ފިތުރު އީދު ފާހަގަކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ "އީދު ހަވީރު 1446" މިއަދާއި މާދަމާ ވެސް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ "އީދު ހަވީރު"ގެ ހަރަކާތްތައް މިއަދާއި މާދަމާ ވެސް ހަވީރު 4:00 އިން 6:00 އަށް ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

30 މާޗް 2025، މާލެ، އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބޭއްވި "އީދު ހަވީރު 1446"ގެ ތެރެއިން: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ބޭއްވި އީދުގެ ހާއްސަކަން ގެނުވި އެ ހަވީރުގައި ގިނަ އާއިލާތަކެއް ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވެ، ގިނަ ކުދިންތަކެއް ހަރަކާތްތަކުގައި ބައިވެރިވި -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މާލެ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައި "އީދު ހަވީރު"ގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ފުރަތަމަ ހަމަޖެހިފައިވަނީ ހަމައެކަނި ފިތުރު އީދު ދުވަހެވެ.

ސިފައިންނާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތްތަކަށް އިއްޔެ ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. ގިނަ އާއިލާތަކެއް ބައިވެރިވި އެ ހަވީރުގައި އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އާއިލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްއާއި އެ މަނިކުފާނުގެ އާއިލާއިން ވަނީ "އީދު ހަވީރު" ގައި ސަރުކާރުގެ އެކި ކުންފުނިތަކުން އިސް ނަގައިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލައްވައިފައެވެ. ސްޓޯލްތައް ބެއްލެވުމަށްފަހު ރައީސް ވަނީ އިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، އީދު ހަވީރަށް ތައްޔާރުކޮށްފައިވާ ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ދިޔަ ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ބައިވެރިވެވަޑައިގެންފައެވެ.

30 މާޗް 2025، މާލެ، އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބޭއްވި "އީދު ހަވީރު 1446"ގެ ތެރެއިން: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ބޭއްވި އީދުގެ ހާއްސަކަން ގެނުވި އެ ހަވީރުގައި ގިނަ އާއިލާތަކެއް ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވެ، ގިނަ ކުދިންތަކެއް ހަރަކާތްތަކުގައި ބައިވެރިވި -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"އީދު ހަވީރު"ގައި ކުޑަކުދިންނަށް ސިފައިންނާއި ފުލުހުންގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔަ އިރު، އެމްޓީސީސީން ގެނެސްދީފައިވަނީ ސަގާފީ އީދެކެވެ.

އެމްޓީސީސީން ބަހައްޓާފައިވާ "އެމްޓީސީސީ އީދު ކޯޑި" ސްޓޯލްއަކީ ދިވެހި ސަގާފީ ތީމަކަށް ފަރުމާކޮށްފައިވާ އެވޭލާ ޒަމާނުއްސުރެ ދިވެހިން އީދު ފާހަގަކުރުމުން އައި ބައެއް ކަންކަމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސްޓޯލެކެވެ. އެ ސްޓޯލް ހުންނާނީ އިއްޒުއްދީން ފާލަމާއި، އެމްއެމްއޭއާ ދެމެދު އޮންނަ ޖާގައިގައެވެ.

"އެމްޓީސީސީ އީދު ކޯޑި" ސްޓޯލްގައި މައިގަނޑު ފަސް ހަރަކާތެއް ކުރިއަށްގެންދިޔައެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ކޯޑި، ބޮޑުމަސް، ބޮޑުބެރު، ކުޑަކުދިންނަށް ފަނުން ކުޅޭ އެއްޗެހި ވިޔަން ދަސްކޮށްދިނުން ހިމެނުނެވެ. އޭގެ އިތުރުން ޖުމްހޫރީ ފައުންޓެއިން ކައިރީ ކުޑަކުދިންނަށް އަރައި ފޭބޭ ކަހަލަ ވޯޓާ ސްލައިޑެއް ވެސް ވަނީ ބަހައްޓައިފައެވެ.