އޮކްޓޯބަރު ހަތެއްގެ ފަހުން އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 50،000 އަށް އަރައިފިއެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ޖުމްލަ 50،021 މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އިޒްރޭލުގެ ހަމަލާ ތަކުގައި ގާޒާއިން ޝަހީދުވީ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް އދ. އިން ހާމަކޮށްފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިޒްރޭލުން ގާޒާއަށް ދިން ހަމަލާގައި 41 މީހުން ޝަހީދުކޮށްލާފައިވާ އިރު، އިޒްރޭލުން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ މިދިޔަ ހަފުތާ އާދިއްތަ ދުވަހުން ފެށިގެން އަލުން ހަމަލާ ދޭން ފަށައިފައެވެ. އެގޮތުން އެއްބަސްވުމަށް ގޮންޖަހައި ދިން ހަމަލާ ތަކުގައި މިހާތަނަށް 500 އަށްވުރެން ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ގާޒާގެ އާންމުން ދިރިއުޅޭ ސަރަހައްދުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ގާޒާގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ގެދޮރުދޫކޮށް ދާން ވަނީ މަޖުބޫރުވެފައެވެ.