އެމްއެންޑީއެފުން އިންތިޒާމްކޮށްގެން މިއަދު ހަވީރު ބޭއްވި "އީދު ހަވީރު 1446" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އާއިލާ ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ސަލްޓަން ޕާކުގައި ބޭއްވި "އީދު ހަވީރު 1446" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނުގެ އިސްތިގުބާލުގައި ސަންގު ފުމެފައިވާ ކަމަށެވެ.

އެއަށްފަހު ރައީސްއާއި އެ މަނިކުފާނުގެ އާއިލާއިން ވަނީ "އީދު ހަވީރު 1446" ގައި ސަރުކާރުގެ އެކި ކުންފުނިތަކުން އިސް ނަގައިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސްޓޯލްތައް ބެއްލެވުމަށްފަހު ރައީސް ވަނީ އިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، އީދު ހަވީރަށް ތައްޔާރުކޮށްފައިވާ ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ދިޔަ ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ބައިވެރިވެވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިހުތިފާލުކުރުމުގެ ސަބަބުން ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށް ބާރު އެޅިގެންދާނެ ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ.