މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އީދު ސަލާން ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 ން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކަމަށެވެ.
އީދު ސަލާން ކުރުމަށް މުލީއާގެއަށް ވަދުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި މުލީއާގެއަށް ދެވޭނީ، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އީދު ސަލާން ކުރުމުގައި ހުރިހާ ރައްޔިތުންނާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު ދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުއްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު