ސަލްމާން ޚާންގެ 2015 ވަނަ އަހަރުގެ ބްލޮކްބަސްޓާ ފިލްމު "ބަޖްރަންގީ ބައިޖާން" ގެ ސީކުއަލެއް އަންނަން އޮތްކަން އޭނާ ކަށަވަރުކޮށްދީފިއެވެ.

ސަލްމާންގެ އަންނަން އޮތް ފިލްމު "ސިކަންދަރު"ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާ ވަނީ އެ ސީކުއަލްގައި ހިމެނޭ ބަދަލަކަށް އިޝާރާތްކޮށްފައެވެ. އެއީ ހަރުޝާލީ މަލްހޯތްރާ ކުޅުނު މުންނީގެ ދައުރަށް މިހާރު ވާހަކަދެއްކޭނެ ކަމެވެ. އަދި އިތުރަށް އޭނާ ވަނީ ފިލްމު ހަދާ މީހާ، ކަބީރު ޚާން މިހާރުވެސް އެ ފިލްމުގެ ސްކްރިޕްޓް ލިޔަމުންދާކަން ފާހަގަކޮށްފައެވެ.

2015 ވަނަ އަހަރު ނެރުނު "ބަޖްރަންގީ ބައިޖާން" އަކީ ފާޑުކިޔުންތެރިންނާއި ވިޔަފާރީގެ ގޮތުން ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ކަބީރު ޚާން ޑައިރެކްޓްކޮށް، ވީ. ވިޖަޔެންދްރަ ޕްރަސާދު ލިޔުނު އެ ފިލްމުގައި ދައްކަނީ ހަނުމާންގެ އަޅުވެރިއެއް ކަމުގައިވާ ޕަވަން ކުމާރު ޗަތުރުވޭދީ، ޕާކިސްތާނުން ގެއްލިފައިވާ ވާހަކަ ނުދެއްކޭ އަންހެން ކުއްޖަކު އޭނާގެ އާއިލާއާ އެއްކޮށްދިނުމަށް ކުރާ ޖަޒުބާތީ ދަތުރުގެ ވާހަކައެވެ. ކަރީނާ ކަޕޫރު ޚާނާއި ނަވާޒުއްދީން ސިއްދީގީ ވެސް ބައިވެރިވި އެ ފިލްމުން މުޅި ދުނިޔޭގައި 900 ކްރޯޑު ރުޕީސްއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހޯދިއެވެ.

"ބަޖްރަންގީ ބައިޖާން 2" ގެ ކުރިން، ސަލްމާން ޚާން ފެނިގެންދާނީ "ސިކަންދަރު" ގައެވެ. އެއީ މިއަހަރުގެ އީދުގައި ނެރުމަށް ހަމަޖެހިފައިވާ އެކްޝަން ފުރިހަމަ މުނިފޫހިފިލުވުމުގެ ފިލްމެކެވެ. އޭ.އާރު. މުރުގަދާސް ޑައިރެކްޓްކޮށް، ސާޖިދު ނަދިއާދްވާލާ ޕްރޮޑިއުސްކުރާ އެ ފިލްމުގައި ރަޝްމިކާ މަންދަންނާގެ އިތުރުން، ކަޖަލް އަގަރުވާލް، ޕްރަތީކް ބާބަރު، ސަތްޔަރާޖު އަދި ޝަރުމަން ޖޯޝީ ފަދަ ގިނަ ތަރިން ބައިވެރިވެއެވެ. މިމަހުގެ 30 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ސިކަންދަރު" އިން މަތީ ފެންވަރުގެ އެކްޝަނާއި ޑްރާމާ ފެނިގެންދާނެއެވެ.