ދުނިޔޭގެ އެންމެ ބާރުބޮޑު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތުގެ ހީތްރޯ އެއާޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

ހީތްރޯ އެއާޕޯޓުގައި މިދިޔަ ހުކުރު ދުވަހު އަލިފާން ރޯވީ ސަބްސްޓޭޝަނެއްގައެވެ. އެ ހާދިސާގެ ސަބަބުން އެއާޕޯޓުން ކަރަންޓު ކެނޑި ހުރިހާ ހިދުމަތެއް ހުއްޓުނުއިރު، 1،350 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށް 119 ފްލައިޓް ޑައިވާޓް ކުރަންޖެހުނެވެ.

ހީތްރޯ އެއާޕޯޓުގެ ތަރުޖަމާނު ވަނީ އިއްޔެ އެއާޕޯޓު އާންމު ހާލަތަށް ގެނެސް އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން އެތައް ހާސް ފަސިންޖަރުން އެއާޕޯޓުގައި ތާށިވެފައިވާތީ އެ މީހުންނަށް ހިދުމަތް ދިނުމަށް އިތުރު މުވައްޒަފުން މަސައްކަތަށް ނެރެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.