މިފްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީ ދިނުމަށް އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު، އައިއެސްޑީބީއިން ނިންމައިފިއެވެ.

ސަރުކާރުގެ އެހީތެރިކަމާ އެކު، މިފްކޯއިން އައިއެސްޑީބީގައި އެދުނީ 64.6 މިލިއަން ޑޮލަރުގެ ލޯނަކަށެވެ. އެ މިފްކޯއަށް ދިނުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މިފްކޯއިން ބުނި ގޮތުގައި އެ ފައިސާއިން ހަތް މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެއީ، އިހަވަންދޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑު ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓި ގާއިމްކުރުމާއި ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނައުމާއި މިފްކޯއިން ހިންގާ ބައެއް ރަށްރަށުގައި ސްޓާފް އެކޮމޮޑޭޝަން ހެދުމާއި މިފްކޯގެ ސްޓާފުންނަށް ޓްރެއިނިން ޕްރޮގްރާމުތައް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވަން މި އަހަރު ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ހުޅުމާލޭގައި ކަންނެލި ފެކްޓަރީއަކާއި ފިޔޯރީ އާއި އިހަަވަންދޫގައި މަސް ފެކްޓަރީ ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ އަމާޒަކީ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ.