އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތޯބުގައި ވިދާޅުވީ އީދުގެ މަގުސަދުތަކުގެ ތެރޭގައި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަހުވަންތަކަން ދިރުވައި، ސަދަގާތާއި ހަދިޔާއާއި އިހުލާސްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުން ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދާށެވެ. އަޅުގަނޑުމެން ބަލަންވީ އީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދާށެވެ. އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށްވުމެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް އީދު ދުވަސް ވުން މުހިންމެވެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހާ އަމަލުތަކެއް ބަހައްޓަންވާނެ ކަމަށެވެ. އަދި ސަރުކާރުން ވެސް މަސައްކަތްކުރާނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އީދުގެ އުފާ ފާޅުކުރަމުން ދާއިރު ގާޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ގާޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮދުއާތައް ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނާއެކު އަބަދުވެސް ދަމަހައްޓަންވާނެ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު