އަމިއްލަ އަށް ރަމަޟާން މަހާއި ފިތުރު އީދު އިއުލާން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ ފިތުރު އީދު ވާނެ ދުވަހަކާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމްއެންޔޫގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ތަފާތު ހިޔާލު ފާޅުކުރައްވާފައި ވަނިކޮށެވެ.
މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު އިސްލާމިކް މިނިސްޓްރީ މީޑިއާ ގްރޫޕުގައި ވިދާޅުވީ ތަރިރުހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"ނަމަވެސް މިކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރު ނުކުރާގޮތަށް. ހާއްސަކޮށް ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަހްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކުއުފެދޭގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް،" ޝަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުއީ ހަމަތަކާއި ރާއްޖޭގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.
"އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިއުލާންކުރުމާއި އީދު އިއުލާންކުރުމަކީ މަސްލަަހަތު ގެއްލިދާނެކަމެއް. ވީމާ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން." އޭނާ ވިދާޅުވިއެވެ.
ފަލަކީ އިލްމުގައި ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ރައީސް މައުމޫން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށެވެ.
މައުމޫން ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ގުޅޭ ގޮތުން ލިޔުމެއް ލިޔުއްވައިފައެވެ. އެ ލިޔުމުގައި މައުމޫން ވިދާޅުވީ ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށެވެ. އެހެންކަމުން މާދަމާ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެއެވެ.
"މާޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ވެސް 29 ވަނަ ދުވަހެވެ. އެ ދުވަހު ދިވެހިރާއްޖެ އަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގަ އެވެ. ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގަ އެވެ،" މައުމޫން ވިދާޅުވިއެވެ.
މައުމޫން މިގޮތަށް ވިދާޅުވެފައިވާ އިރު، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވަނީ މާދަމާ އީދަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަކީ ހިސާބުތަކަށް ބަލާއިރު އީދަށް ވާނީ ހޯމަ ދުވަސް ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު