ދީނީ ހޭލުންތެރިކަން އިތުރުކޮށް އިޖުތިމާއީގޮތުން ހަރަކާތްތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ "މަންފާ" އިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޅިވަރު ފެސްޓިވަލެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި މި ފެސްޓިވަލަކީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ފެސްޓިވަލެކެވެ.

ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިމަނައިގެން ބޭއްވި މި ފެސްޓިވަލުގައި ކުޑަކުދިން ޝައުގުވެރިވާ ބައެއް ހަރަކާތްތަކުގެ ތެރެއިން، ފޭސްޕެއިންޓިން، ރިންގްޓޮސް، ޖަމްޕް އެންޑް ޕްލޭ، ރޭސިން ކާސް ޑެމޯ، ޕޮލިސް ކިޑްސް ޝޯ، ހީނާ، އެރޭންޖިން ކަލާ ބޯލްސް، މޭކިންގް އީދު ކާޑްސް ހިމެނެއެވެ.

މީގެ އިތުރުން "ރަމީޒު ބެއާއެކު" މި ނަމުގައި އިބްރާހީމް ރަމީޒާއި ކުޑަކުދިންގެ ހާއްސަ ސްޓޭޖް ހަރަކާތްތަކެއްވެސް ކުރިއަށްދިޔައެވެ.

މި ފެސްޓިވަލަށް ކުޑަކުދިން ގޮވައިގެން އެތައްހާސް ބަޔަކު ޒިޔާރަތްކުރިއެވެ.

"މި ފެސްޓިވަލަކީ އިސްލާމީ އަހުލާގުގެ ތެރެއިން އީދު ފާހަގަކުރުމުގެ ފުރުސަތުދީ އެކަމަށް ޝައުގުވެރި ކުރުވުމަށް ބޭއްވި ހަރަކާތެއް. މިއީ މަންފާގެ މިފަދަ ފުރަތަމަ އިވެންޓު، ނަަމަވެސް މިއީ ވަރަށް ކާމިޔާބު އިވެންޓެއް. އަލްހަމްދު ލިއްލާހި، މި ފެސްޓިވަލް މިހާ ކާމިޔާބުވާނެކަމަށް ކުރިން ހިޔެއް ނުކުރަން. އަޅުގަނޑުމެން ހެދި ހާއްސަ 1000 ހަދިޔާ މާބޮޑަށްވެސް މަދުވެގެން ދިޔައީ. ލަފާކުރި ވަރަށްވުރެ މާގިނަ ކުދިން އައި. އިއްޔެ އަޅުގަނޑުމެންނަށް ހާމަވެގެންދިޔައީ އިސްލާމީ އަހުލާގުގެ ތެރެއިންވެސް ކުދިން އުފާވާގޮތަށް އަދި ކުދިންނަށް މަޖާވާ ގޮތަށް އީދު ފާހަގަކުރެވިދާނެކަން. މި ކާމިޔާބު އިވެންޓަށްފަހު މިހާރު އަނެއްކާވެސް ކުޑަކުދިންގެ އިވެންޓެއް ރާވަމުން މިދަނީ،" މަންފާގެ ރައީސް އަލީ ރަމީޒް ވިދާޅުވިއެވެ.

ފިތުރު އީދު ފާހަގަކުރުމަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި މަންފާގެ ފަރާތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން---ފޮޓޯ: މަންފާ

މި ފެސްޓިވަލް ބޭއްވުމުގައި އެހީތެރިވި ފަރާތްތައް ކަމަށްވާ، އެޗްޑީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ޑްރިފްޓް އެސޯސިއޭޝަނާއި އުކުޅަސްހޯޕްގެ އިތުރުން ހިދުމަތް ޖަމިއްޔާއަށް އަލީ ރަމީޒު ޝުކުރު އަދާކުރެއްވިއެވެ.

މަންފާ އަކީ އަލީ ރަމީޒު އިސްވެ ހުންނަވައިގެން އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމް ދީނުގެ އިލްމާއި އަހުލާގު ފަތުރައި، އިޖުތިމާއީ ގޮތުން ހަރަކާތްތެރިވުން ހިމެނެއެވެ.

ޖަމިއްޔާ އުފެދިގެން މިވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި، ދީނީ އިލްމުވެރިންގެ ދަރުސްތައް ބޭއްވުމުގެ އިތުރުން އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.