ކާއިނާތުގެ ވެރި މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ ރުހިވޮޑިގެންވާ ހަނީފީ ދީން ފުރިހަމަކުރެއްވުމަށްޓަކައި މިންވަރުކުރައްވައިފައިވަނީ أبـــوالأنــبــيــــاء إبــــراهــيـــــم عــلــيـــه الـسّــلام ގެ ދަރިކޮޅުގެ އިސްމާޢީލީ ގޮފީން ނަބީބޭކަލަކު ފޮނުއްވުމަށެވެ. إبــــراهــيـــــم عــلــيـــه الـسّــلام އެކަލޭގެފާނުގެ ދަރިކަލުން إسمـــــاعـــيــــل ގެފާނާއި އެދަރިކަލުންގެ މައިކަނބަލުން هـــــاجــــــــر މައްކާގައި ވަޒަންވެރިކުރެއްވީ މިދެންނެވި އިލާހީ މިޝަން ފުރިހަމަކުރެއްވުމަށްޓަކައެވެ.

ރަޙުމަތުގެ ރަންތަރި އުދަރެހުން ފާޅުވި ޒަމާން އަތުވެއްޖެއެވެ. މައްކާގައި ވެރިކަންކުރަނީ ޤުރައިޝްވަންހައިގެ މީހުންނެވެ. އެއީ إسمـــــاعـــيــــل ގެފާނުގެ ދަރިކަލުން قـــيـــــدار ގެ ދަރިކޮޅަށް ނިސްބަތްވާ ބަޔެކެވެ. ޤުރައިޝްވަންހަޔަކީ ޢަރަބީންގެ އެންމެ ޢިއްޒަތްތެރި ޤަބީލާއެވެ. އެންމެ ބާރުހުރި ވަންހައެވެ. އެ ވަންހައިގެ އެންމެ ޤަދަރުހުރި ދަރިކޮޅަކީ عــبـــد مـــنـــــاف ވަންހައެވެ. އެ ވަންހައިގެ މާތްކަމުގެ ކުރިބޯއްޓަކީ عــبـــد مـــنـــــاف ގެ ދަރިކަލުން هـــاشــــم އެވެ. މައްކާގެ ވެރިކަމުގައި ހުންނެވީ عــبـــد مـــنـــــاف ގެ ދަރިކަލުން هـــاشــــم ގެ ދަރިކަލުން عــبـــدالمطّــلــب އެވެ. އެކަލޭގެފާނުގެ އެންމެ ލޮބުވެތި ދަރިކަލުން عــبـــداللّــــه އަކީ އެޒަމާނުގައި ޤުރައިޝްވަންހައިގައި ހުންނެވި އެންމެ ރީތި ޒުވާނާއެވެ. ޤުރައިޝްވަންހައިގެ ރީތި ޒުވާން އަންހެންކުދީންގެ ފަރާތުން عــبـــد اللّــــه ގެފާނަށް ވަނީ يـــوسف عــلــيـــه الـسّــلام ގެ ޒަމާނުގައި އެކަލޭގެފާނަށް ކުރިމަތިކުރެވުނުފަދަ ކަންތައްތަކެއް ކުރިމަތިކުރެވިފައެވެ. އެކަމަކު އެކަލޭގެފާނު ހުންނެވީ ޢިއްފަތްތެރިކޮށެވެ. ޠާހިރުގޮތުގައެވެ. عــبـــدالمطّــلــب ގެފާނުގެ ހުވަފެންފުޅަކާ ވިދިގެން عــبـــد اللّــــه ގެފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޤުރުބާންކުރެއްވުމުގެ މައްސަލަ ހަމަޖެހިއްޖެއެވެ. عــبـــد اللّــــه އަށް އަނބިކަނބަލަކު ހޯއްދަވައިދެއްވުމުގެ ވަގުތު އަތުވެއްޖެއެވެ. عــبـــدالمطّــلــب ގެފާނު عــبـــداللّــــه ގެފާނު ގޮވައިގެން ވަޑައިގެންނެވީ ޤުރައިޝްވަންހައިގެ ޤަދަރުހުރި ޢާއިލާއެއްކަމުގައިވާ ޒުހުރަތުވަންހައިގެ ރައީސް وهــب ގެ އަޚު وهـيـب ގެ އަރިހަށެވެ. އޭރު وهــب އަވަހާރަވެފައިވާތީއެވެ. عــبـــدالمطّــلــب ގެފާނު وهــيـب ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ وهــيـب އެވެ. އަހުރެންގެ ދަރިފުޅު عــبـــد اللّــــه ތިބާގެ ދަރިކަލަކަށް ހައްދަވާށެވެ. ތިބާގެ އަޚު وهــب ގެ ދަރިކަނބަލުން آمـنــة އާ މީނާއާ ކާވެނިކޮށްދެއްވާށެވެ." އޭރު

عــبـــدالمطّــلــب ގެފާނު ހުންނެވީ وهــيـب ގެ ދަރިކަނބަލުން هـــالـــــة އާ ކާވެނިބައްލަވައިގެންނެވެ. وهــيـب عــبـــدالمطّــلــب ގެފާނުގެ ހުށަހެޅުއްވުން ގަބޫލުކުރެއްވިއެވެ. އޭނާގެ އަޚު وهــب ގެ ދަރިކަނބަލުން آمـــنـــــة ގެފާނާއި عــبـــد اللّــــه ގެފާނާ ކާވެނިކޮށްދެއްވިއެވެ. آمـــنـــــة ގެފާނަކީވެސް އެޒަމާނުގެ ޤުރައިޝްވަންހައިން ހޮވައިލެވޭ ރީތި އަންހެން ސާހިބެކެވެ. هـــاشــــم ވަންހައާއި زهـــرة ވަންހަ ވަނީ كــلاب بـــــن مــــــــرّة އާ ހަމައިން ގުޅި، އެއް ވަންހަޔަކަށްވެފައެވެ. މިއީ އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބަފައިކަލުންނާއި މައިކަނބަލުންގެ ވަންހަފުޅު ގުޅި، އެއް ވަންހަފުޅަކަށްވާ ހިސާބެވެ. އެހެންކަމުން ކައުސާހިބާއަކީ ދެފަރާތްޕުޅުންވެސް ކަލަމިދި ޤުރައިޝީ އަޝްރާފެކެވެ.

ކައުސާހިބާގެ ބައްޕާފުޅާއި މަންމާފުޅާ ކާވެނިބައްލަވައިގެންނެވިތާ މާގިނަދުވަހެއްނުވެ عــبـــداللّــــه ގެފާނު ވިޔަފާރި ދަތުރުފުޅަކު ޝާމުކަރަޔަށް ފުރައިވަޑައިގެންފިއެވެ. عــبـــدالمطّــلــب ގެފާނު عــبـــداللّــــه ގެފާނަށް އިރުޝާދުދެއްވައިފައިވަނީ ޝާމްކަރައިން އެނބުރިވަޑައިގަންނަވާއިރު

عــبـــدالمطّــلــب ގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުންގެ އަރިހުގައި މަދީނާގައި ދުވަސްކޮޅަކު މަޑުކޮށްލައްވާށެވެ. ކަދުރުގެ ވިޔަފާރި ކުރެއްވުމަށްޓަކައެވެ. عــبـــد اللّــــه ގެފާނު މަދީނާގައި ހުންނަވަނިކޮށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއްގައި އެކަލޭގެފާނު ވަނީ އަވަހާރަވެފައެވެ. ބަޔެއް ރިވާޔަތްތަކުގައިވާގޮތުން عــبـــد اللّــــه ގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅު ފެށިފައިވަނީ ޝާމްކަރައިގައި ހުންނަވަނިކޮށެވެ. މަދީނާގައި މަޑުކުރެއްވީ އާލާސްކަންފުޅުގެ ސަބަބުންނެވެ.

ރަޙުމަތުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އަބްރަހަތު ގެފުޅު މުގުރާން އައި އަހަރުއެވެ. އަރަހުށި މާތް اللّــــه އޭނާއާއި އޭނާގެ ލަޝްކަރު ހަލާކުކުރެއްވިތާ ފަންސާސްވަނަޔަށްވީ ދުވަހުއެވެ. ދުވަހަކީ ރަބީޢުލްއައްވަލުމަހެއްގެ ކުރީކޮޅުގެ ހޯމަ ދުވަހެކެވެ. ޢަރަބީން އެ އަހަރަށް ކިޔައިއުޅެނީ ޢާމުލްފީލެވެ. ވަގުތަކީ ފަތިހުގެ ވަގުތެވެ. ޢާންމުގޮތެއްގައި މަޝްހޫރުވެފައިވާ ގޮތުގައި އެދުވަހަކީ ޢާމުލްފީލުގެ ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހެވެ. ނަމަވެސް މިހާރުގެ އިތުބާރުހުރި މުއައްރިޚުންނާއި ފަލަކީ ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި އެދުވަހަކީ 9 ރަބީޢުލްއައްވަލް 1 ޢާމުލްފީލެވެ. މީލާދީ ސަނަތުން 20 އެޕްރީލް 571 އެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މައިކަނބަލުން آمـــنـــــة ގެފާނު އިންނެވީ އެކަމަނާގެ އެބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައެވެ. އިތުރު ސާހިބާ ރައްކައުވި ޚަބަރު ދެއްވުމަށްޓަކައި آمـــنـــــة ގެފާނު ފޮނުއްވި ބަޝީރު ވަޑައިގެންނެވިއިރު ކާފާކަލުން عــبـــدالمطّــلــب ހުންނެވީ ފަތިހުގެ ޠަވާފު ކުރެއްވުމަށްޓަކައި كــعـــبـــة اللّــــه ގެފުޅު އަރިހުގައެވެ. عــبـــدالمطّــلــب ގެފާނަށް އެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވީ ބަޔާންނުކުރެވޭފަދަ މަތިވެރި އުފާފުޅެކެވެ. އެކަލޭގެފާނު އަވަސްއަވަހަށް ވަޑައިގެންނެވީ ލޮބުވެތި ކާފަދަރިކަލުން ދެކެވަޑައިގެންނެވުމަށެވެ. ލޮބުވެތި ދަރިކަލުން މޭފުޅުގައި ޖައްސަވައި ބޮނޑިކޮށްލެއްވިއެވެ. ދަރިކަލުންގެ ނިތްކުރިފުޅުގައި ބޮސްދެއްވިއެވެ. ހަމައެވަގުތު އެ ދަރިކަލުން ގޮވައިގެން ވަޑައިގެންނެވީ ޙަރަމްފުޅުގެ ތެރެޔަށެވެ. كــعـــبـــة اللّــــه ގެފުޅު ހުޅުއްވައިގެން ދަރިކަލުން ގޮވައިގެން ވެދެވަޑައިގެންނެވިއެވެ. އަރަހުށި މާތް اللّــــه އެކަލޭގެފާނަށް މިދެއްވި އަގުބޮޑު ހަދިޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އެ ދަރިކަލުންގެ އުމުރުފުޅު ދިގުކުރައްވައި މަތިވެރި ކާމިޔާބީތަކެއް މިންވަރުކޮށްދެއްވުން އެދިވަޑައިގެން އިބްތިހާލުވެވަޑައިގެންނެވިއެވެ. عــبـــدالمطّــلــب ގެފާނު އެދުވަހު ވިދާޅުވި ދުޢާފުޅުގެ ޅެމުގެ ޚުލާޞާ މާނައިގައިވެއެވެ.

"ހުރިހައި ޙަމްދަކާއި ތާރީފެއް ހުރީ ރަތްކުލަޔަކަށްދާ ދޮންކުލައިގެ މި ޠާހިރު ލޮބުވެތި ދަރިފުޅު މިއަޅާއަށް ދެއްވި ދީލަތިވަންތަ اللّــــه އަށެވެ. މީނާގެ ތުއްތުއިރުވެސް މީނާއަކީ ކުޑަކުދީންގެ އަމީރެއްކަމުގައި ލައްވާނދޭވެ! އޭ ދީލަތިވަންތަ މާތް اللّــــه އެވެ! މިއަޅާގެ މި ދަރިފުޅު އިބަރަސްކަލާނގެ ރައްކާތެރިކަމުގެ ދަށަށް ދޫކޮށްލަމެވެ. އިބަރަސްކަލާނގެއީ މިފެންނަ ގަދަފަދަވެގެންވާ ރައްކާތެރި މާތް ގެފުޅުގެ ވެރިރަސްކަލާނގެއެވެ. މިއަޅާ އެދެނީ މި ދަރިފުޅަކީ ދުޅަހެއި ގުނަވަންތައް ވަރުގަދަ ޒުވާނަކަށްވާތަން ދެއްކެވުމެވެ. ކޮންމެ ދުޝްމިނެއްގެ ކިބައިން މި ދަރިފުޅު ޙިމާޔަތް ކޮށްދެއްވުން އެދެނީ އިބަރަސްކަލާނގެ ރައްކައުތެރިކަމާއި ޙިމާޔަތުގެ ބާރުގައެވެ. ކޮންމެ ޙަސަދަވެރިއަކާއި ނުނިޔަތްލާ މީހެއްގެ ކިބައިން މި ދަރިފުޅު ރައްކާތެރިކޮށްދެއްވުން އެދެނީވެސް އިބަރަސްކަލާނގެ ޙަޟުރަތުންނެވެ. މީނާއަކީ ކުޅަދާނަ ބަސްވާރެއް ކަމުގައްޔާއި ދޫފަސޭހަ ބަސްމޮށުންތެރިޔަކު ކަމުގައި ވެއްޖައުމަށް ދާނދެނެވެ."

عــبـــدالمطّــلــب ގެފާނު ލޮބުވެތި ކާފަދަރިކަލުންނަށް ހަތްދުވަސްފުޅުވީ ދުވަހު ޢަޤީޤާ ކަތިލައްވައި ޤުރައިޝުންނަށް ދަޢުވަތު ދެއްވިއެވެ. ޢަޤީޤާ ކަތިލުމަކީ އިބްރާހީމީ ސުންނަތްތަކުގެ ތެރެއިން އޭރުވެސް ޢަރަބީންގެ ތެރެއިން ފިލައިގެން ނުގޮސް އޮތް ކަމެކެވެ. عــبـــدالمطّــلــب ގެފާނުގެ ލޮބުވެތި ކާފަދަރިކަލުންނަށް ނަންދެއްވީ محــمّــــد ގެ ނަމުންނެވެ. އެ ނަންފުޅަކީ ޤުރައިޝުންގެ ނަންކިޔުމުގެ އާދަޔާ ޚިލާފު ނަންފުޅެކެވެ. އެހެންކަމުން ޤުރައިޝުން އެކަމާ ސުވާލުކުރިއެވެ. عــبـــدالمطّــلــب ގެފާނު ޖަވާބުދެއްވިއެވެ. "އަހުރެން އެދެނީ އުޑުގައި މާތް اللّــــه އަހުރެންގެ މިދަރިކަލުންނަށް ތާރީފުކުރެއްވުމެވެ. ބިންމަތީގައި ޚަލްޤުތަކުން މި ދަރިފުޅަށް މާތްކޮށްހިތައި ސަނާކިޔުމެވެ."

ســيّـــدة آمـــنـــــة ވިދާޅުވާގޮތުގައި އެކަމަނާގެ ދަރިކަލުންގެ ނަންފުޅެއްކަމުގައި ހުވަފެންފުޅުގައި ބަޝާރަތު ލިބިވަޑައިގެންފައިވަނީ أحمـــد އެވެ. އެ ބަޝާރަތު ލިބިވަޑައިގެންނެވީ هـــاجـــــــر އަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ إسمـــــاعـــيــــل ކަމުގައި އިލްހާމްކުރެއްވި ފަރާތްޕުޅުންނެވެ. مــــــريـــــــم ގެފާނަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ عيسـى ކަމުގައި ބަޝާރަތު ލިބިވަޑައިގެންނެވި މަސްދަރުންނެވެ. محــمّــــد އާއި أحمـــد އަކީ މާނައިގެގޮތުން ވަރަށް ކައިރި ދެނަމެވެ. ދާދި އެއްމާނައެއްގެ ދެނަމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘްކުރައްވައިފައިވެއެވެ. "އުޑުގައި އަހުރެންގެ ނަމަކީ أحمـــد އެވެ. ބިމުގައި محــمّــــد އެވެ."

(ނުނިމޭ)