ފަސްދޮޅަސް ހަ ރަށެއްގެ ކުނި މެނޭޖުމެންޓް ސެންޓަރުތައް އަޕްގްރޭޑް ކުރުމާއި އަށް ރަށުގައި މުޅިން އަލަށް ކުނި މެނޭޖުމަންޓް ސެންޓަރުތައް ހަދަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

"މަގޭ ސާފުރާއްޖެ ޕްރޮގްރާމްގެ" ގެ ތެރެއިން 75 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަންއާއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ހަފުތާގައި ވަނީ 35 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރަން ހަވާލުކޮށްފައިވާ ކަމަށެވެ. އެއާއެކު ޖުމްލަ 109 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރަން ހަވާލުކޮށްފައިވާ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ 109 ރަށް ފިޔަވައި ދެން ހުރި ރަށްތަކުގައި ފާއިތުވި އަހަރުތަކުގައި އެ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ކުނި މެނޭޖުމަންޓް ފެސިލިޓީތައް ގާއިމްކޮށްފައިވާ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އަމާޒަކީ، މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ މިނިސްޓްރީގެ މިންގަނޑަށް ކުނި މެނޭޖުމަންޓް ފެސިލިޓީތައް ގާއިމްކޮށް ނިންމުން ކަމަށެވެ.