އިއްޔެ މަގާމުން ވަކި ކުރި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރަނީ، ބަންދުގައި ތިބޭ ބިދޭސީން ދޫކުރުމުގެ މުގާބިލުގައި ފައިސާ ނެގުމުގެ ތުހުމަތު ކަމަށް "ވަން" އަށް ކަށަވަރު ވެއްޖެ އެވެ.
ޝައްމާން މަގާމުން ވަކިކުރުމަށްފަހު، އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު، އަހުމަދު ފަސީހު ރޭގެ ވަގުތެއްގައި ވަނީ އައްޔަން ކުރައްވައިފައެވެ.
ޝައްމާން ވަކިކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ރޭ ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޝައްމާން ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފައެވެ. އަދި އެތަނުން ބައެއް ސާމާނުވެސް ގެންގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.
މުއުތަބަރު މަސްދަރަކުން "ވަން" އަށް އެނގިފައިވާ ގޮތުގައި، ޝައްމާންގެ މައްޗަށް ތުހުމަތު ކުރަނީ، އިމިގްރޭޝަނުން ބަންދުކުރާ ބިދޭސީން ހައްޔަރުން ދޫކޮށްލުމުގެ އަގެއްގެ ގޮތުގައި ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތެވެ. އެ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ވެސް "ވަން" އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.
މި ތުހުމަތާ ގުޅޭ ގޮތުން، "ވަން" އިން ވަނީ ޝައްމާންގެ ބަހެއް ހޯދަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް މެސެޖަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު