ފަނަރަ މިލިއަން ރުފިޔާގެ ފަންޑަކާއެކު ވަގުފު ފަންޑު ތަރައްގީކޮށް، "ކޭޝް ވަގުފު" ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ކޭޝް ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ހެދި އުސޫލު ވެސް ވަނީ އާންމުކޮށްފައެވެ.
"ދިވެހި ރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވިފައި. ވަގުފު ފަންޑަށް ސަދަގާތާއި ހައިރާތާއި ހިބައާއި ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެ. މި ބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެންދާނީ ކޭޝް ވަގުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން. ކޭޝް ވަގުފު ފަންޑު ފަށަނީ 15 މިލިއަން ރުފިޔާގެ ފަންޑަކާއެކުގައެވެ..،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ އެ ހެޔޮ ބަދަލަކީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުތަކެއް ކަމަށެވެ.
- ފަންޑުގެ ވަގުފުގެ ރުކުންތައް ބަޔާންކުރުން
- ފަންޑުގެ ނާޒިރު (މަސްއޫލުވެރިޔާ) އާއި އެ ފަރާތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން
- ފަންޑުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް ދެވޭނެ އެހީ ބަޔާންކުރުން
- ފަންޑުން އެހީ ދޫކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުން
- ފަންޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކާއި ހާލަތްތައް ބަޔާންކުރުން
- ވަގުފެއްކަން ސާބިތުކުރުމަށް ބޭނުންކުރެވިދާނެ އުސޫލެއް އެކަށައެޅުން
- އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ފެތުރުމާއި އެފަދަ މަރުކަޒުތަކާއި މުއައްްސަސާތައް ގާއިމުކުރުމާއި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އެ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުން
- އިސްލާމްދީނުގައި މިސްކިތްތަކަށް ދެވިގެންވާ މަތިވެރި ގަދަރު ދެމެހެއްޓުން
- ނަގުދު ފައިސާއާއި މި ފަންޑުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޝަރުއީގޮތުން އަގުކުރެވޭ ކޮންމެ މުދަލެއް ގަގުފުކުރެވިދާނެ
- ފަންޑަށް އެކި ފަަރާތްތަކުންދޭ ސަދަގާތާއި ހައިރާތާއި ހަދިޔާއާއި ވަސިއްޔަތާ އަދި އެހީގެ ގޮތުގައި ދޭ ފައިސާ ވެސް ބަލައިގަނެވޭނެ. ނަމަވެސް އޭގެ ތަފްސީލުތައް ބަލަހައްޓާނީ ވަގުފު މުދަލާއި ފައިސާއާ ވަކިން
- އިސްލާމީ ޝަރީއަތް ހުއްދަކުރާ ދާއިރާތަކަށް އިންވެސްޓްކުރުން
- ފަންޑުގެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާ ފަންޑުން އަނބުރާ ޖަމާކުރުން
- ފަންޑުގެ ފައިސާ އިންވެސްޓްކުރުމުގެ މަސައްކަތްކުރާ ފަރާތަކީ، އެކަމުގެ ގާބިލިއްޔަތުކަން ހުރި އަމާނާތްތެރި ބަޔަކަށްވުން
- ބޭނުންވެއްޖެ ހިނދެއްގައި ލިކުއިޑޭޓްކުރަން (އިންވެސްޓުކުރަން) ފަސޭހަ ގޮތަކަށް އިންވެސްޓްކުރުން
- ލިކުއިޑޭޓްކުރެވޭ (އިންވެސްޓްކުރެވޭ ފައިސާ) ފައިސާ އަނބުރާ ފަންޑަށް ޖަމާކުރުން
- އެކަށީގެންވާ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްފަހު ފައިދާވާނެކަމަށް ބެލެވުން
- އިންވެސްޓްކުރާ ފައިސާއަކީ ފަންޑުގައި ދެމިއޮތް މުދަލެއް ކަމުގައި ބެލުމާއި ފަންޑުން ކުރާ ހަރަދެއްގޮތަށް އިންވެސްޓް ނުކުރުން
ވަގުފު ފަންޑާ ގުޅޭ އުސޫލުގައި ބުނެފައިވަނީ، އެއްވެސް ސަބަބަކާހުރެ އެ ފަންޑު އުވާލަން ޖެހިއްޖެ ނަމަ ފަންޑުގައިވާ ވަގުފު މުދަލާއި ފައިސާ ޝަރުއީ ލަފާދޭ ކޮމީޓިގެ މަތިން އެެހެން ވަގުފަކަށް ނުވަތަ ވަގުފު ފަންޑަކަށް ބަދަލުކުރަންވާނެ ކަމަށެވެ.
އެ އުސޫލަށް އެއްވެސް އިސްްލާހެއް ގެންނަންޖެހޭނަމަ އިސްލާހެއް ގެންނާނީ، މިނިސްޓަރު އަދި ޝަރުއީ ލަފާދޭ ކޮމިޓީގެ ލަފާދޭ ކޮމިޓީގެ މަތިން، ފަންޑު ކޮމިޓީން ކަމަށް ވެސް އެ އުސޫލުގައިވެއެވެ.
ފަންޑުގެ ދަށުން ކޮމިޓީން އެހީ ދޫކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކެއް ކަނޑައަޅާފައި އޮންނަން ޖެހެއެވެ. ވަގުފު ފަންޑުން އެހީއަށް އެދި ހުށަހަޅަން ޖެހެނީ އެކަމަަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށެވެ. އެ ފޯމު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު