މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފެށުމަށް ޒަކާތު ހައުސް އިން ނިންމައިފިއެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. އަދި އެ މަސައްކަތް އިއްޔެގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
ޒަކާތު ހައުސް އިން ބުނީ ޒަކާތް ބެހުމުގެ މަސައްކަތް މިއަދާއި މާދަމާ ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ގޮވާމުން ޒަކާތް ބެހުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:30 އަށް، އަދި ރޭގަނޑު 9:30 އިން 11:00 އަށެވެ.
މާދަމާ ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު 1:00 އިން 3:00 އަދި ހަވީރު 4:00 އިން 5:00 އަށެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ އިރު، އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އިއްޔެ ހެނދުނު 6:00 ގައި ވަނީ ހަމަވެފައެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސިން އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިންކޮށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 7,632,214.03 (7.6 މިލިއަން) ރުފިޔާ ވަނީ ލިބިފައެވެ.
އެއީ ފުރަތަމަ 10 ދުވަހު ލިބުނު 2،913،839.61 (2.9 މިލިއަން) ރުފިޔާ އާއި މެދު 10 ގައި ލިބުނު 4،718.372.42 (4.7 މިލިއަން) ރުފިޔާއާ އެކުއެވެ. މެދު 10 ގައި ލިބުނު އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ތިން މިލިއަން ރުފިޔާއަށްވުރެ 1.7 މިލިއަން އިތުރު އަދަދެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިއަހަރު ފިތުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިއާ ލިބިފައިވާ ކަމަށެވެ.
ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު