އަސަލްގެ ހަނދާންތައް އޭނަ ގެންގޮސް ދިނީ އަހަރުތަކެއް ފަހަތަށެވެ. ރަށްފުށުގެ އުފާވެރި ދިރިއުޅުމެވެ. މަޖަލާއި ސަކަރާތުގައި ހޭދަވި ފުރާވަރަށެވެ. ފަތިހަށް އަލިވިލުމާއެކު ރަށު ތެރެއަށް ފެތުރިލާ ކާޅާއި ކޮވެލީގެ އަޑުތައް ކަންފަތަށް އިވުނު ކަހަލައެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑު ވެސް މެއެވެ. ހަނދުވަރުގެ އަލިން ޖަރީވެފައިވާ ގޮނޑުދޮށުގެ ހުދު ދޮންވެލިގަނޑު ސިފަކުރެވުނެވެ. ކަޅުފޮއި ރޭރޭގެ އަނދިރީގެ ތެރެއިން ވިދާލާ ރެދަންގެ ޖާދުލެވެ. އެހުރިހާ މަންޒަރެއްގެ ތެރެއިން ލުއި ހީނލުމެއްގެ އަޑު އަސަލްގެ ކަންފަތުގައި ގުގުމާލިއެވެ. ބޭއިހްތިޔާރުގައި އޭނައަށް ހިނިތުންވެވުނެވެ.
''މޭއި...'' އަސަލްއަށް ހިތުގެ ދުލުން ކިޔާލެވުނެވެ. މައިހާއާއި އެކުގައި ހެނދުނުހެނދުނާ ހިނގާފައި ސްކޫލަށް ދިޔަ ދުވަސްތައް ތަސްވީރުކޮށްލެވުނެވެ. ހުއްޓާލުމެއް ނެތި މައިހާ އަނގަތަޅުވާލާ އިރުގައި އަތާއި މޫނަށް ގެންނަ ހަރަކާތްތަކެވެ. ލޮލަށް ހަދާލާ ގޮތެވެ. ތުންފަތާއި ކުޅެލާ ހިނިތުންވުމާއެކު، ތުންފަތް ދެމިލާ ހިނދުގައި ކަނަށް އެޅިލާ ކުޑަކުޑަ އަޑިކޮޅެވެ. ފަނޑުވުމެއް ނުވާ މައިހާގެ ޖޯޝާއި ފޯރިއެވެ. ފޫހިކަމެއް ނެތި މައިހާގެ ވާހަކަތައް އަޑު އަހަން އަސަލް ހުންނަ ހަނދާންތަކެވެ. މައިހާގެ އަތާއި ވަކިނުވާ ސްކެޗްބުކްއެވެ. އެފޮތް އަތުލަން އުޅެފިނަމަ މައިހާ ހަޅޭއްލަވައިގަންނަ މަންޒަރެވެ. އެފޮތަކީ ހަމައެކަނި މައިހާއަށް ހާއްސަ އެއްޗެކެވެ. އެއްވެސް މީހަކަށް އެފޮތް ދައްކަން މައިހާ އުޒުރުވެރިވެއެވެ. މައިހާއާއި ދިމާކޮށްލަން ފޮތް އަތުލާ ކަމަށް ހެދުނަސް، އެކުވެރިކަމުގައި މައިހާ ކަނޑައަޅާފައިވާ އިންތަކަށް އަސަލް ސަމާލުކަން ދެއެވެ. މައިހާގެ ''ޕާސަނަލް ސްޕޭސް''އަށް ކަމޭހިތައެވެ. މިއަދާ ހަމައަށް ވެސް އެފޮތާއި މެދު އޭނަގެ ޝައުޤުވެރިކަން ނުވެޔޭ ބުނެފިނަމަ ވާނި ދޮގަކަށެވެ. މައިހާއަކީ މޮޅު ކުރެހުންތެރިއެކެވެ. އަސަލްއަށް ވިސްނުނު ގޮތުގައި އެފޮތުގައި ހުރީ މައިހާގެ ކުރެހުންތަކެވެ. ކޮންމެވެސް ދުވަހަކުން އެފޮތުގައި ކުރަހާފައި ހުރި ތަސްވީރުތައް އޭނައަށް ދައްކާލާނެ ކަމަށް އަސަލް އުއްމީދުކުރިއެވެ.
އަސަލްގެ ހަނދާނަށް ދެން އައީ ގޭގައި ހުންނަ އަނބުގަހަށް އަނބު ބިންނަން އަރާއިރަށް މައިހާގެ މަންމަ ހަޅޭއްލަވައިގަންނަ އަޑެވެ. ޖެހިގެން ހުންނަ ގޯއްޗާ ހަމައަށް ހަޅޭކުގެ އަޑު ފޯރާނެއެވެ. ހަޅޭކާއެކު ހާމަފެންޑާއަށް އަސަލް ނިކުންނާނެއެވެ. އޭރު މައިހާ ހުންނާނީ ގަހަށް އަރައެވެ. އޭނައާއި މައިހާގެ ނަޒަރު ބައްދަލުވުމާއެކު މައިހާ ހީނލާނެއެވެ. އަސަލްއަށް ވެސް ރައްދުގައި ހެވޭނެއެވެ. ބައެއް ކަންތަކުގައި އަސަލްއަށް ވުރެން މައިހާ ޖެހިލުން ކުޑަވާނެއެވެ. ކެރޭނެއެވެ.
މާޒީގެ ތެރެއިން އަސަލް ހޭލައްވާލީ ލިފްޓް ހުޅުވުނު އަޑުންނެވެ. ސިހިފައި އަސަލްއަށް ހޯޅުވާލެވުނެވެ. ތުންފަތުގައިވި ހިނިތުންވުން މިލައިގެން ދާން ނެގީ ހިނދުކޮޅެކެވެ. ހަޤީޤަތާ ކުރިމަތިލާން ޖެހުމުން އަސަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މައިހާގެ ހަނދާންތަކުން އޭނަގެ ހިތަށް އުނދަގޫ ކުރުވިއެވެ. އަނެއްކާ ވެސް އޭނަ ވަށާލީ މާޔޫސްކަމުންނެވެ.
''ވަޓް ހެޕެންޑް ޓު އަވާ ފްރެންޑްޝިޕް؟...... ކައިވެންނަށް ފަހު މޭއި އަހަންނާ ދުރުވެއްޖެ، ނޫން، ދުރުވީއެއް ނޫން، އަހަރެން މޭއި ދުރުކޮށްލީ...'' އަސަލްއަށް ބުނެވުނެވެ. ''ވަރަށް ގިނަ ކަންތައް ބަދަލުވެގެން ހިނގައްޖެ، ޤައިލާ ވެސް، މޭއިއަށް އެބަދަލުތައް ފާހަގަ ވާނެތަ؟، އެއީ ކުރީގެ ޤައިލާ ނޫންކަން ނަގައިގަނެވޭނެތަ؟...''
ވިސްނުމެއްގައި ހުރި އަސަލް އިމާރާތުން ބޭރަށް ނިކުތެވެ. އިސްއުފުލައި އުޑަށް ނަޒަރު ހިންގާލެވުނެވެ. ބަނަ ވިލާތަކުން އުޑުމަތި އޮތީ ބައްދާލާފައެވެ. މިއިން ޒަމާނަކު ކެރީގެ އަސަރު ފިލައިގެންދާނެ ހެނެއް ހިޔެއް ނުވެއެވެ. ހިމަފޮދުވާރޭގެ ތެރެއިން ދުވެލާފައި އަސަލް ހުއްޓުނީ ދުވާރު ކައިރީ ޕާކްކޮށްފައި އޮތް އޭނަގެ އަޅިކުލައިގެ ހޮންޑާ ކާރު ކައިރިއަށެވެ. ކާރުގެ ދޮރު ހުޅުވާލަމުން ކާރަށް އަރައި، ކޮނޑުގައި އޮތް ބެކްޕެކް ޖެހިގެން ހުރި ސީޓުގައި ބޭއްވިއެވެ.
އަތުގައި ހުރި ފެނުގެ އަސަރު ފިލުވާލާފައި، ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނަގައި ވައިބާ ހުޅުވާލެވުނެވެ. މެސެޖުތަކުގެ ތެރެއިން ސްކްރޯލް ކޮށްލެވުނެވެ. މައިހާގެ މެސެޖުތަކާ ހަމައަށް ދެވުނީ އެތައް މެސެޖެއް ސްކްރޯލް ކުރެވުނު ފަހުންނެވެ. އެންމެފަހުން މެސެޖެއްކޮށްފައި ވަނީ މީގެ ހަ މަސް ކުރިންނެވެ. ކައިވެނި ކުރިރޭގައި މައިހާގެ ފަރާތުން ލިބުނު ތަހުނިޔާގެ މެސެޖެކެވެ. އެއަށްފަހު ޤައިލާގެ އެދުމުގެ މަތިން މައިހާގެ ފޯނުން ނެގި އޭނައާއި ޤައިލާގެ ފޮޓޯތަކެވެ. އެފޮޓޯތަކަށް ބަލަން އަސަލްއަށް އިނދެވުނެވެ. ޤައިލާގެ މޫނުން ފެންނަން ހުރި އުފާވެރިކަމެވެ. ލޯތްބެވެ.
''ޑިޑް ވީ ފޯލް އައުޓް އޮފް ލަވް؟...'' އަސަލްއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ''ވަކިވުންތަ ރަނގަޅުވާނީ؟...''
އެ ސުވާލުތަކަށް ޖަވާބު ދިނީ އަސަލްގެ ހިތެވެ. އުދާސްކަން އަސަލްގެ ސިކުނޑި ވަށާލައި މުޅި މީހާ ހާސްކޮށްލިއެވެ. ގުދުވެލައި ކާރުގެ ހުންގާނުގައި ނިއްކުރި ޖައްސާލަމުން އަސަލްއަށް އޭނަގެ ހަށިގަނޑު ކުޑަކޮށްލެވުނެވެ. ޤައިލާގެ އަމަލުތަކުން އަސަލް ދެރަވެއެވެ. ރުޅި އިސްކުރެވެނީ ހިތުގެ ތަކުލީފުތަކާއި ކުރިމަތިލާނެ ގޮތެއް ނޭނގޭތީއެވެ. ވެވުނު ލޯބި ސަޒާއަކަށް ވެއްޖެއެވެ. މޭގައި އޭނައަށް މަޑުމަޑުން ފިރުމާލެވުނެވެ. ބޮލުގެ އެއްފަޅިން ތޫނު ރިހުމެއްގެ އަސަރު އިހުސާސްކުރެވުނެވެ. އެރިހުން ގަދަވުން ނޫންކަމެއް ނުވާނެކަން އަސަލްއަށް އެނގެއެވެ. ބޮލުގެ ރިހުން ގަދަވާތީ ޑޮކްޓަރަށް ދެއްކިއްޖެއެވެ. ޓެސްޓުތަކެއް ހެދިއްޖެއެވެ. މައްސަލައެއް ނުފެނުނެވެ. ޑޮކްޓަރުން އިރުޝާދު ދިނީ ނަފުސާނީ ބަލީގެ މާހިރަކަށް ދައްކާށެވެ. އެހާ ހިސާބުން އަސަލް ފަރުވާކުޑަކޮށްލީއެވެ. ބޮލުގެ ރިހުމާ ގުޅިފައިވާ ސަބަބު އެނގޭތީއެވެ.
އޭނަގެ ވޭނީ ފަލްސަފާއާއި މެދެ ޝަކުވާކުރުމުގައި އަސަލްއަށް ވަގުތު ހޭދަކޮށްލެވުނެވެ. ހޭވެރިކަންވީ އޮފީހަށް ގަޑި ޖެހިދާނެކަމުގެ އިންޒާރު ޒަމީރު ދިނުމުންނެވެ. ކާރު ސްޓާޓްކޮށްލަމުން އަތުގައި އޮތް ފޯނަށް އަސަލް ބަލައިލިއެވެ. ދެޚިޔާލެއްގައި އިނދެފައި އޭނަ ކުރު މެސެޖެއް ލިޔެފައި މައިހާއަށް ފޮނުވާލިއެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވީ ހަމަ ކުއްލިއަކަށެވެ. އެދެމެދުގައި ބީރައްޓެހިކަމުގެ ފަރުދާއެއް ލެވިފައިވާތީއެވެ. އެކަމާއި ފިކުރުބޮޑުވެ އަސަލްގެ ހަމަޖެހުން ގެއްލެން މެދުވެރިވިއެވެ.
*****
މެންދުރެވެ. އަސަލް އިނީ އޭނަގެ ކެބިންގައެވެ. ކަޅުކުލައިގެ ބޮޑު ލެދާރ ގޮނޑިއަށް އޭނަގެ ހަށިގަނޑު ދޫކޮށްލައިގެންނެވެ. ކުރިމަތީ ހުރި މޭޒު މަތީ އޭނަގެ މެކްބުކް ހުޅުވާފައި ހުއްޓެވެ. މޭޒުގެ އަރިމަތީގައި ފައިލުތަކާއި ބްލޫޕްރިންޓްތަކެވެ. ފަންސަވީސް ވަނަ ފަންގިފިލާގައި ހުރި އޮފީހުގެ ކެބިންއިން ވިއްސާރައާއެކު ފުސްކޮށްލާފައި އޮތް މާލޭގެ މަލަމަތި ރީއްޗަށް ފެނެއެވެ. އަސަލް ހުރީ ކުޑަދޮރުގެ ބްލައިންޑްތައް ހުޅުވާފައެވެ.
މޭޒު މަތީ އޮތް ފޯނު އަސަލް ނެގިއެވެ. މިހާރު ވައިބާ ހުޅުވައި ބެލުނު އަދަދެއް އޭނައަކަށް ނޭނގެއެވެ. ކޮންމެ ފަހަރަކު މޫނަށް ވެރިވަނީ މާޔޫސް ކަމެވެ. ހެނދުނާ އޭނަ ކުރި މެސެޖަށް މައިހާ ރައްދުދީފައި ނުވާތީ އަސަލް ހުރީ އުނދަގޫވެފައެވެ. މެސެޖު ބަލާފައި އިން ކަމަކަށް ވެސް ނުދައްކައެވެ. އޭގެ މާނަ ނަގަންވީ ކިހިނެއްބާއޭ އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނު އަދަދެއް ނޭނގެއެވެ. އެކުވެރިކަމަށް ނިމުމެއް އައީ ހެއްޔެވެ؟ އެފަދައިން ކަންތައް ވާކަށް އަސަލްގެ ހިތެއް ނޭދުނެވެ.
''ފްލައިޓް ނައްޓާލަމުން ޚަބަރެއް ވެލައްޗޭ...'' އަސަލް އިތުރު މެސެޖެއް ލިޔުނެވެ. މޭޒު މަތީ ބަންޑުން ފޯނު ބާއްވަމުން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލެވުނެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލީ އެދަނޑިވަޅުގައެވެ. އަސަލްއަށް ކެބިންގެ ދޮރާއި ދިމާއަށް ބަލައިލެވުނެވެ.
ދޮރުހުޅުވާލީ އޮފީހުގައި އުޅޭ އަސަލްގެ ގާތް ރަހުމަތްތެރިއެކެވެ. ދާމިން އެވެ.
''ބްރޭކަށް ނުދަނީތަ؟...'' ދޮރުގެ ތަޅުގައި ހިފަހައްޓައިގެން ހުރި ދާމިން ސުވާލުކޮށްލިއެވެ. އަސަލް ދޭނެ ޖަވާބަކުން ދާމިންގެ ހަރަކާތްތައް ކުރިއަށް ގެންދަން މަޑުކޮށްލައިގެން ހުރި ކަހަލައެވެ.
''ހޫމްމް، މަންމަމެން އަންނާތީ އަވަހަށްދާންވެގެން...'' އަސަލް ބުންޏެވެ. އަސަލްގެ މޫނުން ފެނުނު ކުލަވަރުތަކުން ދާމިންއަށް މަޑުޖެހިލެވުނެވެ. ސަމާލުވެ އަސަލްއަށް އޭނަ ބަލައިލިއެވެ. އެތެރެއަށް ވަދެ އޭނަ ދޮރު ލައްޕާލީ ދެނެވެ. އަސަލްގެ ހާސްކަން ދެނެގަނެވުނީއެވެ.
އެކުވެރިޔާއާއި މެެދު އުފެދުނު ކަންބޮޑުވުމާއެކު ދާމިން ގޮސް އިށީނީ އަސަލްގެ މޭޒާއި ކުރިމައްޗަށްވާހެން ހުރި ހުސް ގޮނޑީގައެވެ. އަސަލްއަށް ވަގުތު ދީގެން ދާމިން އިނެވެ. އަސަލްގެ ހިމޭންކަމުން އިސްވެ ވާހަކަދައްކަން ފެށީ ދާމިންއެވެ.
''ޔޫ ބޯތް ހެޑް އޭން އާގިއުމެންޓް...'' ދާމިން ބުންޏެވެ. އޭނަގެ ރާގުން އެއީ ސުވާލެއް ނޫންކަން ހާމަކޮށްދެއެވެ. އެކުވެރިޔާގެ ޒަވާޖީ ހާޔަތުގެ މިސްރާބަކީ ދާމިންއަށް ސިއްރުކުރެވިފައިވާ ކަމެއް ނޫނެވެ. އެކަމާއި ގުޅުވައިގެން އަސަލް ގިނަ ވާހަކަތައް ހިއްސާނުކުރިޔަސް، ހުޅުވާފައިވާ ފޮތެއްގެ އުސޫލުން އަސަލްގެ އިހުސާސްތައް ދާމިންއަށް ދެނެގަނެވެއެވެ. އެގުޅުމަށް ނިމުން ގެންނަން ވެސް އަސަލްއަށް އޭނަ ނަސޭހަތް ދީފިއެވެ. ނަފުސާނީ ގޮތުން އަސަލް ބަލިކަށިވަމުންދާތީއެވެ. އަސަލްއަށް ހަމަ ފާހަގަ ނުކުރެވެނީ ބާވައޭ ވެސް ދާމިންގެ ހިތަށް އަރައެވެ. ސަކަ މިޒާޖުގެ އަސަލް މިހާރު ސަމާސާ ކުރާ ތަނެއް ވެސް ނުފެނެއެވެ. ހިނިތުންވެލަނީ މަދު ފަހަރަކުއެވެ. އެއީ ވެސް މަޖުބޫރުވެގެންނެވެ. ދުނިޔެ މަތިން ފޫހިވެފައިވާ ކަހަލައެވެ.
ޤައިލާ މަތިން އަސަލް ހަނދާންވީ ދެނެވެ. މިހުރިހާ އިރު އޭނަގެ ސިކުނޑި ހަލަބޮލިކޮށްލާފައިވަނީ މައިހާގެ ޚިޔާލުތަކުންނެވެ. އެއާއެކު ކުށްވެރިކަމުގެ އިހުސާސްތަކެއް ކުރެވުނެވެ. އަނބިމީހާއާ މެދު ވިސްނާނުލެވުނީތީއެވެ. އަސަލްއަށް އިސްޖަހާލެވުނެވެ.
''ޑޫޑް...'' ދާމިން ގޮވާލިއެވެ. އަސަލް ބަލައެއް ނުލިއެވެ.
''އަޒް...'' ދާމިން ދެވަނަ ފަހަރަށް ގޮވާލިއެވެ. އަސަލްއަށް އެހީވާން އޭނަ ބޭނުމެވެ. ނަމަވެސް އޭނަ ދޭ ނަސޭހަތުގައި އަސަލް ނުހިފަންޏާ އިތުރަށް އެކަމަށް އަލިއަޅުވާލަން ދާމިން ފަސްޖެހުނެވެ. އޭނަ ދެކެ އަސަލް ހިތްހަމަނުޖެހިދާނެތީއެވެ. އެހެން ނަމަވެސް މިހާރު މަސްރަހު ގޮސްފައިވާ ހާލަތުން އެއްޗެއް ނުބުނެ ހުންނަން ވަނީ ދަތި ކަމަކަށެވެ. ހަޤީޤަތަށް އަސަލްގެ ލޯހުޅުވަން ދާމިން ބޭނުމެވެ.
''ހެނދުނު ސައިބޮއެގެންތަ ތިހިރީ؟...'' ދާމިން އެހިއެވެ. އަމިއްލަ ސިއްހަތަށް އަސަލް އިހުމާލުވާތަން ވެސް ދާމިންއަށް ވަނީ ފެނިފައެވެ. މަސައްކަތުގައި ބުރަކޮށް އުޅުން އެއީ އަސަލްގެ އާންމު ބަހަނާއަކަށް ވެއްޖެއެވެ. އެއީ މަސައްކަތުގެ ސަބަބުން އަސަލްއަށް އައިސްފައިވާ ބަދަލެއް ނޫންކަން ވެސް ދާމިން ބުނެދީފިއެވެ.
''އާނ...'' އަސަލް ބުންޏެވެ. ދާމިންގެ ކަންބޮޑުވުންތައް އަސަލްއަށް ފާހަގަ ކުރެވުނެވެ. އޭނަ އުޅުނީ ކަމެއް ނުވާކަމަށް ހެދޭށެވެ.
''އަހަރެން ލަންޗް ނިންމާފައި އަންނަމުން އަޒްއަށް އެއްޗެއް ގެނެސްދޭނަން...'' ދާމިން ބުންޏެވެ.
''ތޭންކްސް...'' އަސަލް ފަނޑު ހިނިތުންވުމެއް ދިނެވެ.
''އަހަރެން އެއްޗެކޭ ބުނެފިއްޔާ ރުޅި ނާންނައްޗޭ...'' ދާމިން އިތުރުކޮށްލިއެވެ.
ދާމިން ބުނަން އުޅެނީ ކީކޭކަން އަސަލްއަށް ލަފާކޮށްލެވުނެވެ. ވަކި އެއްޗެއް ނުބުނެ އަސަލް އިނީ ހިމޭނުންނެވެ. ދާމިންއަކީ އޭނައަށް ހެޔޮ އެދޭ ރަހުމަތްތެރިއަކަށް ވާތީއެވެ. ދާމިންގެ ނަސޭހަތާއި އަޅާލުމުން އޭނައަށް މައިހާ މަތިން ހަނދާންކޮށްދެއެވެ. މައިހާއަށް ފަހުގައި އޭނައަށް ހެވެއް އެދިގެން އެއްޗެއް ބުނި މީހަކަށް ހުރީ ދާމިން އެވެ. ދެން ތިބީ މުޅިން ވެސް ޤައިލާގެ ޕަޕެޓުންނެވެ. އުދާސްތައް ވެސް ހިއްސާކޮށްލެވެކަށް ނޯވެއެވެ. ޤައިލާގެ ކަންފަތާ ހަމައަށް ދާނެކަން އެނގޭތީއެވެ. އޭރުން އަނެއް މައްސަލައެވެ. ހަމަޖެހުމެއް ނުލިބި އަބަދު މީހާ ހުންނަނީ ބުން އަރާފައެވެ. ކެކެމުންދާ ޕްރެޝަރު ކުކަރެކޭ ތަފާތެއް ނެތެވެ. ޕްރެޝަރު ބޮޑު ފަޅައިގެންދާ ހިސާބަށް ހިނގައްޖެއެވެ.
''ބުނެބަލަ...'' އަސަލް ބުންޏެވެ.
''ޝީ އިސް ޓޮކްސިކް...'' ދާމިން ބުނީ ހަމައެކަނި އެހެންނެވެ. އޭނަ ގޮނޑިން ތެދުވުނެވެ. ނިކުންނަން ދަމުން ފަސްއެނބުރި އަސަލްއަށް ބަލައިލިއެވެ.
''އަޒްއަށް ހީވެދާނެ ތީ ލޯތްބޭ، އެކަމަކު އަހަންނަށް ފެންނަނީ މީހަކު އަޒްގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރަން އުޅޭތަން، ތީ ލޯތްބެއް ނޫން، އަހަރެންގެ ދުޢާއަކީ ވަގުތު ފާއިތުވުމުގެ ކުރިން އަޒްއަށް ހެޔޮ ވިސްނުން ލިބުން، މިހާރު ވެސް ނިކަން ވިސްނާލަބަލަ، އޭރުން ދިރިއުޅުމަށް ކޮށްފައި ހުރި ނޭދެވެ އަސަރުތައް ފެންނާނެ...'' ދާމިން ބުންޏެވެ. އަސަލް އޭނަ ދެކެ ރުޅި އަޔަސް ހެޔޮ ކަމަށެވެ.
''އައި ނޯ...'' އަސަލްއަށް މަޑުމަޑުން ބުނެވުނެވެ. ކިރިޔާ ދާމިންގެ ކަންފަތާއި ހަމައަށް އެއަޑު ފޯރިކަމެވެ. އޭނައަށް ވަގުތުން ބަލައިލެވުނީ އަސަލްގެ މޫނަށެވެ. އަސަލްގެ ނަޒަރު ހުއްޓިފައިވަނީ ދާމިން އަށެވެ. އެހީއަކަށް އެދެމުންދާ ކަހަލައެވެ.
އަސަލްއާއި ދިމާއަށް ދާމިން އެނބުރިލިއެވެ. އަޑު އިވުނީ ރަނގަޅަށްތޯ ސާފުކޮށްލަން އޭނަ އަސަލް ގާތުން ސުވާލުކޮށްލިއެވެ. ކުރިން ދިން ޖަވާބު އަސަލް ތަކުރާރުކޮށްލީ މޮޅިވެރިކަމާއެކުގައެވެ. ކައިވެނި ސަލާމަތްނުކުރެވޭނެކަން އޭނައަށް ރޭކާލައިފިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެކަމަށް އަމަލުކުރަން ފަސްޖެހެނީއެވެ. ޤައިލާއަށް އެނގުމުން ވެދާނީ ކިހިނެއްކަން ލަފާކޮށްލަން އުނދަގޫވާތީއެވެ. ޤައިލާގެ ކަރުނަތަކުން މަޖުބޫރީގެ ކަސްތަޅުތަކުގައި އޭނަގެ ނަފުސު ހައްޔަރުވެދާނެތީއެވެ.
''އަޒް...'' ދާމިން ގޮވާލިއެވެ. ''ސަމްޓައިމްސް ސެޕަރޭޝަން އިޒް ދަ އޮންލީ ވޭއި، މިހެން ބުނާއިރުގައި އެނގޭ ފަސޭހަކަމަކަށް ނުވާނެކަން، އެކަމަކު ޤައިލާގެ ފަރާތުން އެއްބާރުލުން ނުލިބެންޏާ ކައިވެނީގައި އަޒް ދެމިހުންނާނީ ކިހިނެއް؟... ކަޕްލްސް ތެރަޕީއަށް ދާން ޤައިލާ ބޭނުމެއް ނުވޭ، އޭނަގެ ރައްޓެހިން ކުރިމަތީ އަޒް ބަދުނާމުކޮށްލަން ފަހެއް ނުޖެހޭ، އޭނަ އަޒްއާ މެދު ކަންތައް ކުރަނީ ކިހިނެއްކަން އަހަންނަށް ރަނގަޅަށް އެނގޭ، އަހަރެން މިހެން މިބުނަނީ އަޒްއަށް އިތުރު ހާސްކަމެއް ދޭކަށެއް ނޫން، ހަޤީޤަތް އަޒްއަށް ފެންނަން ބޭނުންވާތީ...''
''މަންމަމެން ދިއުމުން ޤައިލާއާއި ވާހަކަދައްކާނަން...'' އަސަލް ބުންޏެވެ.
''އެއްވެސްކަމެއްގައި އެހީ ބޭނުންވާނަމަ އަންގާލައްޗޭ... ޔޫ އާ ނޮޓް އެލޯން އިން ދިސް...'' ދާމިން ބުނެލިއެވެ. އެވަގުތަށް އެމައުޟޫޢު މެދުކަނޑާލިއެވެ.
''ތޭންކްސް މޭން...'' އަސަލް ހިނިތުންވުމެއް ދިނެވެ. އެހިނިތުންވުން ލޮލާއި ހަމައަށް ނުފޯރިޔަސް ޝުކުރުވެރިކަން ވެއެވެ. ދާމިން ބޯޖަހާލިއެވެ.
''އަންނާނަން....'' ދާމިން ބޭރަށް ނިކުތެވެ.
''އަހަންނަށް މިކަން ވާނެބާ؟...'' ދާމިން ދިއުމާއެކުގައި އަސަލްއަށް ބުނެވުނެވެ. އަމިއްލަ ނަފުސަށް ޔަޤީންކަން ދޭން އަސަލް މަސައްކަތްކުރިއެވެ. ޤައިލާގެ ކަރުނަތަކުގައި ހިތް ބެހިގެން ދިއުމުގެ ފުރުސަތު ނުދޭން އޭނަ އަޒުމު ކަނޑައެޅިއެވެ.
*****
އެއާޕޯޓަށް ދިއުމުގެ ކުރިން އަސަލް ހުރީ ފެންވަރާލަން ބޭނުންވެފައެވެ. އެޕާޓްމެންޓަށް އަސަލް ވަން އިރު ޤައިލާ އިނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ރޭއްސުރެން ލައިގެން އުޅުނު ބާތްރޯބްގައެވެ. ފެންވެރި ހެނެއް ވެސް ހިޔެއް ނުވެއެވެ. ސޯފާ މަތީ އޯޑަރުކޮށްގެން ގެނައި ސެލެޑް ތަށި ހުއްޓެވެ. އަސަލް ވަނުމުން ޤައިލާ ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ތުން އަނބުރާލާފައި އަތުގައި އޮތް ރިމޯޓުން ޓީވީގެ އަޑު ގަދަކޮށްލީ އަސަލްއަށް ޖެއްސުމެއްކޮށްލުމުގެ ނިޔަތުގައެވެ.
''ތިހާ އަޑު ގަދަ ނުކުރަންޏާ ޓީވީ ބެލޭ ކަމަކަށް ނުވޭދޯ...'' ބޫޓު ހަރުގަނޑުގައި ބަހައްޓަމުން އަސަލް ބުނެލިއެވެ. ފަޔާއި ވަކިކޮށްލި އިސްޓާކީނު ހިފައިގެން އޭނަ ދިޔައީ ބެލްކަނީގައި އިސްޓާކީނަށް ހާއްސަކޮށްފައި ހުންނަ ދާވަށިގަނޑަށް ލާށެވެ. ބެލްކަނި ދޮރު ހުޅުވާލުމާއެކު އަސަލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ބެލްކަނީގެ ސަތަރިގަނޑު ހުރީ މައްޗަށް ނަގާފައެވެ. ރޭ ދޮވުނު ހެދުންތައް ގަޔަވަޔާއެކު ބިންމައްޗަށް ވެއްޓިފައެވެ.
ފަސްއެނބުރި ސޯފާގައި އިން ޤައިލާއަށް އަސަލް ބަލައިލިއެވެ. ކަމެއްވީ ހެނެއް ވެސް ޤައިލާއަށް ރޭކާ ނުލައެވެ. އަސަލްއަށް އޭނަގެ މުށްބާރުކޮށްލެވުނެވެ. ދޫކޮށްލި ދިގު ނޭވާއާއެކު ބިންމަތީ ހުރި ތެތް ހެދުންތައް އޭނަ ނެގިއެވެ. ކޮންމެވެސް ވަރަކަށް ކިލާގެ އަސަރު ހުރީތީ ހެދުންތައް ފޮޅާލައި މެޝިނަށް ލިއެވެ.
ކޮޓަރިއަށް އަސަލް ވަނީ އަވަސް ފިޔަވަޅުތަކެއްގައެވެ. ކޮޓަރިއަށް ވެސް ކުޑަ ވަރެއްގެ ނަގޫރޯޅިއެއް އަރުވާލާފައެވެ. ކުއިލްޓު އޮތީ ބިންމަތީގައެވެ. ބާލީސްތައް ވެސް ހޫރާލާފައެވެ. ބެޑްޝީޓު ކަންގަނޑުން ނައްޓާލާފައެވެ. ޗިޕްސް ކައި ހުސްކުރި ޕެކެޓު އެނދުމަތީގައެވެ. އޭނައަށް އުނދަގޫކުރަން ޤައިލާ ފިސާރި ކުޅަދާނައެވެ. މަންމަ އަންނަން އުޅެތީ ހަ ފިލި ކުރިއަށް ޖައްސާފައި ހުރި ކަހަލައެވެ.
ގެސްޓްރޫމްގެ ހާލަތު އަސަލްއަށް ބަލައިލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެތަނަށް ޤައިލާގެ ހަމަލާއެއް އަމާޒުވެފައި ނުވާތީއެވެ.
''ޤައިލާ!...'' އަސަލް އަޑަށް ބާރުލާފައި ގޮވިއެވެ. ''މަންމަ ހުއްޓާ ތިހެން އަހަންނަށް އުނދަގޫކޮށް ހަދައި މަންމައަށް ފާހަގަ ކުރެވިއްޖެއްޔާ އަހަންނަށް މަޖުބޫރު...''
''ކީއްކުރެވޭނީ، އޭނ!، ބުނެބަލަ!...'' އަސަލްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޤައިލާ ސޯފާއިން ތެދުވެ ހަޅޭއްލަވައިގަތެވެ. ''އެއްވެސް ކަމެއް ނުކުރެވޭނެ...''
''އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަނީތަ؟...'' އަސަލްއަށް ދަތްޕިލަޖައްސާ ބާރުކޮށްލެވުނެވެ. ކޯކަށިގަނޑަށް އެރި ވާންކަމާއެކު ދަތްތޮޅީގައި ތުރުތުރުލުމެއް ވެސް އުފެދުނެވެ. ''އެކުގަ ނޫޅެވެންޏާ ޖެހޭނީ ވަކިވާން، އަޑުއިވިއްޖެ؟...''
އަސަލް ދިނީ އިންޒާރެކެވެ. ހަރުކަށިކަން އަސަލްގެ އަޑުން ހާމަކޮށްދިނެވެ. ޤައިލާއަށް ރައްދުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި އަސަލް ކޮޓަރިއަށް ވަނެވެ.
އަސަލްއަށް ބަލަން ހުރި ޤައިލާގެ މޫނުމަތިން ފާޅުވީ ސިހުމެވެ. އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. މޫނު ވެސް ހިސާބަކަށް ހުދުވެއްޖެއެވެ. އަސަލްގެ ފަރާތުން އެފަދަ ރައްދެއް ލިބިދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. މޭގަނޑު އަނގަޔަށް އަންނަވަރު ވެއްޖެއެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
މިީހުންނަށް ކުރުކޮށް ކިޔާފަ ހުރި ނަންތައް ވަރަށް އޮކްވާޑް. އަސަލްއަށް "އަޒް" މައިހާއަށް "މޭއި" ގައިލާ "އެލީ" ވާހަކަ ރީތި އެކަމަކު ކިޔާހިތެއް ނުވޭ އެގޮތައް ނަންތައް ހުރީމަ. މައިހާއަށް މައި ކީދާނެ ގައިލާއަށް ގައި.
ވާހަކަ ކިޔާ މީހާ - 1 އަހަރު ކުރިން
މިވާހަކަ ވހިންހަމަޖެހެ ާަކޮންދުވަހަކުން 5ވަނަ ޕާޓް ކިޔާލަން ލިބޭނީ
ކިޔުންތެރިޔެއް - 1 އަހަރު ކުރިން
ސޯ އިންޓުރެސްޓިންގް. އައި އަށް ހީވަނީ ޤައިލާހެން ހުރިހާ ފަނިއެއް ހަދައިގެން އުޅޭނީ. ޥަރަށް ކިޔާހިތުން ހުއްޓަ ނިމުނީ، މި ވާހަކަ ވވވ ރީތި، ސިފަކުރުން ހަބޭސް. ޢަސަލް ތި ޤައިލާ ވަރިކުރޭ
ޡެންދަޔާ - 1 އަހަރު ކުރިން
ހޫން ދެންރޯންފަށާ ނިކަންބާރަށް އޭރުންއަސަލްއަންނާނެފިރުމަން މަކަރުވެރި އަންހެނާ އަސަލްމިފަހަރު ތިޔަކަންކޮންމެސް އެއްކޮޅެއްގަ ޖައްސާތި
ފާތު - 1 އަހަރު ކުރިން