ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މ. މާކަރީ، އަހުމަދު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފުން ހިތާމަ ފާޅުކުރައްވައި، މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހުމަދު މަނިކު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އަހުމަދު މަނިކަކީ ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވުމުގެ އިތުރުން، ދައުލަތުގެ އެކި ދާއިރާތަކުގައި 46 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި ހިތާމަވެރި ވަގުތުގައި އަހުމަދު މަނިކުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްހޫމް ލަހައްޓަވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދިވަޑައިގެން ރައީސް ވަނީ ހެޔޮ ދުއާ ކުރައްވާފައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރައްވައި، ސަރުކާރުން ވަނީ 2023 ވަނަ އަހަރު އަހުމަދު މަނިކަށް "ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު" އަރުވާފައެވެ.