''އަސަލްއަށް ތި ޢާއިލާގެ މައްސަލަތައް ދުވަހަކު ނުފެންނާނެ، ފެނުނަސް އަޅާނުލާނެ، އަހަރެން ކުށްވެރި ކުރެވެނިކޮށް ނިމުނީ...'' ރުޅީގެ އަސަރާއެކު ޤައިލާގެ މޫނަށް ރަތްކަން ފޭދުނެވެ. އޭނަގެ އަޑު އިންތިހާއަށް ބާރެވެ. މުޅި ކޮޓަރި ތެރޭގައި ގުގުމާލީ ޤައިލާގެ ހަޅޭކުގެ އަޑެވެ.
''ހަޅޭއްނުލަވަބަލަ، މީ ދަންވަރޭ، ޖެހިގެން ހުރި އެޕާޓްމެންޓްތަކުގެ މީހުންނަށް އުނދަގޫވެދާނެ...'' އަސަލް ކަންބޮޑުވިއެވެ. ޤައިލާ ހަމައަކަށް އެޅުވޭތޯ އޭނަ މަސައްކަތްކުރިއެވެ. ފޫނެއް ފަޔަކަށް ފެންފުރުމެކޭ ތަފާތެއް ނެތެވެ.
''ލަވާނަން، އަޑު ވެސް ގަދަކުރާނަން، އަސަލްއަށް ކުރެވޭނީ ކީއްތަ؟...'' ފިރިމީހާއަށް ކުރަން ޖެހޭ ޤަދަރާއި އިހްތިރާމް ކުޑަކޮށްލާފައި، ޤައިލާ ފެށީ ޖަދަލު ކުރާށެވެ.
''ތިހާ ރުޅި އަންނަންޖެހޭ ސަބަބެއް ބުނެބަލަ...'' ދިގު ނޭވާއެއް އަސަލްއަށް ދޫކޮށްލެވުނެވެ.
ޤައިލާގެ ތަބީއަތަށް އައި ބަދަލު އަސަލްއަށް ދޭހައެއް ނުކުރެވުނެވެ. ޢާއިލާއާއި އޮތް ގުޅުން ހީނަރުވަމުން ދަނީ ޤައިލާގެ އަމަލުތަކުންނެވެ. ފަރުވާކުޑަކަމުންނެވެ. އަސަލްއަށް އެކަން ވަނީ ފާހަގަ ވެފައެވެ. މަންމަމެން ގުޅުން ބަދަހިކުރަން އުޅުނަސް ޤައިލާ ދެނީ ފުރަގަހެވެ. މަންމަ ގުޅައިގެން ޤައިލާ ފޯނު ނުނަގާތީ އެކަމާއި ވެސް މަންމަ އޭނައާއި ސުވާލުކުރެއެވެ. ކަންބޮޑުވުން ފާޅުކުރެއެވެ. މަންމަގެ ސުވާލުތަކުން ލަދުން ގޮސް ދޭނެ ޖަވާބެއް ނޭނގިފައި އަސަލްއަށް ހުރެވެއެވެ. އަނބިމީހާއަށް ވިސްނައިދިނުމުގައި އޭނަ ނާކާމިޔަބުވެފައިވާކަން ބުނެދޭނީ ވެސް ކޮން ދުލަކުން ހެއްޔެވެ؟ ހަމައެކަނި މަންމައެއް ނޫނެވެ. ބައްޕަ ވެސް އޭނައާއި ވާހަކަދައްކައިފިއެވެ. މާމަ ހުންނަނީ ޤައިލާ ދެކެ ހިތްހަމަނުޖެހިފައެވެ. ޢާއިލާއާއި ދުރަށް އޭނަ ގެންދަނީއޭ ބުނެ ޝަކުވާކުރެއެވެ. ޤައިލާގެ އުނިސިފަތައް ސިއްރުކުރަން ހަދައިގެން އެންމެފަހުން ފަޞީހަތް ވަނީ އަސަލްއެވެ. ޤައިލާގެ ފަރާތުން އެއްބާރުލުމެއް އޭނައަކަށް ނުލިބެއެވެ. ފާޅުގައި އޭނަގެ ނިންމުންތަކާއި ޤައިލާ ދެކޮޅު ހަދައެވެ. ޤަައިލާއާއި ގާތް ގުޅުމެއް ބާއްވަން އޭނަގެ ޢާއިލާއިން ކުރާ މަސައްކަތުގައި އަލިމަގެއް ނުފެންނަނީ އެހެންވެގެންނެވެ،
''ނޭނގިގެންތަ ސުވާލު ތިކުރަނީ...'' ޤައިލާ ލޯއަޅާލިއެވެ. ''އަސަލްގެ ޢާއިލާއަށް އަހަރެން މުހިންމެއް ނުވާނެ...''
''ތީ ދޮގެއްކަން ޚުދު ޤައިލާއަށް ވެސް އެނގޭނެ، ކައިވެނި ކުރުމުގެ ކުރިން އަދި ކައިވެންޏަށް ފަހުގައި ވެސް މަންމަ ޤައިލާ ދެކެ ނުލާހިކު ލޯބިވޭ، އަމިއްލަ ދަރިޔަކު ކަމުގައި ބަލަމުން އައީ... ޢާއިލާގެ ބައެއްކަމުގައި ބަލަމުން އައީ... ކީއްވެގެންތަ ޤައިލާއަށް ނުފެންނަނީ؟... ޢާއިލީ ގުޅުން ބަދަހިކުރަން ރަށަށް ދާން ކިތައް ފަހަރު ބުނެވިއްޖެ، އެކަމަކު ޤައިލާ ދާކަށް ބޭނުމެއް ނުވޭ، އެއީ ޤައިލާ އުޅެ ބޮޑުވި ރަށެއް ނޫންތަ؟...'' ހަޤީޤަތެއް ނެތް ދޮގު ތުހުމަތުތަކަށް އަސަލް ރައްދުދިނެވެ.
''އެއީ އަހަރެންގެ ރަށެއް ނޫން!، ޔޫ ނޯ ދެޓް، އެއް އިރެއްގައި އެތާ އުޅުނަސް އަހަރެން ދަންނަ ބަޔަކު ނުތިބޭނެ، އައި ހޭޓް ދެޓް އައިލޭންޑް...'' ޤައިލާ ބުންޏެވެ. ''އެތަނަށް ދާކަށް އަހަރެން ބޭނުމެއް ނޫން، ދަންޏާ އަސަލް އެކަނިދޭ، އަހަރެން ގެންދަން އުޅޭނެ ކަމެއް ނެތް...''
ކަންފަތަށް އަޑު އިވުނު ޖުމްލައިގެ ސައްހަ ކަމާއި މެދު ޝައްކު އުފެދިފައި އަސަލްއަށް އިނދެވުނީ ކިހާއިރެއް ވަންދެންކަމެއް ވެސް ނޭނގެއެވެ. އެމޫނުމަތިން ފާޅުވި ސިހުމުގެ އަސަރުތައް މާޔޫސްކަމަށް ބަދަލުވެގެން ދިޔަ އެވެ. ރަށުގައި ހޭދަކުރެވުނު އުފާވެރި ވަގުތާއި ސްކޫލް ދައުރުގެ ރައްޓެހިންނާއެކު ޖެހި ސަކަރާތަތްތައް ވެސް ޤައިލާ ހަނދާން ހުރި ހެނެއް ހިޔެއް ނުވެއެވެ. އޭނައާއި ޤައިލާގެ ލޯބީގެ ގުޅުން ފެށުނީ ވެސް ރަށުންނެވެ. އެކުގައި ވުމަށް ވަޢުދާއި އަހުދުތައް ވެވުނު ލޯބީގެ މަންޒިލަކީ އެއެވެ. ޤައިލާ ގޮވައިގެން ރަށަށް ދާން އަސަލް ބޭނުންވާ ސަބަބަކީ އެއީއެވެ. ފަހަރެއްގައި މާޒީގެ އުފާވެރިކަމާއި ގުޅިލާމެހުމުން ފަނޑުވަމުން ދިޔަ ލޯތްބަށް ދިރުން ލިބިދާނެ ކަމަށް އުއްމީދުކުރެވުނެވެ. ނަމަވެސް، އެއީ އޭނައަށް ކުރެވުނު ކުށްހީއެކެވެ. އެހަނދާންތަކަށް ޤައިލާގެ ހިތުން ޖާގައެއް ދެވިފައި ނެތެވެ. އެދުވަސްތައް މާޒީއާއެކުވެ ނިމިއްޖެއެވެ. އޭނަގެ ޢާއިލާ ވެސް ޤައިލާއަށް މުހިންމު ނުވާކަން ޤައިލާގެ ވާހަކަތަކުން ހާމަކޮށްދީފިއެވެ. ދެރައާއި ހިތާމަ އެކުވެ ރުޅިވެރިކަން އަސަލްގެ ހިއްސުތަކުގެ މައްޗަށް ވެރިވެގަތެވެ.
އަސަލް އެނދުން ތެދުވިއެވެ. އިތުރަށް ޤައިލާއާއި ވާހަކަދައްކާކަށް އޭނަ ގަސްދެއް ނުކުރިއެވެ. ޤައިލާގެ ބަހާއި އަމަލުން އޭނައަށް ހުރިހާ ކަމެއް ސާފުކޮށް ބުނެދީފިއެވެ.
''ހަވީރުގެ ފްލައިޓުން މަންމަ އަންނާނެ...'' އަސަލް އިއްވާލިއެވެ. ދާވަށިގަނޑުގެ އަތްގަނޑުގައި އެއްއަތުން ހިފަހައްޓާލަމުން ކޮޓަރިން ނިކުންނަން އަސަލް ހިނގައިގަތެވެ. އެހެދުންތައް އޭނަ ނުދޮންނަ ނަމަ ފީވެގެން ދާނީ ދާވަށިގަނޑު ތެރޭގައި ހުއްޓައެވެ. މަންމަ އައުމުގެ ކުރިން އޭނައަށް އެވަނީ ތަމްސީލެއް ކުޅެން މަޖުބޫރު ވެފައެވެ. އޭނަގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެއްކަމުގެ ތަމްސީލެވެ. އެވަގުތު އަސަލްގެ ޒަމީރު އޭނައަށް ވިސްނައިދޭން އުޅުނެވެ.
އެއީ ހައްލެއް ހެއްޔެވެ؟ ލޯބިން ޤައިލާއާއި ކައިވެނި ކުރިކަމުގައި ވިޔަސް، ކުރިން ނުފެންނަ އެތައް އުނި ސިފަތަކެއް ފެންނަމުން އެބަދެއެވެ. ޤައިލާގެ މިޒާޖުގައި ހުންނަ ރުންކުރުމާއި ރުޅިވެރިކަމެވެ. ޝައްކުކުރުމާއި ދޮގުހެދުމެވެ. އޮޅުވާލުމެވެ. މުޅިން ތަފާތު މީހަކު ފެންނަ ކަހަލައެވެ. ޤައިލާ ދެކެ އޭނައަށް ލޯބި ވެވުނު ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، ލަދުވެތިކަމުގެ ޒައްރެއްގެ މިންވަރު ވެސް މިހާރު ޤައިލާގެ ތަބީއަތުގައި ނެތެވެ. އެއީ އޭނަގެ ހިތާއި ހަމައަށް ވާސިލުވުމަށް ޤައިލާ ދައްކާލި ދަޅައެއް ހެއްޔެވެ؟
އަސަލް ކޮޓަރިން ބޭރަށް އެޅި ފިޔަވަޅާއެކު އެނދުގައި އިން ޤައިލާ ތެދުވެގެން އައިސް ބާރަށް ދޮރު ޖަހައި ތަޅުުލައިފިއެވެ. ދޮރު ތަޅުލުމުގެ ކުރިން އަސަލްއަށް ހުތުރު ބަސްތަކެއް ވެސް އަމާޒުކޮށްލިއެވެ.
ކުރިއަށް އަޅަން އުޅުނު ފިޔަވަޅު މަޑުޖައްސާލައި އަސަލްއަށް ފަސްއެނބުރިލެވުނެވެ. ކޮޓަރީގެ ދޮރާއި ދިމާއަށް ބަލަން ހުރި އަސަލްގެ މޫނު ވަނީ ބަނަވެފައެވެ. ދާވަށިގަނޑުގެ އަތްގަނޑުގައި ވެސް ހިފަހައްޓާލެވުނީ ބާރަކަށެވެ. ސާފު ވައި ފޮދެއް ބޭނުންވުމުން އޭނަ ހިނގައިގަތީ ބެލްކަންޏާއި ދިމާއަށެވެ.
ބެލްކަނީގެ ދޮރު ހުޅުވާލުމާއެކު ބީހިލީ ވާރޭގެ ތެތްކަން އެޅުލެވިގެންވި ފިނިފިނި ރޯޅި އެކެވެ. ހުސްގަޔަ ހުރުމުން އަސަލްއަށް ފިނިވާން ފެށިއެވެ. ބެލްކަނީގައި ހުރި ދޮންނަމެޝިން މަތީގައި ދާވަށިގަނޑު ބަހައްޓާފައި އަަވަސްވެގަތީ ބެލްކަނީގެ ވަށައިގެން ވައްޓާލެވޭނެހެން ހުރި ދެފުށްފެންނަ ސަތަރިގަނޑު ތިރިކޮށްލުމަށެވެ. ވަޔާއެކު ވިއްސަމުންދާ ވާރެއިން ސަލާމަތެއް ލިބުނީ ދެނެވެ.
އަންނައުނުތައް ދޮންނަން އަޅާފައި އަސަލް މިސްރާބު ޖެހީ ގެސްޓް ރޫމަށެވެ. އެތަނުގެ ހާލަތެއް ބަލައިލާށެވެ.
ގެސްޓް ރޫމަށް ވަދެފައި އަސަލް ބޮކިތައް ދިއްލާލިއެވެ. މަންމަ އަންނަން ވާއިރަށް އެނދުގެ ބެޑްޝީޓާއި، ބާލީސްތަކުގެ އުރައާއި، ކުއިލްޓް ކަވަރު ވެސް ބަދަލުކޮށްލިއެވެ. ތުވާއްޔާއި އެހެނިހެން އެއްޗިސް ވެސް ހަމަކޮށްލިއެވެ. ހަލަބޮލިކަން ވެރިވެފައިވި އަސަލްގެ ސިކުނޑިއަށް އެމަސައްކަތުގައި އުޅުނު ވަގުތު ލުޔެއް ލިބުނެވެ. ކޮޓަރި ސާފުކޮށްލާފައި އަސަލް ބޭރަށް ނިކުތެވެ. ސޯފާ މަތީ އޮތް ފޯނު ލޮލުގައި އަޅައިގަތުމުން އަސަލް ދިޔައީ ފޯނު ނަގާށެވެ. އޭނަ ކޮޓަރިއަށް ވަންނަން ބެލިއިރު އަދިވެސް ހުރީ ތަޅުލާފައެވެ. ތަޅުގައި ހިފާ އަނބުރާލާފައި ދެތިން ފަހަރަކު އަސަލް ޓަކި ދިނެވެ. ޤައިލާ އޮތީ ހޭލާކަން އޭނައަށް ޔަޤީންކުރެވުނީ ކޮޓަރި ތެރެއިން ޤައިލާ ފޯނުން ވާހަކަދައްކާ އަޑު އިވޭތީއެވެ. ކަންފަތް ދޮރުގައި ޖައްސާލަމުން އަޑު އަހަން އުޅެފައި ވެސް އެޚިޔާލު އަސަލް ދޫކޮށްލިއެވެ. އިތުރު ހައިޖާންގަނޑެއް ހިނގުން ނޫންކަމެއް ނުވާނެއެވެ.
އަސަލް ގޮސް އިށީނީ ސޯފާގައެވެ. އެކަނިވެރިކަން އައިސް އޭނަ ވަށާލައި ހާސްކުރަން ފެށީ ދެނެވެ. ހަމަ ނޭވާލާން އުނދަގޫވުމާއެކު އަސަލްއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ހިމޭންކަން ވެރިވެފައި އޮތް މާހައުލުގެ ތެރެއިން އަސަލްއަށް ބަލައިލެވުނީ ފާރުގައި ހުރި ތަސްވީރަށެވެ. މާޒީގެ ދުވަސްތައް ސިފަކުރުވުމާއެކު މޮޅިވެރިކަން އަސަލްގެ ދެލޮލުން ފާޅުވެއްޖެއެވެ. މޭގަައި ރިއްސާލައި އެޅި ވޭންތަކުން އޭނައަށް އަންގައިދިނީ އޭނަގެ ހިތާމަތަކެވެ. ލޯބިން މަހުރޫމުވެފައިވާ ކަމުގެ ހިތި ކަމެވެ.
''ކުރީގެ ލޯތްބެއް ނެތް، މި ޝަކުވާތަކާއި، ދެކޮޅުވެރިކަމާ ހުރެ އަހަރެންގެ ހިތް ވެސް ބަދަލުވާން ފަށައިފި، މިދުވަސްތަކަށް ނިމުމެއް އަންނާނެހެނެއް ހިޔެއް ނުވޭ... ބައެއް ފަހަރު ހީވޭ ޤައިލާ އަހަންނާ ކައިވެނި ކުރީ ލޯބިން ނޫން ހެން ވެސް، އެކަމަކު ރައްޓެހިވެެގެން އުޅުނު އިރު އުޅުނީ ނުލާހިކު ލޯބިން، ކައިވެނި ކުރުމާއެކު މިހާ ބޮޑު ބަދަލެއް އައީ ކީއްވެގެންތަ؟.... ވިސްނާވިސްނާ އަހަރެންގެ ބޯފަޅައިގެން ދާން ކައިރިވެއްޖެ، މިކަމުގެ ސްޓްރެސްއާ ހުރެ ވަޒީފާއަށް ވެސް ސަމާލުކަމެއް ނުދެވޭ، ޤައިލާ ހިތްހަމަނުޖެހިދާނެތީ އެނޫން ކަމަކާ ނުވިސްނޭ...'' ސޯފާގެ ލެނގޭބައިގައި ކަނދުރާ އަޅުވާލަމުން ސީލިންގަށް އަސަލް ނަޒަރު ހުއްޓާލިއެވެ.
''މޭއި ދެކެ ޤައިލާ ރުޅި އަންނަނީ ކީއްވެގެންތަ؟، ދެއި ވާ ބެސްޓް ފްރެންޑްސް، ޤައިލާއަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެގެންބާ...'' އިތުރު ދިމާއަކަށް ވިސްނުންތަކުގެ ކުރިފަޅަން ފެށިއެވެ.
މައިހާއަކީ ކުޑައިރުއްސުރެން އަސަލްގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. މައިންބަފައިންގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރު ޖީލަކާ ހަމައަށް ވެސް ދިޔަ އެވެ. ދެ ގޭ ވެސް ހުންނަނީ ޖެހިގެންނެވެ. ފުރާވަރުގެ ހަދާންތައް އާލާވުމާއެކު އަސަލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ގެނުވިއެވެ.
އަސަލްއާއި ޤައިލާ ދިމާވީ ވެސް މައިހާ މެދުވެރިއަކަށް ވެގެންނެވެ. ކައިވެނީގެ ތައްޔާރީތަކުގައި ވެސް ޤައިލާއަށް ޚިޔާލު ދީ އެންމެ ގާތުގައި ހުރީ މައިހާއެވެ. މައިހާގެ ނަން ހިތުގެ ދުލުން ކިޔާލެވުމާއެކު އަސަލްއަށް އުނދަގޫވާން ފެށިއެވެ. މޭގައި އުފައްދާލި ހައިޖާންގަނޑާއެކު އަސަލްއަށް ތެޅިގަނެވުނެވެ. މާޒީގެ ސަފުހާތަކުން ހަނދާނުގެ ލޯގަނޑަށް ތަސްވީރުކުރަން އުޅުނު މަންޒަރުތަކާއި ދުރުވާން އަސަލް އުޅުނެވެ. އަވަސްއަވަހަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ޚިޔާލުތަކުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލެވުނެވެ.
''މަންމަ ހުއްޓާ ޤައިލާ އެހެން އުޅެފިނަމަ ފިޔަވަޅު ނަގަން އަހަންނަށް މަޖުބޫރުވާނެ...'' އަސަލްއަށް ބުނެވުނެވެ. ދޮންނަން އެޅި ހެދުންތައް ނިމުނުކަމުގެ އެލާމް އިވުނީ ވެސް އަސަލް ވިސްނަމުން ދަނިކޮށެވެ. އިންތިހާއަށް ވަރުބަލިވެފައިވި ހަށިގަނޑު ގަދަކަމުން ކޮޅަށް ނަގަމުން ބެލްކަންޏަށް ނިކުތެވެ. އަންނައުނުތައް ބެލްކަނީގައި ހުރި ހަރުގަނޑުގައި ހިއްކަން އަޅުވާފައި އަސަލް އަނެއްކާ އިށީނީ ސޯފާގައެވެ. ނިންޖާ ތައްޔާޖެހެން ފެށުމުން ސޯފާގައި ދިގަށް އޮށޯތެވެ.
އަސަލްގެ ލޮލަށް ނިދި ސަވާރުވީ ވެސް އެހާލުގައި ވަނިކޮށެވެ. ވެހެމުން ދިޔަ ވާރޭގެ އަޑުން ނިދީގެ ތެރެއަށް ފީނަން އޭނައަށް ފަސޭހަ ވިއެވެ. ބުރަހެލިކަން ވެރިވެފައިވި ސިކުނޑިއަށް ވާރޭގެ އަޑުން ލުޔެއް ހޯދައި ދިނެވެ. ރަނގަޅަށް އަސަލްއަށް ނުނިދޭތާ މަސްދުވަސް ވެއްޖެއެވެ. ނިދުނަސް ހަށިގަނޑަށް އަރާމެއް ނުލިބެއެވެ. ވަރުބަލިކަން ވަނީ އިތުރެވެ. ނިދިން ހޭލެވޭ އިރުގައި ހުންނާނީ ބޮލުގައި ރިއްސާފައެވެ. ނޫނީ ގައިގައި ރިއްސާލާފައެވެ.
*****
ފޯނުގެ އެލާމާއެކު އަސަލްއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. ގެނެވުނު ހަރަކާތަކުން ސޯފާއިން ބޭރަށް ގޮސްފައިވި ހަށިގަނޑު ބެލެންސްނުކުރެވި އޭނަ ވެއްޓުނީ ބިންމަތީ އަޅާފައި އޮތް ރަގު މައްޗަށެވެ. ވެއްޓި ފުރަތަމަ ޖެހުނީ އުޅަނބޮއްޓެވެ. ހީވީ ހަށިގަނޑަށް ކަރަންޓު އެރިހެންނެވެ. ވޭނީ އާހެއްގެ އަޑު އަސަލްގެ ދުލުން ނިކުތެވެ. ނިދިބަރުވެފައިވި ދެލޯ ހުޅުވަމުން އުޅަނބޮށީގައި ފިރުމާލިއެވެ. އޭރު ވެސް ހުއްޓާލުމެއް ނެތި ވެހެމުންދާ ވާރޭގެ އަޑު އިވެއެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަލާފައިވުމުން ފެންނަނީ ނިކަން އަނދިރިކޮށެވެ. އިރުގެ އަލިކަން ނުލިބޭތީ ވަގުތު އަންދާޒާކޮށްލުންވީ އުނދަގޫ ކަމަކަށެވެ.
ރިންގުވަމުންދާ ފޯނު އަސަލްއަށް ފެނުނީ ކުޝަން ދަށުންނެވެ. އެލާމް ކަނޑާލައި ގަޑިން ވީއިރެއް ބަަލައިލެވުނެވެ. ހެނދުނު ހަޔެއް ޖެހީއެވެ. އަސަލްއަށް ލިބުނީ ސިހުމެވެ. ފަތިސް ނަމާދަށް ހޭނުލެވުނީތީ އެކަމުގެ މާޔޫސްކަން މޫނުން ފެނުނެވެ. ކޮޅަށް ތެދުވާން އުޅުމުން ފަޔަށް އަރާފައި ހުރި އައްސިގަނޑު އިހުސާސް ވިއެވެ. ސޯފަގައި ބުޑު ޖައްސާލަމުން އަސަލްއަށް ފައި ހަރަކާތްކޮށްލެވުނެވެ. ދިގު އިސްކޮޅު ސޯފާއަށް ކުރުގަޅުވަން ހަދައިގެން ނުރިހޭ އެންމެ ތަނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކަނދުރާއަށް ނާރެއް އަރާފައި ހުރިހެން ވެސް ހީވިއެވެ.
އައްސި ފިލުމާއެކު އަސަލް ކޮޅަށް ތެދުވެ، ފާޑަކަށް ކޮރު ޖަހަމުން ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލިއެވެ. ދޮރު ތަޅުލާފައި ހުރުމުން އަސަލް ދޮރުގައި ބާރަށް ޓަކި ދިނެވެ. އޮފީހަށް ދާން ޖެހޭ ގަޑި ކައިރިވާތީ ދޮރު ހުޅުވުމަށް ޤައިލާގެ ގާތުގައި ބުންޏެވެ.
ޤައިލާ ދޮރުހުޅުވީ ފަސް މިނެޓް ވަންދެން އަސަލް ދޮރުގައި ޓަކި ދިން ފަހުންނެވެ. އަސަލް ހުރީ ރުޅި އައިސްފައެވެ. އަސަލްއާއި ކުރިމަތިލި ޤައިލާ ވެސް ހަމަ އެހާލެވެ. ހޭވިފައި ހުރި ބުޅި އިސްތަށިގަނޑާއި، ރަތްކަން އެކުލެވިގެންވި ދެލޮލުން އަސަލްއަށް ޤައިލާ ބަލައިލީ ނަފުރަތާއެކުގައެވެ. އޭނަ ނިދިން ހޭލަންޖެހުމުން އަސަލް ކުށްވެރިކުރާ ކަހަލައެވެ. ޤައިލާ ހުރީ ރޭގައި ލައިގެން އުޅުނު ބާތްރޯބްގައެވެ. އޭގެ ވާގަނޑު ސޮހި ހަށިގަނޑުގެ ވަނާތައް ފެނެއެވެ. އަސަލްެއަށް ފުސް މޫނު ދައްކާފައި ޤައިލާ ފުރަގަސްދިނެވެ.
''ނިދޭ ވަރެއް ނޫނޭ...'' ކުދިކިއަމުން ޤައިލާ އެނދަށް ވެއްޓިގަތެވެ.
''ދަރޮ ތަޅުނުލިނަމަ ހޭލާކަށް ނުޖެހުނީހެއްނު!...'' އަސަލް ނުރުހުމާއެކު ބުންޏެވެ. ފާޚާނާއަށް ވަންނަން އަސަލް ހިނގައިގަތެވެ. އޭގެ ކުރިން މޫނުގައި ބާލިސް އަޅައިގެން އޮތް ޤައިލާއަށް އޭނަ ބަލައިލިއެވެ.
''އޮފީހަށް ނުދަނީތަ؟...'' އަސަލް ސުވާލުކޮށްލިއެވެ.
''އަސަލްއަށް ކީއް؟...'' މޫނުގައި ބާލީސް އަޅަމުން ޤައިލާ ބުނެލިއެވެ. އެއީ ޤައިލާގެ އާދައެވެ. ވަޒީފާއަށް ނިކުންނަ ދުވަހަށް ވުރެން ގިނައީ ސަލާމުގައި ހުންނަ ދުވަސްތަކެވެ. ކުރިން ވަޒީފާ އަދާކުރި އޮފީހުން ކަނޑާލީ ވެސް ހާޒިރީއަށް ސަމާލުކަން ނުދޭތީއެވެ. މަސައްކަތަށް ފަރުވާކުޑަކަމުންނެވެ. މިހާރު ހުރި ވަޒީފާއަކީ ރައްޓެއްސެއްގެ ނުފޫޒުން ލިބިފައި ހުރި ވަޒީފާއެކެވެ. ހުޅުމާލޭގައި ދާދި ފަހުން ހުޅުވި ލަގްޒަރީ ހޮޓެލެއްގެ މާކެޓިންގް މެނޭޖަރަކަށް އުޅުނަސް ޤާބިލުކަމާއި ހަރުދަނާކަމެއް ނެތެވެ.
ފާޚާނާއަށް ވަންނަމުން އަސަލްއަށް ދޮރު ލައްޕާލެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ޤައިލާ ފަތިވަރު އަމުނައިގަތެވެ. އޭނައަށް ޖެއްސުންކުރަނީއޭ ބުނެ ހަޅޭއްލަވައިގަތެވެ.
*****
ހޫނު ފެނުން ފެންވަރާލުމުން ވާން އަރާފައި ހުރި ހަށިގަނޑުގެ މަސްތަކަށް ރާހަތެއް ލިބުނެވެ. ހަށިފުރާ ފުން ނޭވާއެއް އަސަލްއަށް ދޫކޮށްލެވުނެވެ. ފެންވަރާލައިގެން ނިކުމެ އަސަލް އަތްމަތި އަވަސްކޮށްލިއެވެ. ހުދުކުލައިގެ ގަމީހާއި، ގަދަ ނޫކުލައިގެ ފަޓުލޫނާއި ގުޅުވައިގެން އަސަލް ނެގީ ނޫކުލައަށްދާ ޓައި އެކެވެ. ރަސްމީ ހެދުމުގައި އަސަލް ފެންނައިރު ކުރިއަށް ވުރެން ފިރިހެންވަންތަވެފައި ސްމާޓްކަމަށް ދައްކައެވެ. ރީތިވާ މޭޒުގެ ކުރިމައްޗަށް ހުއްޓިލަމުން އިސްތަށިގަނޑުގައި ޖެލް ހާކާލައި ސްޓައިލް ކޮށްލިއެވެ. ސެންޓު ޖަހާލަމުން ރީތިވާ މޭޒުގެ ސްޓޭންޑް މަތީ ޗާޖަށް ޖަހާފައި އޮތް އެޕަލް ވޮޗް އަލްޓްރާ ނަގައި އަތުކުރީ އަޅުވައިފިއެވެ.
ކޮޓަރިން ނިކުތުމުގެ ކުރިން އޮފީހަށް ގެންދާ ބެކެޕެކް ހުޅުވާލައި މެކްބުކާއި، އައިޕެޑާއި އެނޫންވެސް ސަމާސު ހަމައަށް ހުރިތޯ ޔަޤީންކޮށްލިއެވެ. ބެކްޕެކްގެ ޒިބު އަޅުވާލަމުން އެނދުގައި އޮތް ޤައިލާއަށް އަސަލް އަވަސް ނަޒަރެއް ދިނެވެ. ބާލީސް އެއްފަރާތްކޮށްލައިގެން ޤައިލާ އޮތީ ފޯނާ ކުޅޭށެވެ. ނިދި ހަރާބުވީތީ ރުޅީގެ އަސަރު ފިލައިގެން ނުދެއެވެ.
''ހަވީރު އެއާޕޯޓަށް ދާނަންތަ؟...'' ޤައިލާއާއި އަސަލް ވާހަކަދެއްކީ ކޮޓަރިން ނިކުންނަން ދަމުންނެވެ.
''ނުދާނަން!...'' އަސަލްއަށް ބަލައިލުމެއް ނެތި ޤައިލާ ބުންޏެވެ. އަސަލް ވާހަކަ ދިގު ކުރާކަށް ނޫޅުނެވެ. އޭނަ ކޮޓަރިން ނިކުތީއެވެ. އޮފީހަށް ދިއުމުގެ ކުރިން ކުޑަ ގޮތެއް ހަދާލަން އަލަމާރިން ނެގި ޕާން ބުރިން ދެ ފޮތި ޓޯސްޓަރަށް ލިއެވެ. ބިސްގަނޑު ހަދަން އުޅެފައި ވަސް ހިފާފާނެތީ އޭނަ ކައިރިވެލީ ކޮފީ މެޝިނާއެވެ.
ސައިތައްޔާރުކޮށްގެން އެކަނިމާއެކަނި އިނދެ އަސަލް ސައިބޮއެ ނިންމާލިއެވެ. ތަށިތައް ދޮވެލައި ހުންނަން ޖެހޭ ތަނުގައި ބަހައްޓާފައި ނިކުންނަން ހިނގައިގަތެވެ. ކޮފީއާއެކު ހަށިގަނޑަށް އާރޯކަން ލިބުނަސް އަސަލްގެ މޫނުމަތިން ތާޒާކަމެއް ނުފެނެއެވެ. ދިރިއުޅުމާ މެދު މުޅިން ފޫހިވެފައިވާ ކަހަލައެވެ. މަންމަ އަންނާތީ އެއިހުސާސްތައް ސިއްރުކުރަން ވަނީ ޖެހިފައެވެ. ކައިވެނީގައި ލާފައި ހުރި ރެނދުތައް މަންމައަށް ސިއްރުކުރެވިދާނެ ހެއްޔެވެ؟
އެޕާޓްމެންޓުން ނިކުމެ ލިފްޓާއި ދިމާއަށް ހިނގައިގަތް އަސަލްއަށް މިހާރުއްސުރެން ދުވަހުގެ ވަރުބަލިކަން އިހުސާސްކުރެވޭ ކަހަލައެވެ. އެކަމުގެ ތެރެއިން އޭނައަށް ކުރިއަށް ދެވުނީ ދުވަސްތަކަކަށް ފަހު މައިހާއާއި ބައްދަލުވާނެ ކަމުގެ އުއްމީދާއެކުގައެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހީނަރުވެފައިވި އެކުވެރިކަމުގެ ގުޅުން އާރާސްތުކުރަން އަސަލް ބޭނުމެވެ.
މައިހާގެ ސޫރަ އަސަލްއަށް ތަސްވީރުކުރެވުނީ ލިފްޓުގައި ހުއްޓާއެވެ. އެއާއެކު މިލައިގެން ގޮސްފައިވި ތުންފަތުގައި ލުއި ހިނިތުންވުންވުމެއް ދުވެލިއެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
މައިހާ މާގުޅޭކަންނޭނގެ އަސަލްއާ ހެހެ ރީތިމިބައިވެސް
ފާތު - 1 އަހަރު ކުރިން