ތަޖުރިބާކާރު ފިލްމް ޕްރޮޑިއުސަރު، ރާކޭޝް ރޯޝަން މިހާތަނަށް ކްރިޝް ފްރެންޗައިޒް ޑައިރެކްޓްކޮށްފައިވީ ނަމަވެސް، ހަތަރުވަނަ ބައިގައި އެ ޒިންމާ އެހެން ފަރާތަކާ ހަވާލު ކުރަން ވަނީ ނިންމައިފައެވެ. އޭނާގެ ދަރިފުޅު ރިތިކް ރޯޝަން ލީޑް ރޯލުގައި ފެނިގެންދާ މި ފްރެންޗައިޒްގެ ހުރިހާ ބައެއްވެސް ބޮކްސް އޮފީހުގައި ވަނީ ކާމިޔާބު ވެފައެވެ.

އެހެންނަމަވެސް ދެން އަންނަ ބައި ޑައިރެކްޓްކުރާނީ ކާކުހެއްޔެވެ؟ މީޑިއާއަށް ދިން އިންޓަވިއުއެއްގައި، ރާކޭޝް ރޯޝަން ބުނީ އެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ.

މި އާ ބައި ޑައިރެކްޓްކުރާނެ އާ ޑައިރެކްޓަރަކީ ކާކުކަން ނުބުނެ، ރާކޭޝް ބުނީ، ރަނގަޅަށް ކަންކަން އެނގޭއިރު މިކަންކަން ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. އެއިރުން އެ މަސައްކަތް ބަލައި، އެކަން ރަނގަޅަށް ކުރެވޭކަން ކަށަވަރުކުރެވޭނެ ކަމަށާއި މާދަމާ ދުނިޔޭގައި ނެތް ވަގުތެއްގައި އެކަން ހަވާލުކުރަން ޖެހިއްޖެނަމަ، އެމީހުން ހަދަނީ ކޮން އެއްޗެއްކަން ނޭނގޭނެ ކަމަށެވެ.

ރާކޭޝް އިތުރަށް ބުނީ ކްރިޝް 4 އަމިއްލައަށް ޑައިރެކްޓް ނުކުރާން ނިންމި ނިންމުމާމެދު އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށެވެ. އޭނާ ބުނީ ރާކޭޝް ރޯޝަން ކްރިޝް 4 ޑައިރެކްޓްކޮށްފިނަމަ އެއީ ބްލޮކްބަސްޓާ ފިލްމަކަށްވާނެކަމުގެ ޔަގީންކަމެއްވެސް ނެތް ކަމަށެވެ. އަދި އޭގެ އިދިކޮޅަށްވެސް ވެދާނެ ކަމަށެވެ.

ރާކޭޝް މި ފްރެންޗައިޒް ފެށީ 2003 ވަނަ އަހަރު 'ކޯއި މިލް ގަޔާ' ނަމަކަށް ކިޔުނު ސައިންސް ފިކްޝަން ފިލްމަކުންނެވެ. އޭގެ ފަހުން ސުޕަރހީރޯ ފްރެންޗައިޒްއަކަށް ބަދަލުކުރީ 2006 ވަނަ އަހަރު 'ކްރިޝް' އާ އެކުގައެވެ. އެއަށްފަހު 2013 ވަނަ އަހަރު 'ކްރިޝް 3' ނެރުނެވެ. މި ހުރިހާ ފިލްމެއްގައިވެސް ލީޑް ރޯލުގައި ފެނިގެންދިޔައީ ރިތިކް ރޯޝަން އެވެ. އަދި ފަހު ދެ ފިލްމުގައި އޭނާއާއެކު ޕްރިޔަންކާ ޗޯޕްރާވެސް ފެނިފައިވެއެވެ.

ކްރިޝް 4 އާ ބެހޭގޮތުން އެއްވެސް ރަސްމީ އިއުލާނެއް ކުރެވިފައި ނުވި ނަމަވެސް، އޭގެ ސްކްރިޕްޓެއް ލޮކްކުރެވިފައިވާ ކަމުގެ ރިޕޯޓުތަކެއް ނުކުމެފައިވެއެވެ.

މި ދަނޑިވަޅުގައި ރިތިކް މިހާރު ޝޫޓްކުރަމުން އަންނަނީ 'ވޯރ 2' އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމުގެ ޑާންސް ސީކުއެންސެއް ޝޫޓްކުރަމުން ދަނިކޮށް އޭނާގެ ކަކުލަށް އަނިޔާއެއް ލިބުނެވެ. 'ވޯރ 2' ގައި އެން.ޓީ.އާރް ޖޫނިއަރ އަދި ކިއާރާ އަދްވާނީވެސް ފެނިގެންދާނެއެވެ.