އީދު ދުވަހު އަހަރެމެންގެ އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންގެ މަތީން އަހަރެމެން ހަނދާންކުރާން ޖެހޭ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ފިތުރު އީދު ހުތުބާގައި ބުނީ އިސްލާމް ދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށް ކަމަށާއި އަނިޔާވެރިޔާއާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެ ކަމަށެވެ. އަދި ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެން ކަމަށް ހުތުބާގައި ބުންޏެވެ.

30 މާޗް 2025، ހުޅުމާލެ، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"މިއަދަކީ އީދު ދުވަހެވެ. އީދު ދުވަހު އަހަރެމެންގެ އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެއެވެ. މިއަދު އަހަރެމެން އީދުގެ އުފާފާޅުކުރަމުންދާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންގެ މަތީން އަހަރެމެން ހަނދާންކުރާން ޖެހެއެވެ. އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުއާކުރާން ޖެހެއެވެ. ހަމައެހެންމެ، އަހަރެމެންގެ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތައިލާންވީއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އީދު ދުވަހު އުފާފާޅުކުރަންވީ ހަމައެކަނި ތަނަވަސް މީހުން އެކަނި ނޫން ކަމަށާއި ތަނަވަސްކަމުގެ އަހުލުވެރީން، އެ ދުވަހުގައި އުފާފާޅުކުރަންވީ ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، އީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެން ކަމަށެވެ. އަދި ފިތުރު އީދު ދުވަހު، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވައިފައިވަނީ، އޭގެ ސަބަބުން ފަގީރުންނަށް އީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީ ކަމަށް ހުތުބާގައި ބުންޏެވެ.

30 މާޗް 2025، ހުޅުމާލެ، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"އިިސްލާމީ އީދުތަކަކީ، ޒީނަތްތެރިވުމުގެ މުނާސަބަތުތަކެކެވެ. މިހެންވެ، އީދު ދުވަހު ހިނައިގަތުމާއި، އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން، ސުންނަތްވެގެން ވެއެވެ. އަދި ހުވަނދުލުމާއި، މީރު ވަސް ދުވާ އެއްޗެހީގެ ބޭނުންކުރުމަކީ، އިސްލާމީ ރިވެތި އަދަބެކެވެ..،" ހުތުބާގައި ބުންޏެވެ.

އީދު ހުތުބާގައި އިތުރަށް ބުނީ މިއަދު އީދު ނަމާދަށްޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައިވަންތަކަން ކަމަށާއި ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަގީރުންނާއި މުއްސަނދީންގެ މެދުގައި، އޮތް ކުލުނުވެރިކަމާއި ލޯބި ކަމަށެވެ. އަދި މިއަދު ހުރިހާ ރުޅިވެރިކަމަކާއި، ހަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ.