އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރިޔަށްގެންދިޔަ ގެންދިޔަ މުޒާހަރާއަކަށް ފަހު އެ ރޭ ދަންވަރު އޭނާ ގެއަށް ދިޔަ މަގުމަތީގައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް، 20އ. ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނަގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމާއި އިންޒާރު ދިނުމުގެ ތުހުމަތެވެ.

އޭނަ އަކީ ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ރޭވުމުގައި އުޅޭ ކަމަށް ފުލުހުން ކުރި ތުހުމަތުތަކަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ވެސް ހައްޔަރުކުރި މީހެކެވެ.