ވަރުން ދަވާން އަދި ޕޫޖާ ހެގްޑޭގެ ކުރިއަށް އޮތް ރޮމެންޓިކް ކޮމެޑީ ފިލްމު "ހެއި ޖަވާނީ ތޯ އިޝްޤް ހޯނާ ހެއި" ގެ ޝޫޓިންގެ ދެވަނަ މަރުހަލާ ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޭވިޑް ދަވާން ޑައިރެކްޓްކުރާ މި ފިލްމަކީ 90 ގެ އަހަރުތަކުގެ ކްލާސިކް ރޮމެންޓިކް ކޮމެޑީ ފިލްމުތަކުގެ ހަނދާންތައް ގެނެސްދޭނެ ފިލްމެކެވެ.

ގޯވާގައި ފިލްމުގެ ގިނަ ބައިތަކެއް ޝޫޓް ކުރުމަށްފަހު، ދެވަނަ މަރުހަލާގެ ޝޫޓިންތައް ކުރިއަށްދަނީ އިންޑިއާގެ އުތުރުގައި އޮންނަ ރިޝިކޭޝް ނަމަކަށް ކިޔާ ސިޓީއެއްގައެވެ. ޝޫޓިންގެ ތިންވަނަ މަރުހަލާ ކުރިއަށްދާނީ ލަންޑަނުގައެވެ.

މި ފިލްމަށް ވަރުންގެ ތުނބުޅި ބާލާފައިވާއިރު، މި ފިލްމުގައި ވަރުން ފެނިގެންދާނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބޯޑަރު 2" ގައި ފެންނަ ހަރުކަށި ސިފައާ ވަރަށްވެސް ތަފާތު ރޯލަކުންނެވެ.

ޕޫޖާ ހެގްޑޭ އަދި މްރުނާލް ތާކުރުގެ ރޯލާ ބެހޭ މައުލޫމާތު ހާމަކޮށްފައި ނުވި ނަމަވެސް، ލޯބީގެ ތިންކަން ހިމެނޭ މި ވާހަކައިގައި އެ ދެ މީހުންގެ މުހިންމު ދައުރުތަކެއް އޮންނާނެ ކަމަށް ލަފާކުރެވެއެވެ.