ތުރުކީގައި ކުރަމުން އަންނަ މުޒާހަރާތަކުން 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ތުރުކީގެ މައި އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ އެއް ލީޑަރު އަދި އިސްތަންބުލްގެ މޭޔަރުގެ މަގާމުގައި ހުންނެވި އެކްރެމް އިމަމޮގުލޫ ހައްޔަރުކުރުމާ ގުޅިގެން ތުރުކީގައި ކުރަމުންދާ މުޒާހަރާތަށް ހޫނުވެ މިހާތަނަށް 1،133 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔާލިކަޔާ އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ 1،133 މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 އާއި 23 ވަނަ ދުވަހާ ދެމެދު ކަމަށާއި އެމީހުން ވަނީ ގާނޫނާ ހިލާފު އަމަލުތައް ހިންގާފައި ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެގައުމުގައި ހަރަކާތްތެރިވާ 12 ޓެރަރިސްޓު ޖަމާއަތާ ގުޅިފައިވާ މީހުން ކަމަށް އަލީ ޔާލިކަޔާ ވިދާޅުވެފައިވެއެވެ.

މުޒާހަރާތަަކުގައި ހިންގަމުންގެންދާ ހަމަނުޖެހުން ތަކުގައި 120 ފުލުހުންނަށް އަނިޔާވެފައިވާ ކަމަށާއި އެ ފުލުހުންނަށް އެސިޑާއި ގަލާއި ވެލީގެ އިތުރުން އަލިފާން ބޯޅަ އުކާފައިވާ ކަމަށް އަލީ ޔާލިކަޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.