ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު، މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ބަދަލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް އެމްއެންޑީއެފުން ފަށައިފިއެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައިފައެވެ.

މާލޭގައި ހުރި ތެލަސީމިއާ ސެންޓަރު ބާވެ، އެ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއެކު ރައީސް މުއިއްޒު ވަނީ އޮރެންޖު ހިޔާ ތަރައްގީކޮށް އެތަނަށް އެ ސެންޓަރު ބަދަލުކުރަން ވެރިކަމުގެ ވަރަށް ކުރީކޮޅު ނިންމަވައިފައެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާތީ ރައީސް ވަނީ، މަސް ދުވަސް ތެރޭގައި އެ ސެންޓަރު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުފައިވާ ގޮތުގައި އޮރެންޖު ހިޔާ ނިންމަން އެމްއެންޑީއެފާ ހަވާލުކުރީ މަސައްކަތް އަވަސްކުރުމަށެވެ. އަދި އެމްއެންޑީއެފުން އެކަން ކުރަނީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފުން އޮރެންޖު ހިޔާ ނިންމުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު، އެމްއެންޑީއެފުން ވަނީ އެ މަސައްކަތް އަންނަ މަހުގެ 25ގެ ކުރިން ނިންމުމަށް އަމާޒު ހިފައިފައެވެ.

އޮރެންޖު ހިޔާއަކީ ކޮވިޑް-19 ގެ ދުވަސްވަރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.