މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، މާލޭ ސިޓީ ކައުންސިލްގެ ހުއްދައާ އެކު، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދި ކަމަށް ބުނާ ވާހަކަ މޭޔަރު އާދަމް އާޒިމް ދޮގު ކުރައްވައިފިއެވެ.
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކޮށް އެތަނުގައި ޕާކިން އިމާރާތެއް ހެދުމަށް ކައުންސިލުން ނިންމައި، އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ މަސައްކަތް ސިޓީ ކައުންސިލުން އަދިވެސް ކުރަމުންދާއިރު އެތަނުގެ ތެރޭގައި ވަށް ބުރަކަށް ވެލި ބަސްތާ ޖަހާފައިވާ ފޮޓޯ އަކާއެކު ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަންނު ސަރަހާގައި މިހާރު ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން 'ވަން' އިން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ، މާފަންނު ސަހަރާގައި އެއްވެސް ކުޅިވަރެއް ނުކުޅޭނެ ކަމަށާއި އެފަދަ ކަމަކަށް ހުއްދައެއްވެސް ދީފައި ނުވާނެ ކަމަށެވެ.
އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހަދަން އެއްވެސް ބަޔަކަށް ހުއްދަ ދީފައިވާނެތޯ ސުވާލުކުރުމުން މޭޔަރު ވަނީ އެފަދަ ހުއްދައެއް ދީފައިނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރާއްޖޭގެ ތާރީހުގެވެސް މުހިންމު ތަރިކައެއް ކަމަށްވާ މާފަންނު ސަހަރާގައި މީހުން ވަޅުލުން ހުއްޓާލީ 90ގެ ފަހުކޮޅުއެވެ. އެތަނަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން ވަޅުލާފައިވާ ތަނެވެ.
ޚަބަރު
ޚަބަރު
ޚަބަރު