އީދު ދުވަހު އިސްރާއީލުން ގާޒާއަށް ބޮން އަޅައި 22 މީހުން ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި އިއްޔެ އީދު ފާހަގަކުރުމަށް ތިބި ބައެއްގެ ތެރެއަށް ބޮން އަޅާފައިވާ އިރު، ރުވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުން ދިން އެ ހަމަލާ އަމާޒުކޮށްފައިވަނީ ހާސް ޔޫނިސްގައި އާންމުން ދިރިއުޅޭ ކޭމްޕަކަށެވެ. އަދި ގާޒާގައި އީދު ފާހަގަކުރުމަށްވެސް އިސްރާއީލުން ވަނީ ހުރަސް އަޅައިފައެވެ.

އެ ހަމަލާގައި ފަލަސްތީނުގެ 20 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

އިސްރާއީލުން ދިން ހަމަލާ އަމާޒުވި ސަރަހައްދުގެ ވީޑިއޯއިން ފެންނަ ގޮތުން ޝަހީދުވީ މީހުން ތިބީ އީދު ހެދުމުގައެވެ.

އީދު ދުވަހު ދިން ހަމަލާއަށްފަހު އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ މިލިޓަރީން މިހާރު އިތުރު މަރުހަލާއަކަށް ޖެހިފައިވާ ކަމަށެވެ.

ހަމާސް އިން ހައްޔަރުކޮށްފައިވާ އަސީރުން ދޫކޮށްލުމަށް ހަމާސްއަށް ޕްރެޝަރު ކުރެވެމުންދާ ކަމަށާއި އެކަމުގެ ސަބަބުން އަސީރުން ދޫކޮށްލުމަށް ފުރުސަތު މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.