ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުގެ ހާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި އެ އޮފާގެ ދަށުން، ދިރާގު ކަސްޓަމަރުންނަށް އީދު ހަދިޔާގެ ގޮތުގައި އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް 12 މަސް ދުވަހުގެ މުއްދަތަށް 1ޖީބީ ޑޭޓާ ކޮންމެ މަހަކު ހިލޭ ލިބޭގޮތަށް ފޮނުވާލެވޭނެއެވެ. އެއީ ދިރާގު ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭ އޮފާއެކެވެ.

އެކަމާ ބެހޭގޮތުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އީދުގެ އުފާވެރި މުނާސަބަތުގައި ތައާރަފުކުރި އޮފާ މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންގެ އާއިލާއާއި ރަހުމަތްތެރިންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދީ، އީދުގެ އުފަލުގައި އެންމެން ބައިވެރިކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެއްބައިވަންތަ މުޖުތަމައުއެއް ބިނާކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް މިއަދުން ފެށިގެން މި ފެށޭ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެ އޮފާގެ ދަށުން ދިރާގުއެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނެ ކަމަށާއި އަދި ކޮންމެ މަހަކު ލިބޭ 1ޖީބީ ޑޭޓާ ފަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށެވެ.

އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.