ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، އެ ގައުމުގެ ނޫހަކުން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

ސްރީލަންކާގެ "ސްރީލަންކާ ގާޑިއަން" ނޫހުން އިއްޔެ އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނީ، 2019ގެ ނިޔަލަށް އެ ގައުމުގައި 8،000 އެއްހާ ދިވެހިން ދިރިއުޅުނު އިރު، އެ އަދަދު މިހާރު ހުރީ 1،280 ގައި ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި ލަންކާ ދޫކޮށް އެންމެ ގިނަ ދިވެހިން ބަދަލުވެފައިވަނީ އިންޑިއާ އާއި މެލޭޝިއާއަށެވެ. ރިޕޯޓުގައިވާ ގޮތުން ލަންކާއިން ދިވެހިން މަދުވި މައިގަނޑު ސަބަބަކީ، ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކެވެ.

މީގެ ކުރިން އަހަރަކު، އެތައް ފަހަރަކު އެތެރެވެވޭ ގޮތަށް ލަންކާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބުން ނަމަވެސް ލަންކާ ސަރުކާރުން ވަނީ އެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފައެވެ.

މީގެ އިތުރުން ލަންކާއަށް 2019 ވަނަ އަހަރު ދީފައިވާ ޓެރަރިސްޓު ހަމަލާއާ ގުޅިގެންވެސް ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.