ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ އިމާރާތް ދުވަސްކޮޅަކަށް އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގައިފައެވެ.

އިއްޔެ ރައީސް ވަނީ އެތަން ރަސްމީކޮށް އެމްއެސްއޭ ޔޫކޭ އަލުން ހަވާލު ކުރައްވައިފައެވެ.