ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާ ގޮތަށް، ވަކި އަހަރަކަށް ވުރެ ފަހުން ވިހެއި މީހުންނަށް ދުންފަތް މަނާކުރާ "ޖެނަރޭޝަން ބޭން" ފަށާ އަހަރު ކަނޑެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ޕޯލްއެއް މިއަދު ހުޅުވައިފި އެވެ.

ރައީސްގެ އެކްސް އެކައުންޓުގައި މިއަދު ހުޅުވި ޕޯލްގައި ވަނީ، ތިން ގޮތަކަށް "ޖެނެރޭޝަން ބޭން" ކަނޑައަޅަން ހުޅުވާލައްވައިފައެވެ. އެއީ 2000 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެންނަށް، ނޫނީ 2004 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެނަށް ނޫނީ 2007 ވަނަ އަހަރުން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ ހުރިހާ އުފެއްދުމެއް މަނާކުރާށުމެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ރައީސް ވަނީ، ވަކި އުމުރެއްގެ މީހުންނަށް ދުންފަތް އެއްކޮށް މަނާކުރަން ކަމާ ބެހޭ ފަރާތްތަކާއި ޑޮކްޓަރުންގެ ލަފަޔާ އެކު ޖެނެރޭޝަން ބޭން ގެނައުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ކެބިނެޓް ކަރުދާހެއް ދިރާސާކޮށްގެން ތައްޔާރު ކުރަން ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި، ޒުވާން ޖީލަށް އަމާޒުކޮށްގެން ދުންފަތް މަނާކުރުމުގެ ވިސްނުން ގެންގުޅުއްވަނީ ގިނަ ދުވަސްތަކެއް ވަންދެން ދުންފަތަށް ދެވިހިފާފައި ތިބި މީހުން އެ އަމަލުން ދުރުކުރުމަށް ވުރެ، އެކަމުން ޒުވާނުން ދުރުކުރަން ފަސޭހަ ވާނެތީއާއި ޒުވާނުން އެ ވަބާއިން ދުރުކުރުމަށެވެ.

ރައީސް ވަނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކުންވެސް އެ ވިޔަފާރިން ދުރުވެ އެހެން ކަމަނާ އުޅުއްވުމަށް ގޮވާލައްވައިފައެވެ. އަދި ރާއްޖެ ފދަ ކުޑަ ގައުމަކަށް ދުންފަތް އެތެރެކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ރއީސް ވިދާޅިވިއެވެ.

މި ސަރުކާރުން އަންނަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވާށާއި މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން. މިދިޔަ އަހަރުގެ ތެރޭގައި ވޭޕު މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ.